ދ. ކުޑަހުވަދޫގައި ދުވަސް ނުފުރާ ވިހޭ އެއްމާބަނޑު ދެ ކުދިން މަރުވި މައްސަލައެއް ފެންމަތިވެފައިވާ އިރު އެ ދެކުދިންގެ ފަރުވާއަށް ވަގުތުން އެހީވާން ފެށި ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.
ބައެއް ނޫސްތަކުގައި ވަނީ އަސަންދަ ކުންފުނިން ލިބެންޖެހޭ ހުއްދަތައް ނުލިބިގެން ކުދިން މާލެ ނުގެނެވި އެ ރަށުގައި ހުންނަ ދ. އަތޮޅު ހޮސްޕިޓަލްގައި ބާއްވަން ޖެހުނީ ކަމަށް ބުނެފައި އެވެ. މިކަމާ ގުޅިގެން އާސަންދަ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ހޮސްޕިޓަލުން އެދުނު ހުއްދަ ތަކާއި އެ ކުންފުނިން ހުއްދަ ދިން ގަޑިތައް އާންމުކޮށްފައި އެވެ.
އާސަންދައިން ބުނީ ދ. މީދޫގެ 26 އަހަރުގެ އަންހެން މީހަކު ކުޑަހުވަދޫ ގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދަން އާސަންދައިގެ އެހީއަށް އެދުނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު ކަމަށެވެ. އެ ހުއްދަ ހަމަ އެ ދުވަހު ދިން ކަމަށް ބުނެފައިވެ އެވެ.
އޭގެ ފަހުން ކުޑަހުވަދޫގައި އެ އަންހެން މީހާ ސިޒޭރިއަން ހަދައިގެން މިދިޔަ ހުކުރު ދުވަހު ވަނީ ދެ ކުދިން ނަގާފައި އެވެ. އަސަންދައިން ބުނީ ދެ ކުދިންގެ ހާލު ސީރިއަސްކަމުން މާލެ ގެނައުމަށް އަތޮޅު ހޮސްޕިޓަލުން އެދިފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 9:56 ގައި ކަމަށާއި އެކަމަށް ހަ މިނިޓުގެ ތެރޭގައި ހުއްދަ ދީފައިވާނެ ކަމަށެވެ. އިތުރު އެހީތެރިން ގެންދިއުމަށް އެ ދުވަހުގެ ހެނދުނު 10:13 ގައި އެދުމުން އެކަމަށްވެސް ހަތަރު މިނިޓުގެ ތެރޭގައި ހުއްދަ ދީފައިވާ ކަމަށް ބުންޏެވެ.
އާސަންދައިން ބުނީ ސީއެމްބިއުލާންސްވެސް އެ ދުވަހު ހަމަޖެއްސި ކަމަށެވެ. އެގޮތަށް ހަމަޖެއްސީ ވައިގެ މަގުން ގެންނަން ލަސްވެދާނެތީ ކަމަށެވެ. އެއީ ދެ ކުދިން ގެންނަން ޖެހެނީ ވެންޓިލޭޓަރު ގުޅައިގެން ކަމަށް ވާތީ އެވެ.
އެކަމަކު ދެ ކުދިން މާލެ ގެންނަން ބޭނުންވަނީ ވައިގެ މަގުން ކަމަށް ހެނދުނު 11:21 ގައި ހޮސްޕިޓަލުން އެންގުމުން 11:29 ގައި ހުއްދަ ދީފައިވާނެ ކަމަށެވެ.
ހޮސްޕިޓަލުން އެދުނު ގޮތަށް ވައިގެ މަގުން ދަތުރު ހަމަޖައްސައި ސީ ޕްލޭން މާލެ އިން ނައްޓާލެވުނީ މެންދުރު ފަހު 1:30 ގައި ކަމަށާއި ކުޑަހުވަދޫއަށް ދެވުނު އިރު 2:15 ވެފައިވާ ކަމަށް އާސަންދައިގެ ބަޔާނުގައި ވެ އެވެ. އޭރު އޭގެ ތެރެއިން އެއްކުއްޖަކު ވަނީ މަރުވެފައި އެވެ.
ދެވަނަ ކުއްޖާ މާލެ ގެންނަން ބޭނުން ކަމަށް ހޮސްޕިޓަލުން އެންގުމުން އެ ރަށު ފަޅުތެރޭގައި ސީޕްލޭން މަޑު ކުރީ ކަމަށެވެ. އަދި ހޮސްޕިޓަލުން ވަނީ ކުއްޖާ ނެރެވޭވަރަށްވުރެ ހާލު ދެރަކަމަށް އަންގާފައި ކަމަށާއި އޭގެ ގަޑިއިރެއްހާއިރު ފަހުން ދެ ވަނަ ކުއްޖާވެސް މަރުވެފައިވާކަން އެންގި ކަމަށެވެ.
އެކުންފުނިން ބުނީ އެކަމުގައި އާސަންދައިގެ އެއްވެސް އިހުމާލެއް ނޯންނާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް