ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އިންވެސްޓްމެންޓު ފޯރަމް މިއަހަރު ބާއްވާ ގައުމު ބަދަލު ކުރަން ނިންމައިފި އެވެ.
މިދިޔަ އަހަރު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި އިންވެސްޓްމެންޓް ފޯރަމްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ މިއަހަރު އިންވެސްޓްމެންޓް ފޯރަމް ބާއްވަން ނިންމާފައިވަނީ ގަތަރުގެ ވެރިރަށް ދޯހާގައި ކަމަށެވެ. އެކަމަކު ސަރުކާރުން މިދިޔަ މަހު ވަނީ ގަތަރާއި އެކު ގާއިމްކޮށްފައިވާ ސިޔާސީ ގުޅުންތައް ކަނޑާލާފައި އެވެ. އެކަމަކު ވިޔަފާރީގެ ގުޅުން ކަނޑާނުލާކަމަށް ބުނެފައިވެ އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވިޔަފާރީގެ ގުޅުން ކަނޑާނުލި ނަމަވެސް ކުރިން ގަތަރުގައި ބާއްވަން އޮތް މިއަހަރުގެ އިންވެސްޓްމެންޓު ފޯަމް އެހެން ގައުމެއްގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެއީ ކޮން ގައުމެއް ކަމެއް އަދި ކަނޑަނާޅާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ނިމުމުގެ ކުރިން އިންވެސްޓްމެންޓް ފޯރަމް ބާއްވާނެ ކަމަށެވެ.
އެންމެ ފުރަތަމަ އިންވެސްޓްމެންޓް ފޯރަމް ބޭއްވީ 2014 ވަނަ އަހަރު ސިންގަޕޫރުގައި އެވެ. 2015 ވަނަ އަހަރު ޗައިނާގައި ބޭއްވި އިރު މިދިޔަ އަހަރު ބޭއްވީ އިންޑިއާގައި އެވެ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް