މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ދަރިވަރުންނަށް ރިޕޯޓު ފޮތް ދީ، ސްކޫލްތައް ބަންދުކޮށްފި އެވެ.
އަހަރުގެ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމް ޗުއްޓީގެ ގޮތުގައި ލިބޭނީ 10 ދުވަހެވެ. އެއީ މާދަމާއިން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.
ރާއްޖޭގެ 200 އަށް ވުރެ ގިނަ ސްކޫލުގައި މި އަހަރު 6000 އެއްހާ ޓީޗަރުން މަސައްކަތް ކުރެ އެވެ. އަދި ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ގާތްގަނޑަކަށް 80،000 ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނާ ގޮތުގައި މި އަހަރަކީ ތައުލީމީ ދާއިރާ އަށް އިންގިލާބީ ބަދަލެއް އަންނާނެ އަހަރެކެވެ. ސްކޫލުތައް ޑިޖިޓައިޒްކޮށް، ދެ ވަނަ ޓާމުން ފެށިގެން ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ނިންމާފައިވާ އިރު، އެ ކަމަށް ވާންޖެހޭ ގިނަ ތައްޔާރީތައް ވަނީ ވެފަ އެވެ.
އެގޮތުން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޓީޗަރުންނަށް ޓެބްލެޓް ބަހައި ނިމިފައި ވާއިރު ޑިޖިޓަލްކޮށް ކިޔަވައިދިނުމަށް ބޭނުންވާ ވައިފައިގެ ހިދުމަތް ދިނުމަށް އަޅަން ޖެހޭ ނެޓްވޯކް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވަނީ އަޅާ ނިމިފަ އެވެ.
މިނިސްޓްރީން ބުނީ ދެވަނަ ޓާމުގެ ކިޔެވުން ފެށުމާއި އެކު ދަރިވަރުންނަށް ޓެބްލެޓް ދީ ކިޔަވައިދޭނީ ޓެބްލެޓު ބޭނުން ކޮށްގެން ކަމަށެވެ.
ދެވަނަ ޓާމްގެ ކިޔެވުން ފަށާނީ މިމަހުގެ 18 ވާ ހޯމަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް