މާލޭގައި މި ފަހުން ހުޅުވި ކޭއެފްސީގެ އަޖުމަ ބަލައިލުމަށް ރޭ އެތަނަށް ގޮސްފީމެވެ. އޯޑަރު ދިނުމުން ކައުންޓަރުގައި އިން ކުއްޖާ އެދުނީ ފޯނު ނަމްބަރު ދިނުމަށެވެ. ކީއްކުރަންތޯ އެހުމުން ބުނީ ކަސްޓަމަރ ރަޖިސްޓްރީ ކޮށްލަން ކަމަށެވެ. ހަމަ ގައިމުވެސް މާލޭގައި އަދި ރާއްޖޭގައި މިއީ އައު ކަމަކަށް ވެދާނެ އެވެ. ކަސްޓަމަރުންގެ ފޯނު ނަމްބަރު ރަޖިސްޓްރީ ކުރުމެވެ.
ނަމަވެސް ދުނިޔޭގެ ބޮޑެތި ފްރެންޗައިސްތަކުގާއި ސުޕަމާކެޓް ފަދަ ތަންތާނގައި މިއީ އައު ކަމެއް ނޫނެވެ. ފޯނު ނަމްބަރު ނަގަ އެވެ. މެއިލް އެޑްރެސްވެސް ނޯޓު ކުރެ އެވެ. އަދި ރަޖިސްޓްރޭޝަން ކާޑު ހައްދައި ބައެއް ޑިސްކައުންޓްވެސް ދީ އުޅެ އެވެ.
އެކަމަކު މިފަދަ ކަންކަމުގައި ފޮރުވިފައިވާ ބޮޑު ސިއްރެއް ވާކަން ކިޔުންތެރިންނަށް އެނގިލައްވާތޯ އެވެ. އެއްވެސް ހާލެއްގައި ބުނަން މިއުޅެނީ މާލޭގައި ހުރި ކޭއެފްސީން ނަމްބަރު ނޯޓު ކުރަނީ މި ބުނަން އުޅޭ ޒާތުގެ ކަމެއް ކުރާށެކޭ ނޫނެވެ. ނަމަވެސް ބޮޑެތި ކުންފުނި ތަކުން ކަސްޓަމަރުންގެ މައުލޫމާތު އެއް ކުރާ ބޭނުމެއް އޮވެ އެވެ. އެއީ ކުންފުނި ތެރޭގައި އޮންނަ ބޮޑު ސިއްރެކެވެ.
އިނގިރޭސި ނޫސްވެރިއެއް އަދި ލިޔުންތެރިއެއް ކަމުގައިވާ ޗާލްސް ޑޫހިގް އޭނާ ލިޔެފައިވާ ފޮތެއް ކަމުގައިވާ "ދަ ޕަވަރ އޮފް ހެބިޓްސް" (އާދަ ތަކުގެ ބާރު) މި ފޮތުގައި ކުންފުނިތަކުން ކަސްޓަމަރުންގެ މައުލޫމާތު އެއްކޮށް ކުރާ ކަމަކަށް އަލި އަޅުވާލާފައި ވެ އެވެ.
"ވެން ކޮމްޕެނީސް ޕްރެޑިކްޓް (އެންޑް މެނިޕިއުލޭޓް) ހެބިޓްސް" ޗެޕްޓަރގެ ދަށުން ލިޔެފައިވާގޮތުގައި ބޮޑެތި ކުންފުނިތަކުގައި ސިއްރު ޑިޕާޓްމެންޓެއް ހިންގަ އެވެ.
އެ ޑިޕާޓްމެންޓަކީ ޑާޓާ އެކްސްޕާޓް ޑިޕާޓްމެންޓެވެ. އެ ޑިޕާޓްމެންޓްގައި ތިބެނީ ޑާޓާ އެނަލިސްޓުންނެވެ. އެ އެނަލިސްޓުންގެ ވަޒީފާއަކަށް ވެފައި އޮންނަނީ ކަސްޓަމަރުންގެ މައުލޫމާތުތައް ސިސްޓަމުގައި ވަކި އަލްގޮރިދަމްސް ތަކެއް މެދުވެރިކޮށް އެނަލައިޒްކޮށް އެ ޑާޓާތަކުގެ އެހީގައި ސޮފްޓްވެއާ ޑިވެލޮޕްކޮށށް ކަސްޓަމަރުން ފިހާރައަށް ނުވަތަ ރެސްޓޯރެންޓަށް ވަދެ އޯޑަރު ދިނުމުގެ ކުރިން އެ ކަސްޓަމަރަކު ގަންނަން އައީ ކޯއްޗެއްކަން އެނގޭހާ މިންވަރަށް ކަސްޓަމަރުން ދަސް ކުރުމެވެ. އެމީހުންގެ ވަޒީފާ އަކީ އިންސާނުންގެ އާދަ ދަސް ކުރުމެވެ.އަދި އެ އާދަތަކުގެ ބޭނުންކޮށް އެމީހަކު ލައްވާ ގިނައިން ވިޔަފާރި ކުރުވުމަށް ބާރު އެޅުމެވެ. ނުވަތަ ދާއިމީ ކަސްޓަމަރެއްގެ ގޮތުގައި ބެހެއްޓުމެވެ.
އޯޑަރު ދޭ ކޮންމެ ފަހަރަކު ނުވަތަ އެއްޗެއް ގަންނަ ކޮންމެ ފަހަރަކު ނަމްބަރު ނޯޓުކޮށް އަދި އޯޑަރުވެސް ސިސްޓަމްގައި ނޯޓު ކުރެވިގެންދާއިރު އާންމުކޮށް އެ ފިހާރައަކުން ނުވަތަ އެ ފްރެންޗައިޒަކުން ހިދުމަތް ހޯދާ ކަސްޓަމަރު ގޮސް މޯބައިލް ނަމްބަރު ބުނެލުމުން މިބުނާ ޑާޓާ އެނަލައިޒް ޑިޕާޓްމެންޓުން ތައްޔާރުކުރާ އަލްގޮރިދަމްސް ތަކުގެ އެހީގައި އެ ކަސްޓަމަރު އާންމުކޮށް އޯޑަރުދޭ ނުވަތަ ގަންނަ ތަކެތި ކައުންޓަރުގައި އިންނަ ކުއްޖާއަށް ފެންނަގޮތަށް ސިސްޓަމް އެކުލަވާލަ އެވެ. އަދި އެ ކަސްޓަމަރަކު އާންމުކޮށް ނަގާ އެއްޗެއް ނުނަގާނަމަ އެ އެއްޗެއް ހުރިތަން ބުނެދިނުން ނުވަތަ އެ އެއްޗަކުން ޑިސްކައުންޓް ލިބޭ ވާހަކަ ބުނެލުން ފަދަ ކަންކަން ކުރެ އެވެ.
އަދި އެކަމުގައި އެހެން ބޭނުމެއްވެސް އޮވެ އެވެ. އެއީ ވަކި ކަސްޓަމަރަކަށް ޓާގެޓްކޮށް އިސްތިހާރު ފޮނުވުމެވެ.
މިސާލަކަށް ބުނާނަމަ ހަމަ ކޮންމެ ދުވަހަކު ނުވަތަ ހަމަ ކޮންމެ ހަފްތާއަކު އެ ފިހާރައަށް ނުވަތަ އެ ފްރެންޗައިސަކަށް ދާ ކަސްޓަމަރަކު އެ ހިދުމަތް ލިބިގަންނަން އައުން މަދުވާނަމަ އެ ކަސްޓަމަރަކަށް އަމާޒުކޮށް ޓާގެޓެޑް އެޑްސް ތައްޔާރުކޮށް ފޮނުވަ އެވެ. އެމީހަކީ ލުއިކާނާއަށް ލޯބިކުރާ މީހެއް ނަމަ ލުއިކާނާއިން މިވެނި ވަރަކަށް ޑިސްކައުންޓް ލިބޭނެ ކަމަށްބުނެ މެސެޖު ނުވަތަ އީމެއިލް ކޮށްފާނެ އެވެ. ގިނަ ފަހަރަށް އެ މެސެޖު ނުވަތަ އީމެއިލް ލިބެނީ ހަމަ އެކަނި އެމީހާއަށްކަން ކަސްޓަމަރަށް ނު އެނގޭނެ އެވެ. ނަމަވެސް އެއީ ސީދާ ޓާގެޓެޑް މާކެޓިން ސްޓްރެޓަޖީގެ ދަށުން ކުރާ ކަންކަމެވެ.
އެ ފޮތުގައި މިފަދަ ކަމެއްގައި މަޖާ މިސާލެއް ދީފައި ވެ އެވެ. ދުނިޔޭގެ ބޮޑު ސުޕަމާކެޓް ކުންފުންޏެއް ހިނގާ ދިޔަ ކަމެއް ކަމަށް ބުނެފައި ވެ އެވެ.
މީހަކު ރުޅިގަދަވެފައި އައިސް "އަހަރެންގެ ދަރިއަށް އަދިވީ އެންމެ 15 އަހަރޭ އެކަމަކު ކަލޭމެން އެ ކުއްޖާއަށް، މާބަނޑު ދުވަސްވަރު ކާނެ ތަކެއްޗާއި ދަރިއަކު ލިބުމުން ގަންނަންޖެހޭ ތަކެތީގެ ޑިސްކައުންޓް އިސްތިހާރު" މެދުކެނޑުމެއް ނެތި ފުލުފުލުން ފޮނުވަނީ ކީއްވެތޯ ސުވާލު ކުރި އެވެ. އަދި އޭނާ އަކީވެސް ކަސްޓަމަރެއް ކަމަށާއި އޭނާއަށް އެފަދަ އެއްވެސް އިސްތިހާރެއް ނުލިބޭއިރު އެފަދައިން ކަންތަށް ވާނަމަ ކޯޓުގައި ދައުވާ ކުރާނެ ކަމަށްބުނެ އިންޒާރުވެސް ދިނެވެ.
ނަމަވެސް އޭގެ މަހެއްހާ ދުވަސް ފަހުން އައިސް ކައުންޓަރުގައި އިން ކުއްޖާ ކިބައިން އޭނާ މާފަށް އެދުނެވެ. އަދި ބުންޏެވެ. "އަހަރެންގެ ދަރިފުޅު އިނީ ބަލިވެކަން އަހަންނަށް ނުއެނގުނީ އެވެ."
ބޮޑެތި ކުންފުނިތަކުން ކަސްޓަމަރުންގެ އާދަތަކާއި ކަސްޓަމަރުން ބޭނުންވާނެ ތަކެތި ދެނެގަންނަވަރު އެ މިސާލުން ބުނެދެ އެވެ. އެ އަންހެންކުއްޖާ ބަލިވެ އިންކަން ޓާގެޓް ވިޔަފާރިއަށް އެނގުނީ އެ އަންހެންކުއްޖާ ވިޔަފާރި ކުރުމުގައި ބަދަލުވަމުންދިޔަ އާދަ ތަކުގެ ސަބަބުންނެވެ.
ޑޭޓާ އެނަލިސްޓުން ހާއްސަ ސޮފްޓްވެއަރތައް ތައްޔާރުކޮށް ޓާގެޓެޑް އިސްތިހާރުތައް ފޮނުވަނީ ކަސްޓަމަރުންގެ އާދަތަކަށް ބިނާކޮށެވެ. އަދި އެ ޑާޓާތަކުގެ އެހީގައި ކަސްޓަމަރުންނާއި އޮންނަ ގުޅުން ބަދަހިކޮށް އެ ކަސްޓަމަރުންނަކީ ރެގިއުލާ ކަސްޓަމަރުންގެ ގޮތުގައި ހަދަ އެވެ. މިބުނާ ޑާޓާ އެނަލައިޒް ކުރުމަށާއި ކަސްޓަމަރ ޑާޓާ ޑީޕާޓްމެންޓަކީ ބޮޑެތި ކުންފުނިތަކުން ބޮޑު ހަރަދެއް ކޮށްގެން ހިންގާ ސިއްރު ޑިޕާޓްމެންޓެއް ކަމުގައި ޗާލްސް ޑޫހިގް ދަ ޕަވަރ އޮފް ހެބިޓްސް ފޮތުގައި ބުނެފައި ވެ އެވެ. އޭނާ އެ ފޮތުގައި މިކަން ހާމަކޮށްފައިވަނީ އެފަދަ އެތައް އެނަލިސްޓުންގެ އިންޓަވިއުތަކާއި އެކުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް