ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުވަދުއަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށާއި، ހުވަދުއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ގދ.މަޑަވެއްޔާއި، ގދ.ފަރެސްމާތޮޑާ އަދި ގދ.ގައްދޫއަށް ވަޑައިގެން އެރަށްރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރެއްވުމާއި، އެރަށްރަށުގައި ތަރައްޤީކުރައްވާފައިވާ ބަނދަރުތައް ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ގދ. ގައްދޫގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށާއި، އެރަށުގައި ހަދާފައިވާ ހައުސިންގ ޔުނިޓްތައް ހުޅުއްވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ގއ. ކޮނޑޭއަށް ވަޑައިގެން އެރަށު ބަނދަރު ހުއްޅުއްވައިދެއްވުމަށާއި، ގއ. ކޮލަމާފުއްޓަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށާއި، ގއ. ވިލިނގިއްޔަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރެއްވުމާއި، ވިލިނގިލީގައި ހަދާފައިވާ ހައުސިންގ ޔުނިޓްތައް ހުޅުއްވައި ދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ގއ. ކޫއްޑޫއަށް ވަޑައިގެން ކޫއްޑޫގައި ތަރައްޤީކޮށްފައިވާ މަސްވެރިންގެ މެރީނާ ހުޅުއްވައިދެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް