ރާއްޖޭގައި ކޯވިޑް-19 އަށް ޕޮސިޓިވްވާ މީހުންގެ އަދަދާއި ބަލި ފެތުރިގެން ދާނެ ގޮތަށް ބަލައި މި ބަލީގައި މީހުން މަރުވާނެ ކަމަށް ކުރިން އަންދާޒާ ކުރި ވަރަށް ވުރެ މަރުވާނެ ކަމަށް މިހާރު ލަފާ ކުރާ އަދަދު ދަށް ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ދުވަހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކުރީގެ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ޑރ. ޝީނާ މޫސާ ވިދާޅުވީ ރާއްޖޭގައި ބަލި ފެތުރެން ފެށުމާއި އެކު ހެދި ދިރާސާތަކުގެ އަލީގައި މި ބަލީގައި މަރުވާނެ ކަމަށް ލަފާ ކުރީ2،000 މީހުން ކަމަށެވެ. އެކަމަކު އެއަދަދު މިހާރު ދަށްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ލޮކްޑައުން އާއި އެކު މީހުން ގޭގައި ތިބެން ޖެހިފައިވާތީ ބަލި ފެތުރޭނެ ކަމަށް ކުރިން ލަފާކުރި ވަރަށް ފެތުރެމުން ނުދާތީ މިހާރު މި ބަލި ޖެހޭ ރޭޓަށް ބަލައިފިނަމަ މަރުވާނެ ކަމަށް ލަފާ ކުރެވެނީ900 އެއްހާ މީހުން ކަމަށް ޑރ. ޝިނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަދިވެސް ދިވެހިން އިތުރު ހިތްވަރަކާއި އެކު މަސައްކަތް ކޮށްފި ނަމަ މި އަދަދުވެސް ދަށް ކުރެވޭނެ ކަމަށެވެ.
މިއީ ކުރިން އަންދާޒާ ކުރި އަދަދަށްވުރެ ގާތްގަނޑަކަށް50 ޕަސެންޓު މަދު އަދަދެކެވެ. އަދި އެއީ މިހާރު ބަލި ޖެހޭނެ ކަމަށް ލަފާ ކުރާ އަދަދުގެ އެއް ޕަސެންޓު ކަމަށް ޑރ. ޝިނާ ވިދާޅުވި އެވެ.
މިހާރު ބަލި ޖެހެމުންދާ މީހުންގެ ނިސްބަތުން ރާއްޖޭގައި މި ބައްޔަށް77،000 އަށްވުރެ ގިނަ މީހުން ޕޮސިޓިވްވާނެ އެވެ. އެ ހާލަތުގައި ހޮސްޕިޓަލުގައި އެޑްމިޓްކުރެވޭނެ ކަމަށް ލަފާކުރެވޭ މީހުންގެ ޖުމުލަ އަދަދަކީ 13،568 މީހުން ކަމަށާއި އައިސީޔޫގައި 5805 މީހުންނަށް ފަރުވާ ދޭން ޖެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މިހާރު ރާއްޖެއިން ކޯވިޑަށް700 އާއި ގާތް ކުރާ އަދަދަކަށް މީހުން ވަނީ ޕޮސިޓިވްވެފައި އެވެ. އަދި މި ބަލީގައި ދެ މީހަކު ވަނީ މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް