ރަނިން މޭޓެއްގެ ގޮތުގައި އަންހެނަކު ގަބޫލު ކުރަން ދަތިވާނެ: އަދާލަތު

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ރަނިން މޭޓުގެ ގޮތުގައި ޖުމްހޫރީ ޕާޓީން އަންހެނަކު ކަނޑައަޅައިފި ނަމަ އެކަން ބަލައިގެންނަން ދަތިވާނެ ކަމަށް ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ބ...

06 Jul 2018 | 19:45

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ރަނިން މޭޓުގެ ގޮތުގައި ޖުމްހޫރީ ޕާޓީން އަންހެނަކު ކަނޑައަޅައިފި ނަމަ އެކަން ބަލައިގެންނަން ދަތިވާނެ ކަމަށް ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ބުނެފި އެވެ.

އެޕާޓީން މިހެން ބުނީ މިރޭ އިދިކޮޅު ކެންޑިޑޭޓު އެމްޑީޕީގެ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހާއި އެކު ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. އަދާލަތު ޕާޓީން މިގޮތަށް ހާމަ ކުރި އިރު ޖުމްހޫރީ ޕާޓީ ތެރެއިން ބައެއް އިސް ބޭފުޅުންނާއި ސޯޝަލް މީޑިއާގައި ދަނީ އެ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ރަނިން މޭޓަކަށް ހަމަޖެއްސުމަށް ވަރަށް ވަރުގަދައަށް ކެމްޕެއިން ކުރަމުންނެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ، ގައުމެއްގެ އިސްވެރިއެއްގެ ގޮތުގައި އަންހެން ބޭފުޅަކު ހުރުމަކީ ދީނީގޮތުން ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެހެންވެ އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގައި ހިމެނިވަޑައިގެންނަވާ އިލްމުވެރިންގެ ލަފާފުޅާއި އެއްގޮތަށް އެކަން ނުރަސްމީކޮށް ޖޭޕީ އާއި ހިއްސާކޮށްފައިވާނެ ކަމަށެވެ.

އަލީ ޒާހިރު ވިދާޅުވީ ރަނިން މޭޓަކަށް އަންހެނަކު އައްޔަން ކުރިޔަސް އެ ކުރެވެނީ ގައުމުގެ އިސް ވެރިއަކަށް ކަމަށެވެ. އެއީ ރައީސް ނެތް ހާލަތެއްގައި ނައިބު ރައީސަކީ، ރައީސްގެ މަގާމުން އަދާކުރައްވާނެ ބޭފުޅާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ޒާހިރު ވިދާޅުވި ގޮތުގައި، ޖޭޕީން ކަނޑައަޅާ ރަނިން މޭޓުގެ ނަން ހުށަހެޅުމުން އެކަމާ މެދު އަދާލަތު ޕާޓީން ވަކިން ގޮތެއް ނިންމާނެ އެވެ. އެކަން ނިންމާނީ އެ ޕާޓީގެ މަޝްވަރާގެ މަޖިލީހުންނެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ މުހައްމަދު އިޔާޒު ވެސް އިއްޔެ ވަނީ ގައުމުގެ ވެރިއަކަށް އަންހެނަކު ހުރުމަކީ ދީނީ ގޮތުން ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެފައި އެވެ. ޑރ. އިޔާޒު ވިދާޅުވީ ގައުމެއްގެ ވެރިއަކަށް އަންހެނަކު ހުރެއްޖެ ނަމަ އެ ގައުމަކަށް ކާމިޔާބެއް ނުލިބޭނެ ކަމަށް ރަސޫލާ ސައްލައްﷲ އަލައި ވަސައްލަމްގެ ހަދީސް ފުޅެއްގެ މާނައިގައި ވާކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ ރަނިން މޭޓު އިއުލާނު ކުރުމުގެ ކުރިން މިހާރު ކުރިޔަށް ދަނީ އިދާރީ މަސައްކަތް ކަމަށް ޖޭޕީން ވަނީ ބުނެފައި އެވެ. އަދި އަންނަ އަންގާރަ ދުވަހު ރަނިންމޭޓު އިއުލާނު ކުރާނެ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް