ކާރެއް ކޮންޓްރޯލު ނުވެ ގޮސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ރޭ ދަންވަރު މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ކާރެއް ކޮންޓްރޯލު ނުވެގެންނެވެ. ފުލުހުން ބުނެފައިވާގޮތުގައި ބްރިޖް މަތިން ބާރު ސްޕީޑްގައި ދުއްވާފައި މާލެ ...

07 Jun 2019 | 04:36

ރޭ ދަންވަރު މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ކާރެއް ކޮންޓްރޯލު ނުވެގެންނެވެ.

ފުލުހުން ބުނެފައިވާގޮތުގައި ބްރިޖް މަތިން ބާރު ސްޕީޑްގައި ދުއްވާފައި މާލެ އައި ކާރެއް ކޮންޓްރޯލް ނުވެގެން އަމީނީ މަގު މެރިން ރިސާޗް ސެންޓަރު ހުރި އިމާރާތުގައި ޖެހި އެކްސިޑެންޓް ވެގެން ރޭ 01:47ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވެއެވެ.

މި ކާރު ދުއްވަން އިން ޑްރައިވަރަކީ 34 އަހަރުގެ ފިރިހެނެއް ކަމަށާއި އަދި އޭނާ އަށް އަނިޔާވެގެން ސެނަހިޔާގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެމީހާއަށް ބޮޑު އަނިޔާއެއް ލިބުނުކަން ބޭރުފުށުން ފެންނަން ނެތްކަމުގައިވެސް ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި ކާރަކީ އެހެން ޒޯނެއްގެ ކާރެއް ކަމަށާއި އަދި ޚާރު ދުއްވަން އިން މީހާ އަތުގައި ލައިސަންސް އޮންނަ ކަމަށެވެ. އަދި ފުލުހުން ވަނީ އޭނާގެ ލައިސަންސް ހިފަހައްޓާފައި ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

ރޭ ދަންވަރު މި ނުރައްކާތެރި އެކްސިޑެންޓް ހިނގާފައިވާއިރު އިއްޔެގެ ވަގުތެއްގައި ހުޅުމާލޭގައިވެސް ކާރެއް ކޮންޓްރޯލު ނުވެ ގޮސް ގަހެއްގައި ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވެއެވެ. އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ޑްރައިވަރަށް ނިދިޖެހިގެން ކަމަށް ޑްރައިވަރާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

ރާއްޖޭގައި ހާއްސަކޮށް މާލޭގައި ނުރައްކާތެރި އެކްސިޑެންޓްތައް އިންތިހާއަށް އިތުރުވަމުން އަންނައިރު ކޮންމެ ފަރުދަކުވެސް ވިސްނާލުން މުހިންމެވެ. ތިމާ ކިތައްމެ ފަރިތަޔަސް ފަޅި ސިކުންތަކުންވެސް ކަމެއް ހިނގާފާނެއެވެ. އެއީ ތިމާގެ ފަރިތަކަމާއި ކުޅަދާނަ ކަމާއި ގުޅިފައިވާ ކަންކަމެއް ނޫނެވެ. އެހެން މީހެއްގެ ފުރާނައާއިމެދު ވިސްނާނެ ޖާގަ ތިމާގެ ސިކުނޑީގައި ނެތްނަމަ ތިމާގެ އަމިއްލަ ފުރާނައާއިމެދު ވިސްނާލާފައި ނަމަވެސް ބާރަށް ދުއްވުމާއި ނުރައްކާތެރިކޮށް ދުއްވުން ހުއްޓަން ވެއްޖެއެވެ. މިފަދަ ނުރައްކާތެރި އެކްސިޑެންޓްތަކާއި ހާދިސާތަކުން އިބުރަތް ހާސިލުކުރަން ވެއްޖެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް