ފުލުހަށް ހާޒިރުވާން ޖެހޭ ގަޑި ބަދަލު ކޮށްދޭން ޔުމްނާ އެދިއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާފައިވާ ގަޑި ބަދަލު ކޮށްދިނުމަށް އޭނާގެ ފަރާތުން އެދިވަޑައިގެންފި އެވެ. ޔުމްނާ ފުލުސް އ...

07 May 2018 | 07:45

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާފައިވާ ގަޑި ބަދަލު ކޮށްދިނުމަށް އޭނާގެ ފަރާތުން އެދިވަޑައިގެންފި އެވެ.

ޔުމްނާ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައި ފޮނުވި ޗިޓުގައި ބުނެފައިވަނީ މިއަދު ހަވީރު 4:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާކަމަށެވެ. ޔުމްނާގެ މައްޗަށް ކޮށްފައިވަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތެވެ.

ޔުމްނާ ސޮއި ކުރައްވާ އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒަށް ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ ފުލުހަށް ހާޒިރުވާން ޖެހޭ ވަގުތަށް އޭނާގެ ކުޑަ ދަރިފުޅު ބަލާނެ އިތުރު މީހަކު ނެތް ކަމަށެވެ. އެކަމަކު މިރޭ ދޮށީ ދަރިފުޅު މާލެ އަންނާނެ ކަމަށެވެ.

އެހެންވެ މާދަމާއަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުން ލަސްކޮށްދިނުމަށް އެދޭ ކަމަށެވެ.

ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ޔުމްނާ އަށް ފޮނުވި ޗިޓުގައިވާ ގޮތުން އޭނާ އަށް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީގެން، ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތެވެ.

ހަމަ މި ތުހުމަތުގައި އޭނާގެ ފިރިކަލުން މުހައްމަދު ނަދީމާއި ބައްޕާފުޅު ކުރީގެ ރައީސް މައުމޫންގެ އިތުރުން ކޮއްކޯފުޅު ފާރިސް މައުމޫން ވަނީ ހައްޔަރުކޮށްފައި އެވެ. އަދި އެ ތިން ބޭފުޅުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެ އެވެ.

މައުމޫނާއި ނަދީމް ބަންދުކުރިތާ ތިން މަސް ވެއްޖެ އެވެ. އަދި ފާރިސް ބަންދުކޮށްފައި ހުންނަތާ ނުވަ މަސް ވެއްޖެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް