މި ހަފްތާގައި ފަށަން ޖެހޭ މަޖިލީހުގެ ޖަލްސާތަށް އީދު ފަހަށް!

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ކުރިޔަށް އޮތް ފިތުރު އީދު ބަންދަށް ފަހު ފަށަން ނިންމައިފި އެވެ. މަޖިލީހުގެ ގަވައިދު ބުނާގޮތުން ދެވަނަ ދައުރުގެ ޖަލްސާތައް ފަށަން ޖެހޭނީ ޖޫން މަހުގެ ފ...

07 Jun 2018 | 08:49

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ކުރިޔަށް އޮތް ފިތުރު އީދު ބަންދަށް ފަހު ފަށަން ނިންމައިފި އެވެ.

މަޖިލީހުގެ ގަވައިދު ބުނާގޮތުން ދެވަނަ ދައުރުގެ ޖަލްސާތައް ފަށަން ޖެހޭނީ ޖޫން މަހުގެ ފުރަތަމަ ހަފްތާގައި އެވެ. އެކަމަކު މަޖިލީހުން ނިންމާފައިވަނީ އެއް މަސް ދުވަހުގެ ޗުއްޓީ އިތުރު ދެ ހަފުތާއަށް ދިގުކޮށް، ރޯދައިގެ ފަހުން ޖަލްސާތައް ފަށަން ށެވެ.

އީދު ބަންދަށް ފަހު ޖަލްސާތައް ފަށާނެ ދުވަހެއް ކަނޑަނާޅާ އިރު މަޖިލީސް ކޮންޓްރޯލް ކުރާ ވެރިކަން ކުރާ ޕީޕީއެމްގެ މެންބަރުން މީޑީއާގައި ވިދާޅުވެފައިވަނީ ޖަލްސާތައް ފަށާނީ އީދަށް ފަހު ކަމަށެވެ. އެ މެންބަރުން ވިދާޅުވީ މިގޮތަށް ހަމަޖެއްސީ މެންބަރުންނަށް ދީނީ އަޅުކަންތައް އަދާ ކުރުމަށް ވަގުތު ދިނުމުގެ ގޮތުންނެވެ.

މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމާ މިދިޔަ އޭޕްރިލް މަހުގެ 29 ވަނަ ދުވަހު މެންބަރުން ޗުއްޓީއަށް ވަޑައިގެންނެވީ އެންމެ 13 ޖަލްސާ ބޭއްވުމަށް ފަހު އެވެ. އެއީ ދައުރުން ބޭރުގައި ބޭއްވި ދެ ޖަލްސާ އާއި ދައުރު ފަށައި ބޭއްވި 11 ޖަލްސާ އެކެވެ.

ނިމި ދިޔަ ދައުރުގައި އަވަސް އަރުވާލައިގެން މުޅިންވެސް ހުުށަހަޅައި، ފާސްކޮށްފައިވަނީ ސަރުކާރުން ހުށަހެޅި ބިލުތަކެކެވެ. އޭގެ ތެރޭގައި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހެޅުމާއި، އެންޓީ ޑިފެކްޝަން ގާނޫނު ހިމެނެ އެވެ. އަދި ކުއްލި  ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރަން ފާސްކުރި އެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހު ހޫނުވެ ހިނގާދިޔަ ހަމަނުޖެހުންތަކުގައި އިދިކޮޅު ގިނަ މަޖިލީސް މެންބަރުންތަކެއް ހައްޔަރު ކުރުމުން  ފުރަތަމަ ދައުރުގެ އެއްވެސް ޖަލްސާއެއްގައި އިދިކޮޅު މެންބަރުން ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މަޖިލީހުގެ ޖަލްސާތަކުގެ މަސައްކަތްތައް ރަނގަޅަށް ކުރިއަށް ނުދިއުމުގެ ޒިންމާ ނަގަން ޖެހޭނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ޕީޕީއެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް