ދުނިޔޭގެ ފުޓްބޯޅަ ދުށް އެންމެ ކާމިޔާބު ގައުމު ބްރެޒިލް 2-1 އިން ބަލިކޮށް ބެލްޖިއަމް ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މިރޭ ފްރާންސް އަތުން އުރުގުއޭ ބަލިވުމާއެކު، ވޯލްޑް ކަޕްގައި ޔޫރަޕަށް ނިސްބަތް ނުވާ ހަމައެކަނި ޓީމްގެ ގޮތުގައި އޮތް ބްރެޒިލް އިން 6 ވަނަ ތަށްޓަކަށް ކުރަމުން އައި އުންމީދު އަނެއްކާ ވެސް މި ވަނީ ހާސިލް ވާގޮތް ނުވެފައެވެ. 2002 ވަނަ އަހަރު ބްރެޒިލް އިން 5 ވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ފަހު އެ ކާމިޔާބީ އެ ގައުމަށް ވަނީ ތަކުރާރު ކުރެވޭގޮތް ނުވެފައެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ބެލްޖިއަމްއިން އަވަސް ކައުންޓަރ އެޓޭކްތަކުން ބްރެޒިލްއަށް ނުރައްކާކޮށް 2 ލަނޑު ޖެހިއިރު، ބްރެޒިލްގެ މެދުތެރެއަށް ކުޅޭ ކަސަމީރޯ ނެތްތަން ވަރަށް ބޮޑަށް ފާހަގަ ކުރެވުނެވެ. މިރޭގެ މެޗުގައި ޑިފެންޑިން މިޑްފީލްޑަރ ކަސަމީރޯއަށް ނުކުޅެވުނީ ރީނދޫ ކާޑު ހަމަވެ، ސަސްޕެންޑް ވެފައިވުމުންނެވެ.
މިރޭގެ މެޗުގައި ބެލްޖިއަމްއަށް ލީޑު ލިބުނީ، އެ ޓީމުން ނެގި ކޯނަރަކުން ބްރެޒިލްގެ ފެނާންޑީނިއޯގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑުންނެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކެވިން ޑި ބްރޭނާ އެވެ.
ދެ ވަނަ ހާފުގައި ބްރެޒިލްއިން ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް، ފުލުފުލުގައި ކަހަލަ ގޮތަކަށް ބެލްޖިއަމްގެ ގޯލަށް ނުރައްކާކުރިއެވެ. އެހެނަސް، ހުރަހަކުން ބޮލުން ޖަހައި ރެނާޓޯ އޮގަސްޓޯ ކާމިޔާބު ކޮށްދިން ލަނޑު ފިޔަވައި ބްރެޒިލްއަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.
ބްރެޒިލްއަށް ނަތީޖާ ހަމަހަމަ ކުރަން ގިނަ ފުރުސަތުތަކެއް ލިބި ރަނގަޅަށް ގޯލަށް އަމާޒުކޮށް ނުލެވުމުގެ މައްސަލަ ދިމާވިއިރު، ގެބްރިއަލް ޖީސަސްއަށް ވިސެންޓޭ ކޮމްޕެނީ ކުރި ފައުލްއަށް ޕެނަލްޓީއެއް ދޭންވާނެކަމަށް ބެލެވުނަސް، ރެފްރީ ނިންމީ އެއީ ޕެނަލްޓީއެއް ނޫންކަމަށެވެ.
މިރޭގެ ކާމިޔާބީއާއެކު ބެލްޖިއަމްއިން ވޯލްޑް ކަޕްގެ ތާރީޚްގައި ވެސް ދެ ވަނަ ފަހަރަށް ސެމީ ފައިނަލަށް ދަތުރުކުރިއިރު، އެ ޓީމް ނުކުންނަން ޖެހޭނީ ފްރާންސްއާ ދެކޮޅަށެވެ. ފްރާންސުން މިރޭ ވަނީ 2-0 އިން އުރުގުއޭ ބަލިކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް