ބުރުސޫރަ- ބާވީސް ވަނަ ބައި

ކުރީގެ އަދަދާ ގުޅޭ... ރާނީ އެގެއަށް ދިޔަތާ ހަފްތާއެއް ވެއްޖެއެވެ. ރާނީ އާއި ދޭތެރޭ ޒާހިދާގެ ހިތުގައިވި ހުރިހާ ޝަކުވާއަކާއި ހިތްހަމަނުޖެހުމެއް ފިލައިގެން ހިނގައްޖެއެވެ. އެ ދެމެދުގައި މިހާރު ވަނީ ވަރުގަ...

07 May 2019 | 06:37

ކުރީގެ އަދަދާ ގުޅޭ...

ރާނީ އެގެއަށް ދިޔަތާ ހަފްތާއެއް ވެއްޖެއެވެ. ރާނީ އާއި ދޭތެރޭ ޒާހިދާގެ ހިތުގައިވި ހުރިހާ ޝަކުވާއަކާއި ހިތްހަމަނުޖެހުމެއް ފިލައިގެން ހިނގައްޖެއެވެ. އެ ދެމެދުގައި މިހާރު ވަނީ ވަރުގަދަ ގުޅުމެއް އުފެދިފައެވެ. ޝާހިދު ވެސް ރާނީ އަށް ހިތް ހެޔޮ ކޮށްފިއެވެ. ރާނީގެ މަސައްކަތްތެރިކަމާއި ގެވެހިކަމަށް އެދެމަފިރިން އަބަދުމެ ތިބެނީ ތައުރީފު ކޮށްލަ ކޮށްލައެވެ. މިހާރު ޒާހިދާގެ ކަމަކީ އަބަދު ފެހުމެވެ. ގޭތެރޭގެ އެހެން ހުރިހާ މަސައްކަތެއްހެން ކުރަނީ ރާނީ އެވެ. ނުވިތާކަށް ޒާހިދާ އެންމެ ލޯބިން ބަލަހައްޓާ ބަގީޗާވެސް މިހާރު ބަލަހައްޓަނީ ރާނީ އެވެ.

ރާނީގެ ކޮންމެ ހަރަކާތަކަށް ކޮންމެވެސް މީހަކު ފާރަލައެވެ. އެކަނި ހުންނަ ވަގުތު ރާނީ އަށް ސިއްސައިގެން ގޮސް ފަހަތް ބަލައިލެވެނީ ކިތައް ފަހަރު ކަމެއްވެސް ނޭންގެއެވެ. އަބަދުމެ ރާނީ އަށް އިހުސާސް ކުރެވެނީ ކޮންމެވެސް މީހަކު އޭނާއަށް ބަލާކަމެވެ. އެކަމަކު ކީއްވެގެން ހެއްޔެވެ. މިހާރު ދެތިން ފަހަރު ހިޔަންޏެއްވެސް ފެނިއްޖެއެވެ. ރާނީ ނިންމައިގެން ހުރީ އެވާހަކަ ޒިއަން ކައިރީ ބުނާށެވެ.

ޒިއަންގެ ޓެސްޓް ދުވަސްކޮޅު ކަމުން ގިނަ ވަގުތު ޒިއަން އުޅެނީ އެކުވެރިންނާއި އެކީ ކިޔެވުމުގައެވެ. އޭގެ ސަބަބުން ރާނީ އަށް ދެވޭ ވަގުތުވެސް މަދުވެއްޖެއެވެ. އެގެއަށް ރާނީ އައި ފަހުން އަދި ޒިއަން އަކަށް ރާނީ ގޮވައިގެން ބޭރަށް ދެވޭ ވަރެއްވެސް ނުވެއެވެ. ޒިއަން އަށް ވަގުތު ވާއިރު ރާނީ އަބަދުވެސް ހުންނަނީ ކޮންމެވެސް ކަމެއް ކުރާށެވެ. ނަމަވެސް އެކަމަކާ އެ ދެމަފިރިން އެއްވެސް ޝަކުވާއެއް ނުކުރެއެވެ. މުޅި ގެ މިހާރު ބަލަހައްޓަނީ ރާނީއެވެ. ރާނީގެ މަސައްކަތާ ޒިއަން ކިތަންމެ ހިތްހަމަޖެހުނެއް ކަމަކު، ރާނީ އެހާ ބުރަކޮށް އުޅޭތީ ޒިއަން ދެރަވެއެވެ. ރަށުގައިވެސް ރާނީ އުޅުނީ ހަމަ އެހެންނެވެ. ރާނީ އުޅެ ބޮޑުވީ ވެސް ހަމަ އެހެންނެވެ. ރާނީ ބޭނުންވާ ހުރިހާ އުފަލެއް ހޯދައިދިނުމަކީ ޒިއަން އެންމެ ފުރަތަމަވެސް ވި ވައުދެވެ. އެއްގޮތަކަށް ވެސް ކުރިން އުޅުނު ދިރިއުޅުން ރާނީ އުޅޭކަށް ޒިއަން ބޭނުމެއް ނޫނެވެ. ޒިއަން އަށް އިމްތިހާން ނިމުމުން ކޮންމެވެސް ގޮތެއް ހަދާނެއެވެ.

ޒައިނާ އާއި އާލިމްގެ ގުޅުމުން ހިރަފުސް ފޮޅައި އާ ފެށުމަކުން ދެމަފިރިން ދިރިއުޅުން ފަށައިފިއެވެ. އަހުދާގެ އަމަލުތަކަށް ކެތް ނުވެގެން އެންމެފަހުން އާލިމް އަހުދާ ވަރިކުރީއެވެ. ހަމަ އެދުވަހު ދެ ދަރިން ބޮލުޖަހާފައި އަހުދާ އެގެއިން ނިކުމެގެން ހިނގައްޖެއެވެ. މިފަހަރު އާލިމް ބޭނުންވީ ޒައިނާ އެގެއަށް ގެންދާށެވެ. އޭނާގެ ދެ ދަރިންނާއި އެކީ އުފާވެރި ދިރިއުޅުމެއް ފަށާށެވެ. ދޮށީ އަނބީގެ ދަށުވެގެން، އުފާތައް ކަފުންކޮށްގެން ލައްކަ ދުވަހު އާލިމް އުޅެފިއެވެ. ނަމަވެސް ޒައިނާގެ މައިންބަފައިންނަށް ވިސްނުނީ މުޅިން އެހެން ގޮތަކަށެވެ. ޝާހިދު ބުނަނީ އާލިމް އެހާ ފަސޭހައިން ޒައިނާ އެގެންދިޔައީ ކުދިން ބަލަން ކަމުގައެވެ. އެކަމާ ޒާހިދާ ވެސް ވަރަށް ފަސޭހައިން އެއްބަސްވިއެވެ. މި ހުރިހާ ދުވަހު އެކީގައި ނިދާލަންވެސް ނައިސް ހުރެފައި ކުއްލިއަކަށް ގެންދިއުމުން ކުރެވޭ ޝައްކުތައް ވަރަށް ގިނައިއެވެ. މައިންބަފައިން ދަރިންނާއި ދޭތެރޭ އަބަދުވެސް ވިސްނާނެއެވެ. ހަގީގަތް އިނގޭނީ ހަމަ އާލިމްއަށެވެ. ކޮންމެ ގޮތެއް ވިޔަސް ޒައިނާ އަށް ހެވެވެ. އޭނާ ބޭނުންވަނީ އާލިމްއެވެ. އާލިމް އާއި އެކީ އުފާވެރި ދިރިއުޅުމެކެވެ.

ޒައިނާ އެގެއިން ދިއުމުން އެންމެ ދެރަވީ ރާނީއެވެ. ޒިއަން ފިޔަވައި ރާނީގެ އެންމެ ގާތް އެކަކީ ޒައިނާއެވެ. ޒައިނާ ދިއުމުން ޒިއަން ނޫޅޭ ވަގުތުތަކުގައި ރާނީ ނިކަން އެކަނިވެރި ވާނެއެވެ. އެހެންކަމުން ރާނީ ބަލަނީ އަބަދުވެސް ކޮންމެވެސް މަސައްކަތަކު މަސްއޫލު ވެގެން އުޅެވޭތޯއެވެ.

ހުކުރު ދުވަހު މެންދުރަށް ކެއްކުމަށްފަހު ރާނީ އުޅުނީ އެއްޗެހި ދޮންނާށެވެ. ލޯންޑަރީ ރޫމު ތެރޭ މެޝިނުން އެއްޗެހިތައް ނަގަން ހުރި ރާނީ ސިއްސައިގެން ދިޔައީ ފަހަތުގައި މީހަކު ހުރިހެން ހީވުމުންނެވެ. ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހެން ކަމުން އަނެއްކާވެސް ރާނީ މަސައްކަތާގެން މަސްއޫލުވިއެވެ. އަނެއްކާވެސް ހިޔަންޏެއް ވީހެން ހީވިއެވެ. ބަލަން ނުބަލަން ހުރެފައި ރާނީ ފަހަތް ބަލައިލިއެވެ. އެވަގުތު ސިއްސައިގެން ދިޔައީ ޖެހޭ ނުޖެހޭ ހިސާބުގައި ހުރި މަންހާ ފެނުމުންނެވެ. ކުއްލިއަކަށް މަންހާ ފެނުމުން ރާނީގެ ނޭވާ ހިފަހައްޓައިލެވުނެވެ.

"އިނގޭތަ ޒިއަން ރާނީ މިގެއަށް އެ ގެނައީ އަސްލު މަސައްކަތް ކުރުވަންވެގެން... ތިކަހަލަ ރާއްޖެތެރޭ މީހުންގެ ފެންވަރު ދައްކަން ވެގެން..." ރާނީ އާއި ދުރުވެލަމުން މަންހާ ބުނެލިއެވެ. ރާނީ އަޅާނުލައި އެއްޗެހިތައް އެޅި ބާލިދީ ހިފައިގެން ދާން އުޅުނެވެ.

"ރާނީ ހީކުރީ މާލޭ މީހަކާ އިނދެވުނީމަ އުޅެވޭނީ ވަރަށް އަރާމުގަ ކަމަށް ދޯ؟ މީ ހަގީގަތަކީ ޒިއަން ކަލޭ މިގެއަށް ގެނައީ ހަމަ މަސައްކަތް ކުރުވަން... އެބަ ފެނެއެއްނު ނޯކަރެއްވެސް ތިވަރަށް މަސައްކަތެއް ނުކުރާނެ" ރާނީ ދާން އުޅުމުން ރާނީގެ ކުރި ބައްދަމުން މަންހާ އަނެއްކާވެސް ބުނެލިއެވެ.

"ބުނަންތަ ވާހަކައެއް... އަހަރެން މި މަސައްކަތް ކުރަނީ މީހަކު ބުނެގެންނެއް ނޫން އަހަރެން އަމިއްލަޔަށް..." މިހެން ބުނުމަށްފަހު އެތަނުން ނިކުމެގެން ރާނީ ހިނގައްޖެއެވެ.

ރާނީ ނިކުމެގެން ދިއުމުން މަންހާ ހީލިއެވެ. އަދި ކުޑަ އިރުކޮޅަކު ވިސްނަން ހުރުމަށްފަހު އެތަނުން ދާން ހިގައިގަތެވެ.

ރާނީ ކޮޓަރިއަށް އައިސް ވަތްއިރު ޒިއަން އޮތީ އެނދުމަތީ ލެޕްޓޮޕް ހިފައިގެންނެވެ.

"ޒިއަން" ރާނީ އައިސް އެނދުމަތީ އިށީންނަމުން ގޮވައިލިއެވެ. ޒިއަން ހޫމް އަޅުވައިލިއެވެ.

"ޒިއަން" އަނެއްކާވެސް ރާނީ ގޮވައިލިއެވެ. މިފަހަރުވެސް ހަމަ އެއޮތް ގޮތަށް އޮވެ ޒިއަން އަޑެއް ލައްވައިލިއެވެ. ރާނީ ޒިއަން އާއި ކައިރިވެލިއެވެ. އޭރުވެސް ޒިއަންގެ ނަޒަރު ވަނީ ލެޕްޓޮޕް ގެ ސްކްރީނަށް ހުއްޓިފައެވެ. ރާނީ ޒިއަންގެ އިސްތަށިކޮޅާއި ކުޅެލިއެވެ.

"ޒިއަން އަހަރެން ބަނޑުބޮޑު" ރާނީ ބުނެލިއެވެ. ޒިއަން ދިޔައީ ސިއްސައިގެންނެވެ. ދެލޯ ބޮޑުކޮށްލުމަށްފަހު ރާނީގެ މޫނަށް ބަލައިލިއެވެ. ރާނީ އިނީ ހެވިފައި ޒިއަންގެ މޫނަށް ބަލާށެވެ.

"އަސްލު؟" ޔަގީން ނުވެގެން ޒިއަން ބުނެލިއެވެ. ރާނީ ޒިއަންގެ އުނގުމަތީ އޮތް ލެޕްޓޮޕް ނަގައި އެއްފަރާތުގައި ބެހެއްޓިއެވެ.

"ރާނީ އަސްލުތަ؟" ޒިއަން ރާނީގެ ގައިގައި ބައްދައިލިއެވެ. ޒިއަންގެ އަޑުގައި ހައިރާންކަމެއް އެކުލެވިގެންވިއެވެ. އޭރުވެސް ރާނީ އިނީ ހެވިފައެވެ.

"ފިރިމީހާގެ ސަމާލުކަން ހޯދަން ދެން ޖެހޭނީ މި ކަހަލަ އެއްޗެއްނު ބުނަން" ޒިއަންގެ ނޭފަތުގައި ތުންފަތް ޖައްސައިލަމުން ޒިއަން ބުނެލިއެވެ.

"ދެން ސަމާސާ ނުކޮށްބަލަ" ޒިއަން ރާނީ އާއި ދުރުވެލިއެވެ. ރާނީ ޒިއަންގެ ފައިމަތީގައި އޮށޯވެލިއެވެ.

"މަޖަލޭ" ރާނީ އެއްލޯ މަރައިލިއެވެ. ޒިއަން ރާނީގެ ނޭފަތަށް ފިތައިލައި ތަދުކޮށްލިއެވެ. އެޔާއި އެކީ ރާނީ "އާހ" އޭ ކިޔައި އަޑެއް ލައްވައިލިއެވެ.

"ދޮގު ހެދީމަ" ޒިއަންވެސް އެއްލޯ މަރައިލިއެވެ.

***

މިއަދަކީ އީމާންގެ އުފަންދުވަސް ކަމުން ޒިއަން ބޭނުންވީ ހާއްސަ ކެއުމެއް ބާއްވާށެވެ. ޒިއަން ބޭނުންވީ ރާނީ ލައްވައި ހާއްސަ އެއްޗެއް ކައްކުވާށެވެ. އީމާން އަށް ގެރި މަސް އަޅައިގެން ހަދާ ކޮންމެ އެއްޗެއްވެސް ވަރަށް ކަމުދާނެއެވެ. ނަމަވެސް މައްސަލައަކަށް ވީ ރާނީ އަށް ގެރި މަސް އަޅައިގެން އެއްޗެހި ކައްކަން ނޭންގޭ ކަމެވެ. ދުވަހެއްގެ ކޮޅުންވެސް ގެރި މަހަކީ ރާނީ ކެއި އެއްޗެއް ނޫނެވެ. އެހެން ކަމުން ރާނީ އެރެއަށް ކެއްކީ ޔޫޓިއުބުން ވީޑިއޯ ބަލައިގެންނެވެ. ރާނީ ހުރީ ފުދޭވަރަކަށް ހާސްވެފައެވެ. ކެއްކި އެއްޗެހި އެމީހުންނަށް ކަމުނުގޮސްފިއްޔާ ރާނީ ވަރަށް ދެރަވާނެއެވެ.

ރާނީ ފެންވަރަން ދިއުމުން ޒިއަން ހުރިހާ އެއްޗެހިން ރަހަ ބަލައިލިއެވެ. ހުރިހާ އެއްޗެއްވެސް ވަރަށް މީރެވެ. އެންމެ މީރީ ރާނީ ހަދާފައި ހުރި "ޗިލީ ބީފް" އެވެ. ޒިއަން ބަދިގެއިން ނިކުމެ ނިކުމެ ހުއްޓައި ޒިއަންގެ ކުރިމައްޗަށް އައިސް ހުއްޓުނީ މަންހާއެވެ. ޒިއަން އަޅައިނުލައި ދާން އުޅުމުން މަންހާ ޒިއަންގެ އަތުގެ މުލައްދަނޑީގައި ހިފައިލިއެވެ.

"ޒިއަން" ޒިއަން މަންހާގެ އަތް ފޮޅުވައިލިއެވެ.

"އަހަރެންވެސް ބައިވެރިވަންތަ؟ އީމް އިޒް މައި ބެސްޓްފްރެންޑް" ވަރަށް މައުސޫމު ގޮތަކަށް މަންހާ އަހައިލިއެވެ. ޒިއަން އަކަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ. މައްސަލައެއް ނެތް ކަމަށްބުނެ ޒިއަން އެތަނުން ހިނގައްޖެއެވެ.

މާޒިން އާއި އީމާން އެގެއަށް އެ އައީ ދުވަސްކޮޅެއް ފަހުންނެވެ. ފުރަތަމަ ވެސް އައިސް އެމީހުން ދިޔައީ މަތީގައި ހުންނަ ޒިއަންގެ މިއުޒިކް ރޫމަށެވެ. ޒިއަން އައި އިރު އީމާން އިނީ ގިޓާ ކުޅޭށެވެ. މާޒިން އިނީ އާދައިގެ މަތިން ޑްރަމް ކުޅޭށެވެ.

"ހިނގާ ކާން" ޒިއަން އައިސް ގޮވައިލިއެވެ.

"އޭ ޝާޒިން ބުނީ ލަވަ ލިޔެފީމޯ..." ޒިއަން ފެނުމުން މާޒިން ބުނެލިއެވެ.

"ރިކޯޑިން އަށް ގުޅާނަމޯ އަންނަ ހަފްތާ" އީމާން އިތުރުކޮށްލިއެވެ. އެ މީހުން މިހާރު އެ ތައްޔާރު ވަނީ އެ މީހުންގެ ފުރަތަމަ ލަވައަށެވެ. ލަވަ ކިޔާނީ ޒިއަންގެ ޖާދުވީ އަޑުންނެވެ.

"ދެން ހިނގާބަލަ ކާން މިއަދު ކެއްކީ ރާނީ" ޒިއަން ފޮނިވެލާފައި ބުނެލިއެވެ.

"ކޯންޗެއް ހެދީ؟" މާޒިން އިން ތަނުން ފުންމައިގެން ތެދުވެ ދާން ހިނގައިގަތެވެ. ފަހަތުން އީމާން އާއި ޒިއަންވެސް ހިނގައިގަތެވެ. އެމީހުން ދިޔައިރު ރާނީ ހުރީ ކާން ތައްޔާރުކޮށްގެންނެވެ. ރާނީ އެންމެ ފޫހިވީ މަންހާ އައިސް އެތާ އިށީނީމައެވެ.

އެންމެންވެސް ތައްޓަށް އެއްޗެހި އަޅައިގެން ކާން ފެށިއެވެ. ރާނީ އިނީ ފަހަރަކު މީހެއްގެ މޫނަށް ވަކި ވަކިން ބަލާށެވެ. ފުރަތަމަ ބަތްކޮޅާއި އެކީ މާޒިންގެ އަނގަޔަށް ވީގޮތުން ރާނީގެ ހިނިތުންވުން ފިލައިގެން ދިޔައެވެ. އީމާން ވެސް އިނީ ފާޑަކަށް އަނގަ ހަލުވާށެވެ. ޒިއަން އަށް ވެސް ވީ ހަމަ އެހެންނެވެ. ނުކައި ބަލަން އިނީ މަންހާއެވެ. މަންހާ އިނީ ތައްޓަށް ބަތް އަޅައިގެން ފަހަރަކު މީހެއްގެ މޫނަށް ބަލާށެވެ. ރާނީ އަށް ހިންދިރުވައިލެވުނެވެ.

ޒިއަން ވިސްނައިލިއެވެ. ކުރިން ކާ އެއްޗެއްހީގައި ލީ މިރަހައެއް ނޫނެވެ. ބަތްވެސް ވަރަށް މީރެވެ. ސައިޑް ޑިޝް ވެސް ވަރަށް މީރެވެ. ދެން މީގައި އެހާ ލޮނު ގަދަވާންވީ ކީއްވެގެން ހެއްޔެވެ. އަނގަޔަށް ލާކަށްވެސް ނުކެރުނެވެ. ޒިއަން ރާނީގެ މޫނަށް ބަލައިލިއެވެ. ރާނީ ވެސް އިނީ އެތިކޮޅަކުން ރަހަ ބަލައިލުމަށްފަހު ޒިއަންގެ މޫނަށް ބަލާށެވެ. ރާނީގެ ލޮލުން ކަރުނަ އަންނަން ތައްޔާރުވެފައިވި ތަން ޒިއަން އަށް ފެނުނެވެ. ދެން ޒިއަން ބަލައިލީ މަންހާގެ މޫނަށެވެ. މަންހާ އިނީ ރާނީގެ މޫނަށް ބަލަހައްޓައިގެން ފާޑަކަށް ހެވިފައެވެ. އީމާން އަށް ވެސް ގޯހެއް އުޅޭކަން އިހުސާސްވިއެވެ. މާޒިން އިނީ ކެއުން ހުއްޓައިލުމަށްފަހު ކޯކު ތަށި ހިފައިގެންނެވެ. ކާ އެއްޗެހީގައި ލޮނު ގަދައޭ ބުނެފިނަމަ ރާނީ ދެރަވެދާނެތީ އޭނާ ވެސް އިނީ ކާކަމަށް ހެދިގެންނެވެ.

"ރާނީ ވަރަށް މީރު" ޒިއަން ބަތްކޮޅެއް ކާލަމުން ބުނެލިއެވެ. އީމާން އަށް ވެސް ރާނީގެ މޫނު ފެނުނެވެ. އީމާންވެސް ކެތް ކޮށްލާފައި ކާން ފެށިއެވެ.

"އެ ތެދެއް ރާނީ ވަރަށް މީރު... ބީފް އެތިވެސް ވަރަށް މީރު" އީމާން އިތުރަށް ތައްޓަށް އަޅަން ފެށިއެވެ. މާޒިން އަށް ވެސް އިސްރާފު ކުރަން ނުކެރިގެން ކާން ފެށިއެވެ. ތިން މީހުން ހަމަ ބަނޑު ފުރެންދެން ކެއެވެ. މަންހާ އިނީ މޫނަށް ފާޑެއްގެ ވައްތަރެއް ޖައްސައިގެން ކާން ނުކެރިފައެވެ. މިކަމުގެ ފަހަތުގައި މަންހާގެ އަތެއް ވާނެއޭ ޒިއަންގެ ހިތް ބުނަމުން ދިޔައެވެ.

"މަންހާ ނުކަންތަ؟ ކައިބަލަ" ޒިއަންގެ ކުރިމަތީ އިން މަންހާގެ މޫނަށް ބަލައިލަމުން ޒިއަން ބުނެލިއެވެ.

"އެ ތެދެއް ގިނައިން އަޅާބަލަ" މިހެން ބުނުމަށްފަހު މާޒިން މަންހާގެ ތައްޓަށް ގިނައިން ބަތް އެޅިއެވެ. އަދި ކެއުމަށް އެދުނެވެ. މާޒިން އަށް ވެސް ވީ ގޮތް އެނގިއްޖެއެވެ. އެއީ މަންހާގެ ކަމެއްކަން އިނގުނީ ޒިއަން މަންހާ ކައިރީގައި ކެއުމަށް އެދުނީމައެވެ. ވަރަށް އުނދަގުލުން މަންހާ ކަމުން ދިޔައެވެ.

"މަންހާ އަށް ހާދަ ނުކެވެއޭ ދޯ؟" މާޒިން އަނެއްކާވެސް ބުނެލިއެވެ. މަންހާ އަކަށް ކެތެއް ނުވިއެވެ.

"ނުކެވޭނެ އެއްނު މީގަ ހުރީ ހުސް ލޮނު.. ކައްކަން އިނގޭ މީހުން ކެއްކީމަ ދޯ ކެވޭނީ" ރާނީގެ މޫނަށް ބަލައިލަމުން މަންހާ ބުނެލިއެވެ. އަދި ރާނީ އަށް ލޯ އަޅައިލިއެވެ. ރާނީ އޭރުވެސް އިނީ އެއްޗެއް ބުނަން ނުކެރިފައެވެ. މިއަދު އޭނާ އެ އިނީ ޒިއަންގެ ރައްޓެހިން ކުރިމަތީގައި ލަދުގަނެފައެވެ. އެމީހުން ކިތަންމެ ތައުރީފު ކުރިޔަސް އެއީ ހުސް ދޮގުކަން ރާނީ އަށް އިނގެއެވެ.

"މަންހާ މީރުކޮށް ކައްކާ މީހާ ދެން ބެސްޓީގެ ބާތްޑޭގަ މީރުކޮށް ކެއްކި ނަމަ" އަނެއްކާވެސް މާޒިން ބުނެލިއެވެ. މާޒިންގެ ކައިރިއަކުން މީހަކަށް މޮޅެއް ނުވެވޭނެއެވެ. މަންހާ މާޒިން އަށް ލޯ އަޅައިލިއެވެ. އަދި ތަށި ދުރުކޮށްލުމަށްފަހު އެތަނުން ނިކުމެގެން ހިނގައްޖެއެވެ.

ކައި ނިމިގެން މާޒިން އާއި އީމާން އަނެއްކާވެސް ދިޔައީ މައްޗަށެވެ. ޒިއަން ކޮޓަރިއަށް ވަތް އިރު ރާނީ އޮތީ އެނދުމަތީގައި ބަންޑުންނެވެ.

"ރާނީ" ޒިއަން އައިސް ރާނީގެ ކައިރީގައި އިށީނެވެ. ޒިއަން ބަލައިލި އިރު ރާނީ އޮތީ ރޯށެވެ.

"ހޭ ކިހިނެއްތަވީ؟" ޒިއަން ރާނީގެ ދެކޮނޑުގައި ހިފައިލުމަށްފަހު އަނބުރައިލިއެވެ. އަދި ރާނީގެ ކަރުނަތައް ފުހެލިއެވެ.

"ރާނީ ހުއްޓާލަބަލަ ޕްލީޒް" ޒިއަން ރާނީގެ އަތުގައި ހިފައި ނެގިއެވެ. އަދި ރާނީގެ ގައިގައި ބައްދައިލިއެވެ.

"އަސްލުވެސް ވަރަށް މީރޭ އަހަރެން ރަހަ ބެލީމޭ ރާނީ ފެންވަރަން ދިޔަ ގަޑީގަ... އެޔަށް ކަމެއް ކުރީ މަންހާ... ރާނީގެ ކަމެއް ނޫނޭ" ޒިއަން ރާނީގެ ބޮލުގައި ފިރުމައިލިއެވެ. ރާނީ ޒިއަންގެ ކޮނޑު މަތީގައި ބޯ އަޅައިގެން އޮވެ ހަމަ ރޮނީއެވެ.

"އޯކޭ ގެޓް ރެޑީ... ހިނގާ ރައިޑަކަށް ދާން" އެންމެ ފަހުން ޒިއަން ބުނެލިއެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް