ޖެމްސްގެ މައްސަލައިގަ އުއްތަމަ ފަނޑިޔާރުގެ ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން އުފުލި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ....

07 Jun 2018 | 07:42

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން އުފުލި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ.

އެ ދައުވާ އެމަނިކުފާނުގެ މައްޗަށް އުފުލީ ސުޕްރީމް ކޯޓުގެ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ގެ ހިދުމަތް މިދިޔަ ފެބްރުއަރީ ހަތަރެއް އަދި ފަހެއްގައި ހުއްޓުމަކަށް ގެނައުމަށް އެންގެވި ކަމަށް ބުނެ އެވެ. މި ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފައި އެވެ.

ކްރިމިނަލް ކޯޓުން އިއްވި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާއީދުކުރީ އެ ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމުންނެވެ.

ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން އުއްތަމަ ފަނޑިޔާރުގެ އެންގެވުމަށް މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު އެކިފަހަރު މަތިން ސުޕްރީމް ކޯޓުގައި ޖެމްސް ހުއްޓުވާލި ކަން ހެކިންގެ ބަހުން އެބައޮތެވެ. އެހެންވެ އެމަނިކުފާނުގެ އެ އަމަލަކީ ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގައި ބުނާ ފަދައިން މާއްދީ ގޮތުން ހުއްޓުވައިގެން ނުވަތަ ހުރަސްތަކެއް ކުރިމަތި ކުރުވައިގެން ނުވަތަ ރަސްމީ ވާޖިބަކާ ޚިލާފްވެގެން ނުވަތަ އެ ނޫން ވެސް ހުއްދަ އަމަލެއް ކޮށްގެން ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުން ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް މިހާރު ސާބިތުވެފައިވާ މައްސަލަތަކުގެ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމޭއިރު ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފި ނަމަ، ފަނޑިޔާރުކަމުގެ މަގާމުން އެ ބޭފުޅުން އޮޓަމެޓިިކުން ވަކިވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް