ގދ މަޑަވެލީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްފި

ގދ. މަޑަވެލީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްފި އެވެ. އެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވީ ގއ އަދި ގދ ގެ ރަށްރަށަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިހާރު ކުރައް...

07 Aug 2018 | 06:15

ގދ. މަޑަވެލީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްފި އެވެ. އެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވީ ގއ އަދި ގދ ގެ ރަށްރަށަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިހާރު ކުރައްވާ ދަތުރުފުޅުގައި މިއަދު ގދ. މަޑަވެއްޔަށް ވަޑައިގެންނެވެ.

މަޑަވެލީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއު ފަށާފައި ވަނީ 2016 ވަނަ އަހަރުއެވެ. ޖުމްލަ 10.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އާއެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމިފައިވަނީ މިދިޔަ އަހަރުއެވެ.

މި މަޝްރޫއުގެ ދަށުން މަޑަވެލީގެ ގިރާ ސަރަހައްދަށް 17,926. ކޮޑި މީޓަރަށް ވެލިއަޅައި، ރަށުގެ ގިރާ ސަރަހައްދުގައި 454.5 މީޓަރުގެ ގޮނޑުދޮށް ބޮޑު ހިލަ ޖަހައިގެން ވަނީ ހިމާޔަތްކޮށްފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ހުވަދު އަތޮޅަށް މިއަދު ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި ގދ. ފަރެސްމާތޮޑާއާއި، ގދ. ގައްދޫއަށް ވަޑައިގެން އެދެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމާއި، އެދެރަށުގައި ތަރައްޤީކުރައްވާފައިވާ ބަނދަރު ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ގދ. ގައްދޫއަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށާއި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ހުޅުއްވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ގއ. ކޮނޑޭއަށް ވަޑައިގެން އެރަށު ބަނދަރު ހުއްޅުއްވައިދެއްވުމަށާއި، ގއ. ކޮލަމާފުއްޓަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށާއި، ގއ. ވިލިނގިއްޔަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރެއްވުމާއި، ވިލިނގިލީގައި ހަދާފައިވާ ހައުސިންގ ޔުނިޓްތައް ހުޅުއްވައި ދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ގއ. ކޫއްޑޫއަށް ވަޑައިގެން ކޫއްޑޫގައި ތަރައްޤީކޮށްފައިވާ މަސްވެރިންގެ މެރީނާ ހުޅުއްވައިދެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް