ގެއްލިފައިވާ ޝިމާ އާއެކު ޑިންގީގައި ދަތުރުކުރި އަދި ޑިންގީއެއްގައި ޝިމާގެ ކޮއްކޮ ގޮވައިގެން ފިލަން އުޅުނު މުހައްމަދު ފަޒީލް، ގަމުގައި މީހަކު ރަހީނުކޮށް ފޭރުނު މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
އެ މައްސަލައަކީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލ. ގަމުގައި އުމުރުން 44 އަހަރުގެ ފިރިހެނަކު ރަހީނުކޮށް ތޫނު ހަތިޔާރަކުން ބިރުދައްކައި އޭނާގެ އަތުން ފޭރުމަށްފަހު އަދި ފަހުންވެސް ބިރުދައްކައިގެން އޭނާގެ އަތުން ފައިސާ ހޯދަން އުޅުނު މައްސަލައެކެވެ.
އެ މައްސަލައިގާ މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާއިރު ފުރަތަމަ މީހާ ހައްޔަރުކުރީ ދެވަނަ ފަހަރަށް އެމީހާ އަތުން ފޭރެން އުޅެނިކޮށް އެ ސީނުންނެވެ. އެ ސީނުން ދެވަނަ މީހަކު ފިލީއެވެ. ނަމަވެސް ފަހުން އެމީހާވެސް ހައްޔަރުކޮށްފައިވެއެވެ.
މިރޭ ފުލުހުން ބުނެފައިވަނީ މި މައްސަލައިގާ ފަޒީލް ހައްޔަރުކުރީ ހުޅުމާލޭގައި ފިލައިގެން އުޅެނިކޮށް ރޭގެ ވަގުތެއްގައި ކަމަށެވެ. ފަޒީލަކީ މި މައްސަލައިގާ ހައްޔަރުކުރި ތިންވަނަ މީހާކަމަށް ފުލުހުން ބުނެފައިވެއެވެ.
ބަޔަކާ ގުޅިގެން ޝިމާގެ ކޮއްކޮ ޑިންގީއެއްގައި ފިލަން އުޅުނު މައްސަލައެއްގައިވެސް ފަޒީލް ހައްޔަރުކުރިއެވެ. ނަމަވެސް ފަހުން އޭނާ ދޫކޮށްލިއެވެ.
ޝިމާ ގެއްލުނު މައްސަލައިގާވެސް ފުލުހުން އެންމެ ފަހުން ބުނެފައިވަނީ ފަޒީލް ހަދަނީ މުޅިން ތެދުކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް