ދިވެހި ޒުވާނެއްގެ އަޒުމު: ޝައިޠާނާ މާޔޫސްކޮށްލުން

އޭ ރަހުމަތުން ބޭރުކުރެވިގެންވާ ޝައިޠާނޭއޭވެ. ދުނިޔޭގެ ޒީނަތް ދައްކާ ކަލޭ އަހަރެން ހެއްލުންތެރިކުރިވިއެވެ. ދުނިޔެވީ ލައްޒަތާއި މަޖަލުގެ ތެރެއަށް އަހަރެން ޢަރަގުކޮށްލިއެވެ. މަސްތުވާތެކެއްޗަކީ އަހަރެންގެ...

07 May 2019 | 09:34

އޭ ރަހުމަތުން ބޭރުކުރެވިގެންވާ ޝައިޠާނޭއޭވެ. ދުނިޔޭގެ ޒީނަތް ދައްކާ ކަލޭ އަހަރެން ހެއްލުންތެރިކުރިވިއެވެ. ދުނިޔެވީ ލައްޒަތާއި މަޖަލުގެ ތެރެއަށް އަހަރެން ޢަރަގުކޮށްލިއެވެ. މަސްތުވާތެކެއްޗަކީ އަހަރެންގެ އެކުވެރިއަކަށް ހަދާ އަހަރެންގެ ޖާނާ މާލު ފަނާކޮށްލިއެވެ. ލަދުވެތިކަމެއް ލަދު ގަންނަ ގޮތެއް އަހަންނަކަށް ނޭނގެއެވެ. ކުރަން ހިތާއަރާ ކޮންމެ ކަމެއް އަހަރެން ކޮން ނިންމާލަމެވެ. ނަތީޖާއަކަށް ނުވިސްނަމެވެ.

ލޮބުވެތި ކިޔުންތެރިންނޭވެ. އަހަންނަކީ ނޫކަށި ފުރައިގެ ޒުވާނަކީމެވެ. ފުރިހަމަ ހަށިގަނޑަކާއި ސިއްހަތެއް އަހަންނަށް ލިބިފައިވެއެވެ. އަހަންނަކީ ހުތުރު މީހަކޭ އެއްވެސް މީހަކު ނުބުނާނެއެވެ. އެހެނަސް މި ހުރިހާ ނިއުމަތެއް އަހަރެން ބޭނުންކުރީ އަހަރެންގެ އަމިއްލަ ފައިދާ އަށެވެ. އަމިއްލަ އެދުމަށެވެ.

އެއީ މާޒީއެވެ. މި ރޯދަ މަސް އަހަރެން މި ފަށަނީ މުޅިން އާ ފެށުމަކުންނެވެ. އާ އުންމީދު ތަކާއި އާ ހުވަފެންތަކެއް ދެކެމުންނެވެ. އަހަރެންގެ އަޒުމަކީ މި ރޯދަ މަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމެވެ. ފަސް ނަމާދުގެ ވާހަކަ ދައްކާކަށް ނެތީމެވެ. ސަބަބަކީ އެއީ ކޮންމެހެން ކުރުން ލާޒިމު ކަމަކަށްވާތީއެވެ. އަހަރެންގެ އަމާޒަކީ މި ރޯދަ މަހުގެ ހުރިހާ ރެއެއްގައި ތަރާވީހު ނަމާދު ކުރުމެވެ. އިރާދަކުރެއްވިއްޔާ ކޮންމެ ރެއަކު ތަރާވީސް ނަމާދުގެ ވިހި ރަކުއަތް އަހަރެންކުރާނަމެވެ. ނުކުރަންވީ ސަބަބަކީ ކޮބާހެއްޔެވެ. ކިތައްމެ ރެއެއް ޢަފްލަތުގެ ނިދީގައި އަހަރެން ހޭދަކޮށްފީމެވެ. ލައްޒަތުގައި ކިތައްމެ ރެއެއްގެ ގުރުބާންކޮށްލީމެވެ. އަންނަ އަހަރުގެ ރޯދަ އަށް ދުނިޔޭގައި ހުންނާނެ ކަމުގެ ޔަގީންކަމެއް އަހަރެންގެ ނެތެވެ. އޭ ޒުވާނުންނޭވެ. މަރުގެ ވަގުތެއް ނޭނގެއެވެ. ﷲގެ ހަޒުރަތަށް ރުޖޫއަވާށެވެ.

އަހަރެން އިރާދަކުރެއްވިއްޔާ މި ރޯދަ މަހު ކޮންމެ ރެއަކު ދަމު ނަމާދު ކުރާނަމެވެ. ރޭގަނޑު އަދިރި ކަމުގައި މި އަޅާގެ ފާފަ ފުއްސަވާތޯ ލަދުވެތި ކަމާއި އެކު ﷲގެ ހަޒުރަތުގައި ދަންނަވާނަމަވެ. ދެރަވެ ހިތާމަކުރާ ހާލު ރޮއި އާދޭސް ދަންނަވާނަމެވެ. މި އަޅާގެ ފާފަ ފުއްސަވާތޯއެވެ. ރަޙުމަތުގެ ބެއްލެވުމަކުން އެކަލާގެ މިއަޅާއަށް ބައްލަވާތޯއެވެ. ކަށްވަޅުގެ އަޒާބުން ސަލާމަތްކުރައްވާތޯއެވެ. އަރުޝީގެ ހިޔާވަހިކަން ނޫން އެހެން އެއްވެސް ހިޔާވަހިކަމެއް ނުވާ ދުވަހު މިއަޅާއަށް އަރުޝީގެ ހިޔާވަހިކަން ލިބޭތޯއެވެ.

އޭ ޝައިޠާނާއެވެ. ހަމަ ކަށަވަރުން ކަލެ އަކީ ބަޔާންވެގެންވާ އަދުއްވެކެވެ. ހިތާމައަކީ އަހަންނަށް އެކަން ނުވިސްނުމެވެ. އެހެނަސް އިރާދަކުރެއްވިއްޔާ އަހަރެން މިފަހަރު ކަލޭ މާޔޫސްކޮށްލާނަމެވެ. މިއަޅާގެ ވެރި ރަސްކަލާގެ ހަޒުރަތުން މި ކަމުގައި މަދަދާއި އެހީތެރިކަމަށް ދަންނަވަމެވެ.

ޔާ ﷲ މި އަޅާ ފަދަ އެތައް ޒުވާނުންނެއް މި ގައުމުގައި އެބައުޅެއެވެ. އެ މީހުންނަށް ހިދާޔަތު ދެއްވާދޭވެ. އެއީ ލޮބުވެތި ޒުވާނުންނޭވެ. ﷲ ރަހުމަތާއި މަދަދަށް އަވަސް ވެގަންނާށެވެ. އެކަލާގެއީ ތިބާ ދެކެ ނުވަނު ލޯބިވާ ރަސްކަލާގެއެވެ. ވަގުތު ފާއިތުނުވެއެވެ. އަވަސް ވެގަންނާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް