ރޭ ކުޅެވުނު މަޝްހޫރު އެލް ކްލެސިކޯ މެޗު އެއްވަރުވެ، ބާސެލޯނާއިން ސްޕެނިޝް ލީގުގައި ބަލިނުވެ ލީގު ޗެމްޕިއަނުންގެ ގޮތުގައި މުބާރާތް ނިންމާލުމަށް މިސްރާބު ހިފައިފިއެވެ.
ދުނިޔޭގެ ކްލަބް ފުޓްބޯޅައިގެ އެންމެ ފޯރިގަދަ އެއް މެޗުގެ ގޮތުގައި، ސްޕެއިންގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލު ކުރާ އެލް ކްލެސިކޯ މެޗު ބަލާއިރު، ރޭ މި ދެ ޓީމު ބައްދަލު ކުރި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. މިއާއެކު ލީގުގައި ދެ ޓީމަށް ވެސް ބާކީ ދެ މެޗު އޮތްއިރު، ލީގު ޗެމްޕިއަންކަން ކަށަވަރު ވެފައިވާ ބާސެލޯނާ އެ ދެ މެޗުން ވެސް ބަލިނުވެ ހިފަހައްޓާލައިފިނަމަ، މި ސީޒަންގައި ލީގު މެޗަކުން ބަލިނުވުމުގެ އައު ރެކޯޑެއް އެ ޓީމަށް ގާއިމް ކުރެވޭނެއެވެ.
ބާސެލޯނާއަށް ލީގު ކަށަވަރުވެފައިވި ނަމަވެސް، ކުރިން ވެސް ރެއާލް މެޑްރިޑްގެ ކޯޗު ޒިދާން ބުނި ފަދައިން، ރެއާލް އިން މެޗުގެ ކުރިން ބާސެލޯނާއަށް ގާޑް އޮފް އޮނާ އެއް އަރުވާފައެއް ނުވެއެވެ. މިއީ ރެއާލް މެޑްރިޑުން އެންމެ ފަހުން ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްގެން އަހިސް ކުޅުނު ފުރަތަމަ މެޗަށް އެލް ކްލެސިކޯ ވިއިރު، ބާސެލޯނާއިން ރެއާލްއަށް ގާޑް އޮފް އޮނާއެއް ނުދިނުމުން އެކަމުގެ ހިތްހަމަ ނުޖެހުމުގައި ރެއާލް އިން ޢަމަލުކުރި ގޮތެކެވެ. ބާސެލޯނާއިން ރެއާލްއަށް ގާޑް އޮފް އޮނާއެއް އެ ފަހަރު ނުދިނީ ބާސާއިން އެ މުބާރާތުގައި ވާދަ ނުކުރާތީކަމަށް ބުނެ އުޒުރު ދެއްކި ނަމަވެސް، ބާސެލޯނާއިން މީގެ ކުރިން އަހަރެއްގައި އެ ޓީމު ވާދަކޮށްފައި ނުވާ ޔުރޮޕާ ލީގުގެ ތަށި ސެވިއްޔާއިން އުފުލާލުމަށްފަހު، ސެވިއްޔާއަށް ދެކޮޅަށް ކުޅުނު މެޗެއްގައި އެ ޓީމަށް ގާޑް އޮފް އޮނާ އަރުވާފައިވެއެވެ.
ބާސެލޯނާއަށް ލީގު ކަށަވަރު ވެފައިވީ ނަމަވެސް، ރޭގެ އެލް ކްލެސިކޯ ވެސް ފެނުނީ ފޯރި ގަދަކޮށެވެ. ބާސާގެ ދަނޑުގައި ކުޅުނު މެޗު ފެށިގެން އެންމެ 14 މިނިޓު ތެރޭގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މިއީ އެ ޓީމުން އުފެއްދި އަވަސް ކައުންޓާ އެޓޭކެއްގައި ސާޖިއޯ ރޮބާޓޯ ނަގައިދިން ހުރަހަކުން ލުއިސް ސުއަރޭޒް ކާމިޔާބު ކޮށްދިން ލަނޑެކެވެ.
އެހެން ނަމަވެސް ބާސެލޯނާއަށް ލީޑު ހިފަހައްޓާލެވުނީ ކުޑަ އިރުކޮޅަކުއެވެ. ރެއާލް އިން އުފެއްދި އަވަސް ހަމަލާއެއްގައި ރޮނާލްޑޯ ބޯޅަ ހިފައިގެން އަރާ ކްރޫސްއަށް ޖައްސާލުމުން، ކުރޫސް ބެންޒެމާއަށް ދިން ބޯޅަ އޭނާ ވަނީ ގޯލު ކުރިމައްޗަށް ހުރަސް ކޮށްލާފައެވެ. އޭރު އެ ބޯޅައަށް އަރައަރައިހުރި ރޮނާލްޑޯ ވަނީ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފައެވެ. މި ލަނޑާއެކު ރޮނާލްޑޯ ވަނީ އެލް ކްލެސިކޯގައި 18 ލަނޑު ހަމަކޮށް، ރެއާލްއަށް ކްލެސިކޯގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑްގައި ޑި ސްޓެފާނޯއާ އެއްވަރުކޮށްފައެވެ.
ފުރަތަމަ ހާފު އެއްވަރު ވެގެން ނިމުނުއިރު، ފުރަތަމަ ހާފުގެ ފަހުކޮޅުގައި މާސެލޯއަށް ބޯޅަ ނެތި އަތުން ހަމަލާ ދިނުމުން ބާސެލޯނާގެ ސާޖިއޯ ރޮބާޓޯއަށް ވަނީ ރަތް ކާޑު ދައްކާފައެވެ.
ދެ ވަނަ ހާފު ފެށިގެން ކުރީކޮޅުގައި ބާސެލޯނާއިން އަނެއްކާ ވެސް ލީޑު ނެގިއެވެ. މިއީ ރެއާލްގެ ސެންޓަބެކް ވެރޭން އަތުން ބޯޅަ ހޯދައި ސުއަރޭޒް ދިން ޕާހަކުން މެސީ ޖެހި ލަނޑެކެވެ. މި ލަނޑު ޖެހުމަށް އެހީތެރިވެދިން ސުއަރޭޒް ވެރޭން އަތުން ބޯޅަ ހޯދީ ފައުލް ކޮށްގެން ކަމަށް ޓީވީ ރީޕްލޭތަކުން ސާފުކޮށް ފެންނައިރު، ރެއާލްގެ ކުޅުންތެރިން، އެ ތަނުން ރެފްރީ ފައުލްއަކަށް ނުނިންމީތީ އެކަމާ ޝަކުވާ ވެސް ކޮށްފައިވެއެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދިޔަ ބާސެލޯނާއަށް ބާރު ބޮޑުކޮށް، އެޓޭކްތައް ގިނަ ކޮށްލުމާއެކު، ރެއާލް އިން ވަނީ އަނެއްކާ ވެސް ނަތީޖާ ހަމަހަމަ ކޮށްލާފައެވެ. ރޮނާލްޑޯއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާގެ ބަދަލުގައި ދެ ވަނަ ހާފު ކުޅެން ނުކުތް މާކޯ އެސެންސިއޯ ދިން ޕާހަކުން މި ލަނޑު ކާމިޔާބު ކުރީ ގެރެތު ބޭލްއެވެ.
ރޭގެ މެޗުން އެއްވަރުވުމުން ބާސެލޯނާއަށް ހިތްހަމަޖެހުން ލިބުނު ނަމަވެސް، މިއީ 2003 ވަނަ އަހަރުގެ ފަހުން ރެއާލްއާ ދެކޮޅަށް ކުޅުނު މެޗުތަކުން ޖެހިޖެހިގެން 4 މެޗުން އަމިއްލަ ދަނޑުގައި ބާސެލޯނާއަށް މޮޅެއް ނުހޯދި ދިޔަ ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް