ސައުދީ އަރަބިއްޔާގެ ހޯމް މިނިސްޓަރު ޕްރިންސް އަބްދުލްއަޒީޒް ބިން ސައުދު ބިން ނާއިފް، ރަސްމީ ދަތުރެއްގައި އިއްޔެ ރާއްޖެ ވަޑައިގެންފި އެވެ.
ދެ ދުވަހުގެ މުއްދަތަކަށް މިނިސްޓަރު ކުރައްވާ ދަތުރުގައި ރައީސް އަބްދުﷲ ޔާމީނާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ހޯމް މިނިސްޓަރު އަޒްލީން އަހުމަދާ ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ސައުދީގެ މިނިސްޓަރާއެކު ސައުދީގެ ޝާހީ އާއިލާއެއް ވެސް ވަނީ ރާއްޖެ ވަޑައިގަނެފައެވެ. އެ ބޭފުޅުން ތިއްބެވުމަށް ހަމަޖެހިފައިވަނީ އަންނަތަރަ ރިސޯޓާއި ރީތިރަށާއި ނަލަދޫގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިއީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު ރާއްޖެ އަށް ކުރައްވަން އުޅުއްވި ދަތުރުފުޅު ކެންސަލް ކުރި ފަހުން، ސައުދީގެ އިސް ބޭފުޅުންތަކެއް ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރެއްވީ، ސައުދީގެ ޝާހީ އާއިލާ އަށް ފ. އަތޮޅު ވިއްކަން އުޅޭ ކަމަށް ބުނެ އެ އަތޮޅުގައި ސައުދީން ހިނަގަން ނިންމައިފައިވާ 10 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއަކަށް އިދިކޮޅު ފަރާތްތަކުން ހުރަސް އަޅާ، ސަރުކާރަށް ވަނީ ބޮޑެތި ތުހުމަތުތަކެއްކޮށް، ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. މިކަމާ ގުޅޭ ގޮތުން، ސަރުކާރުން ބުނީ ފ. އަތޮޅު ސައުދީ އަށް ވިއްކަން އުޅެފައި ނުވާ ކަމަށާއި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް