ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސަވައިފި އެވެ.
ޑރ ޝަހީމް އަކީ މި ސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ. އަދި ރައީސް ޑރ މުހައްމަދު ވަހީދުގެ ސަރުކާރުގައިވެސް އޭނާ ވަނީ އިސްލާމިކް މިނިސްޓަރުކަން ކުރައްވާފައި އެވެ. މީގެ ިއތުރުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައިވެ އެވެ.
ރައީސް ޔާމީންގެ ރަނިން މޭޓުގެ ގޮތުގައި ޑރ ޝަހީމް ކަނޑައެޅީ މިރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި އެވެ.
ގއ. މާމެންދޫއަށް އުފަން ޝަހީމަކީ ގުރުއާން ހިތުދަސް އަދި ފިގްހް އަދި އުސޫލުލް ފިގްހް އިން ޕީއެޗްޑީ ނަންގަވާފައިވާ ދީނީ އިލްމުވެރި އެކެވެ. ޝަހީމް ޑިގްރީ އާއި މާސްޓާސް ހައްދަވާފައި ވަނީ ޝަރީއާ އިންނެވެ.
ޝަހީމް މަތީ ތައުލީމް ހާސިލް ކުރައްވާފައި ވަނީ މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީ އާއި މަދީނާގެ އިސްލާމިކް ޔުނިވަސިޓީންނެވެ.
ޑރ ޝަހީމް އަކީ މިހާރުގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ޅިއަނެކެވެ. ޖިހާދަކީ މި ސަރުކާރުގެ ފަސް އަހަރުތެރޭގައި އައްޔަން ކުރި ތިން ވަނަ ނައިބު ރައީސް އެވެ.
ފުރަތަމަ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލާއި ރައީސް ޔާމީނާއި ދޭތެރޭ އުފެދުނު ހިޔާލުތަފާތުވުންތަކާއި ގުޅިގެން ޕީޕީއެމްގެ މަޖިލީސް މެޖޯރިޓީން ވަނީ އެ މަނިކުފާނުގެ އިތުބާރުނެތްކަމުގެ ވޯޓެއް ނަގާ މަގާމުން ދުރުކޮށްފައި އެވެ. ދެވަނައަށް އައްޔަން ކުރީ އަހުމަދު އަދީބެވެ.
އަދީބުގެ އިތުބާރުނެތްކަމުގެ ވޯޓު މަޖިލީހުން ނަގާ މަގާމުން ދުރުކުރީ ރައީސް ޔާމީން އަވަހާރަކޮށްލަން ރޭވި ކަމުގެ ތުހުމަތުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް