ދިރިއުޅުމުގައި ކުރާ ކަމަކުން ފެއިލް ވެދާނެތީ އެކަމާ ބިރު ގަންނަ މީހުން މަދެއް ނޫނެވެ. ތިމާ ކޮންމެހެން ހާސިލުކުރަން ބޭނުންވާ ކަމެއް ނުވެ، އެކަމަކުން ފެއިލުވެދާނެތީ އެކަމާ ބިރުގަނެ އެބިރުން ސަލާމަތްވާން ތަފާތު އެކި ކަންކަން މީހުން ކޮށްއުޅެއެވެ. އެލިސްޓުގައި ހުރިހާ ފަންތިއެއްގެ މީހުން ހިމެނެއެވެ. ހުރިހާ މަސައްކަތެއް ކުރާ މީހުންވެސް ހިމެނެއެވެ. އެގޮތުން ފިލްމީ އިންޑަސްޓްރީގައި ހަރަކާތްތެރިވާ މީހުންވެސް އެލިސްޓުން އިސްތިސްނާއެއް ނުވެއެވެ.
ބޮލީވުޑް ފަތަހަ ކުރުމަށްފަހު މިހާރު ހޮލީވުޑް ފަތަހަ ކުރުމަށް މަސައްކަތްކުރަމުންދާ ތަރި ޕްރިޔަންކާ ޗޮޕްރާ ބުނާގޮތުން އޭނާ ދިރިއުޅުމުގައި އެންމެ ބިރު ގަންނަނީ ކުރާ ކަމަކުން ފެއިލްވެދާނެތީއެވެ. ކާމިޔާބު އެކްޓްރެސްއަކަށް ވުމަށްފަހުވެސް އޭނާގެ މިބިރު ފިލައިގެން ނުދާކަމަށް ޕްރިޔަންކާ ބުންޏެވެ. ދިރިއުޅުމުގެ އެއްވެސް ހިސާބަކުން ފެއިލުވުމާއި ކުރިމަތިލާން ޖެހިއްޖެނަމަ އެހިސާބުން އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާކަމަށް ޕްރިޔަންކާ ބުންޏެވެ.
" އަހަރެން އެންމެ ބިރު ގަންނަނީ ފެއިލްވެދާނެތީ. ފެއިލް ވުމަކީ އަހަރެން އެންމެ ރުޅި އަންނަ ކަންތައް. ކަމެއްގައި ފެއިލްވެއްޖިއްޔާ ދެން އެހިސާބުން އެހެން ގޮތަކަށް އުޅެވެން ފަށާނީ. ކަމަކުން އަހަރެން ފެއިލްވެއްޖިއްޔާ މަންމަ ބުނާނެ އެންމެން ކައިރީ އޭނަ އެކަނި ބަހައްޓާށޭ އަޅާނުލާ. އެކަމަކު ފެއިލުވެދާނެތީ ގަންނަ ބިރެއްގެ ސަބަބުން ފެއިލުވީމާއި އެހާބޮޑަށް އަހަރެން ހާހެއްނުވޭ. އެހާސްވުމުން އަހަރެން ދުރުކޮށްދޭ. " ޕްރިޔަންކާ ބުންޏެވެ.
ޕްރިޔަންކާ ގަބޫލުކުރާގޮތުގައި ދިރިއުޅުމުގައި އަންހެނުންނަށް ލިބޭ ފުރުސަތުތައް މަދުވުމަކީވެސް ފެއިލްވެދާނެތީ އެމީހުން ބިރު ގަންނަ ސަބަބެކެވެ. އެކަމުގެ ސަބަބުން އެމީހުންނަށް ލިބޭ ފުރުސަތެއްގެ ބޭނުން އެންމެ ފުރިހަމައަށް ހިފަން އެމީހުން ބޭނުންވެއެވެ. އެކަމުގެ ތެރޭގައި އެމީހުން އެކަކު އަނެކަކު ދައްކޮށްލުމަށް މަސައްކަތްކުރާކަމަށް ޕްރިޔަންކާ ބުންޏެވެ.
" މި އިންޑަސްޓްރީއަށް އެންމެ ފުރަތަމަ ވަތްއިރު އަހަންނަށް ވިސްނިފައި އޮތީ އަހަންނަށް އެކަންޏޭ މިއިންޑަސްޓްރީން ޗާންސް ލިބެންޖެހޭނީ. މިސް ވޯލްޑްގެ ޓައިޓަލް އާއެކު އިންޑަސްޓްރީއަށް ވަދެވުމާއެކު އަހަންނަށް ވިސްނިފައި އޮތީ އަހަރެން ކުރާ ކޮންމެ ކަމެއްވެސް ވަރަށް އިތުބާރާއެކު އޭ ކުރަންޖެހޭނީ. އެކަމަކު އިންޑަސްޓްރީގައި ދެތިން އަހަރު އުޅުނީމާ އަހަންނަށް ވިސްނުނީ އެއިތުބާރު އަހަރެންގެ އަމިއްލަ ނަފުސަށް އޮންނަމަ އެހެން މީހަކު ދައްކޮށްލާކަށް ނުޖެހޭނޭ. " 36 އަހަރުގެ އެކްޓްރެސް ބުންޏެވެ.
ޕްރިޔަންކާ ބުނީ އެހެން މީހަކު ކުރިއަރުވަން އެހީތެރިވެ ދިނުމަކީ ކުރެވޭނެ އެންމެ ރަނގަޅު ކަންތައްކަމަށް ފަހުން ވިސްނުނުކަމަށެވެ. ފިލްމު ތަކުގައި މަސައްކަތް ކުރަން ފެށުމުން އެކަން ވިސްނުނުކަމަށާއި ކުރިޔަށްދާން ތިބި އަންހެންކުދިންނަށް ސަޕޯޓްދޭ މީހެއްގެ ގޮތުގައި ހުންނަން މިހާރު ވަރަށް ބޭނުންވާކަމަށް ޕްރިޔަންކާ ބުންޏެވެ.
ޕްރިޔަންކާ ބުނީ މުޅި ދުނިޔެއަށް އަމިއްލަ ނަފުސަށް ވަރަށް އިތުބާރު އޮންނަ މީހެއްގެ ގޮތުގައި އޭނާ ފެނުނު ނަމަވެސް މިހާރުވެސް ސެޓަށް ދިޔުމުން ހާސްވާކަމުގައެވެ. ސެޓަށް ދާއިރު އެހާސްކަން ނުހުންނަނަމަ ރަނގަޅަށް މަސައްކަތް ނުކުރެވޭކަމަށް ޕްރިޔަންކާ ބުންޏެވެ.
ބައެއް ފަހަރު ބިރުގަތުމާއި ހާސްވެ ކަންބޮޑުވުމަކީވެސް މީހުންނަށް ކަންކަމާ ކުރިމަތިލާނެ އާ ގޮތްތައް ދަސްވެ އެކަމެއް ކުރުމަށް އާ ހިތްވަރެއް ލިބިގެންދާ ކަންކަމެވެ. އެހެންކަމުން ފެއިލް ވެދާނެތީ އަދި ބިރުގަނެ އެކަމާ ހާސްނުވާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް