މިއަހަރުގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 23 ގައި ބާއްވަނީ

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިފި އެވެ. އިންތިހާބުގެ ތާރީހު އިއުލާނު ކުރުމަށް މިރޭ ބޭއްވި ރަސްމި...

07 Jun 2018 | 17:16

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިފި އެވެ.

އިންތިހާބުގެ ތާރީހު އިއުލާނު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 15 ގައި ހުޅުވާލާނެ ކަމަށެވެ. އިންތިހާބަށް ކުރިމަތިލުމަށް ދޭނީ 10 ދުވަހުގެ މުއްދަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ މިއަހަރުގެ އިންތިހާބަކީ ހުރިހާ ކަމަކަށް ވަގުތު ދެވިގެން ބޭއްވޭ ފުރިހަމަ އިންތިހާބަކަށް ވާނެ ކަމަށެވެ. އެގޮތުން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން އެދޭ މީހުންގެ ރީރެޖިސްޓްރޭޝަން، 17 ޖުލައިގައި ހުޅުވާލާނެ އެވެ. އިންތިހާބަށް ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަމްބަރު ތަރުތީބު ކުރުމަށް ހަމަޖައްސާފައި ވަނީ އޮގަސްޓް ނުވައެއް ގަ އެވެ.

އޭނާ ވިދާޅުވީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ލިސްޓް އާދިއްތަ ދުވަހު އިއުލާން ކުރާނެ ކަމަށެވެ. އެ ލިސްޓަކީ އައިޑީކާޑު ޔުނިޓްގެ ރަޖިސްޓްރީ ކަމަށާއި އެއަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް ވިދާޅުވި އެވެ.

ވޯޓާސް ލިސްޓްގައި ޝަކުވާއެއް ވާނަމަ ކައުންސިލްތަކާއި އިލެކްޝަން ކޮމިޝަންގެ ފޯކަލް ޕޮއިންޓްތަކުގެ އިތުރުން އެކޮމިޝަންގެ ހޮޓްލައިން 1414 އަށް ގުޅައިގެން ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ޝަކުވާ ހުށަހަޅަން ޖެހޭ ފޯމް އިލެކްޝަން ކޮމިޝަނުން ދޫކުރާއިރު އެކޮމިޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް އެކޮމިޝަނުން ބުނެ އެވެ.

ވޯޓާސް ލިސްޓް ސައްހަކަން ކަނޑައަޅައި ކެނޑިޑޭޓުންގެ މަންދޫބުން ލިސްޓްގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 31 ގަ އެވެ.

ޝަރީފު އިތުރަށް ވިދާޅުވީ މިއަހަރުގެ އިންތިހާބު ބާއްވާ ދުވަހަކީ އާދިއްތަ ދުވަހަކަށް ވާތީ އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައި ދިނުމަށް އެދޭނެ ކަމަށެވެ.

މިހާތަނަށް އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާނު ކުރައްވާފައިވަނީ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މީގެ ތެރެއިން ރައީސް ނަޝީދަށް އިންތިހާބުގައި ވާދަ ކުރުމަށް ގާނޫނު ތަން ނުދޭކަމަށް ސަރުކާރުންނާއި އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް