ކޯވިޑް ޖެހުނު އިތުރު 40 އަށްވުރެ ގިނަ މީހުން ރަނގަޅުވެއްޖެ

ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ ތެރެއިން އިތުރު 40 އަށްވުރެ ގިނަ މީހުން ބަލިން ރަނގަޅުވެއްޖެ އެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އިއްޔެ އެކަނި 46 މީހަކު ވަނީ ބަ...

07 Jun 2020 | 04:37

ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ ތެރެއިން އިތުރު 40 އަށްވުރެ ގިނަ މީހުން ބަލިން ރަނގަޅުވެއްޖެ އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އިއްޔެ އެކަނި 46 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. އެއާއި އެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 763 އަށް އިތުރުވެފައި އެވެ.

މިހާރު ބައްޔަށް ފަރުވާ ދެމުންދަނީ 1،128 މީހުންނަށެވެ.

ބަލިން ރަނގަޅުވާ ކަމަށް މިހާތަނަށް ނިންމަމުން އައީ 14 ދުވަސް ހަމަވެ އަލާމާތްތައް ފިލުމުން ދެ ފަހަރު ކޯވިޑަށް ޓެސްޓު ކޮށް ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ އެވެ. އެކަމަކު އިއްޔެ އިން ފެށިގެން އެ އުސޫލަށް ވަނީ ބަދަލު ގެނެސްފައި އެވެ.

މިހާރު އެޗްޕީއޭއިން ނިންމާފައިވަނީ ބަލި ޖެހޭ މީހުންގެ ތެރެއިން އާންމު ހާލަތުގައި ތިބޭ މީހުންގެ ގައިން ވައިރަސް ފިލައިގެން ދިއުމުން އިތުރު ޓެސްޓަކައި ނުލައި ދޫކޮށްލާށެވެ. އެކަމަކު ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި އުމުރުން ދުވަސްވީ މީހުން ކުރިންވެސް އަމަލު ކުރަމުން އައި ގޮތަށް ދެ ފަހަރު ޓެސްޓު ކުރާނެ އެވެ.

މިހާތަނަށް ރާއްޖެއިން ގިނައިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ ޒުވާން އުމުރުގެ މީހުންނެވެ. އެޗްޕީއޭއިން ބުނީ ރާއްޖޭގައި ގިނައިން ޕޮސިޓިވްވަމުންދަނީ ޒުވާން އުމުރުފުރާގެ މީހުންނަށް ވާތީ ބަލި ޖެހޭ މީހުންގެ ހާލަތު ރަނގަޅު ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް1،901 މީހަކު ވަނީ ޕޮސިޓިވްވެފައި އެވެ. އޭގެ ތެރެއިން މަރުވެފައިވަނީ އަށް މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް