އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާގެ ހުކުމް މާދަމާ ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
އުއްތަމަ ފަނޑިޔާރާއި ދެކޮޅަށް މި ދައުވާ ކުރީ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ގެ ހިދުމަތް މިދިޔަ ފެބްރުއަރީ ހަތަރެއް އަދި ފަހެއްގައި ހުއްޓުމަކަށް ގެނައުމަށް އެންގެވި ކަމަށް ބުނެ އެވެ. މި މައްސަލައިގެ އަޑުއެހުންތައް ނިންމާލާ މިއަދު އޮތީ ހުލާސާ ބަޔާން އިއްވުމެވެ.
މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތަކުގައި އުއްތަމަ ފަނޑިޔާރު ވަނީ އެކަމަށް އިންކާރު ކުރައްވާފަ އެވެ.
މި މައްސަލައިގަ އުއްތަމަ ފަނޑިޔާރާއި ދެކޮޅަށް ސިއްރުން ހެކިބަސް ދިން ބަޔަކު ވަނީ އެކަމަށް އުއްތަމަ ފަނޑިޔާރު އެންގެވި ކަމަށް ބުނެފަ އެވެ. އެކަމަކު އުއްތަމަ ފަނޑިޔާރާއި އެއްކޮޅަށް ހެކިބަސް ދިން މީހަކު ވަނީ ޖެމްސްގެ ހިދުމަތް މެދުކަނޑާލަން އުއްތަމަ ފަނޑިޔާރު އަންގަވާފައި ނުވާ ކަމަށް ބުނެފަ އެވެ.
މި ދައުވާ ސާބިތު ވެއްޖެ ނަމަ، ގިނަވެގެން ހަތަރު މަހާއި 26 ދުވަހުގެ ޖަލު ހުކުމެއް އުއްތަމަ ފަނޑިޔާރުގެ މައްޗަށް އަންނާނެ އެވެ. ފަނޑިޔާރުންގެ ގާނޫނަށް މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގައި ބުނެފައިވަނީ ޖިނާއީ ދައުވާއެއް ފަނޑިޔާރެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އެ ފަނޑިޔާރެއްގެ މަގާމު ގެއްލޭނެ ކަމަށެވެ.
މި ދައުވާގެ އިތުރުން ދެ ދައުވާއެއް އެމަނިކުފާނާއި ދެކޮޅަށް ވަނީ އުފުލާފައި އެވެ. އެއީ ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އާއި ހެކި ފޮރުވިކަމަށް ބުނެ އުފުލާފައިވާ ދައުވާ އެވެ.
ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރު ހައްޔަރު ކުރީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އެވެ. ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އުއްތަމަ ފަނޑިޔާރު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް