އިންތިހާބު ނިމިގެން ދިޔައީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު: ބޭރުގެ އޮބްޒާވަރުން

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ހުރިހާ ކަމެއްވެސް ދިޔައީ މިނިވަން ކަމާއި އިންސާފުވެރިކަމާއެކު ކަމަށާއި، އިންތިހާބުގެ ހުރިހާ ކަމެއްވެސް އިލެކްޝަނުން އިންތިޒާމް ކޮށްފައިވަނީ ވަރަށް ފުރިހަމަ...

07 May 2017 | 17:47

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ހުރިހާ ކަމެއްވެސް ދިޔައީ މިނިވަން ކަމާއި އިންސާފުވެރިކަމާއެކު ކަމަށާއި، އިންތިހާބުގެ ހުރިހާ ކަމެއްވެސް އިލެކްޝަނުން އިންތިޒާމް ކޮށްފައިވަނީ ވަރަށް ފުރިހަމައަށް ކަމަށް އިންތިހާބު އޮބްސާވް ކުރަން ވަޑައިގެންނެވި ބޭރުގެ ފަރާތްތަކުން ބުނެފިއެވެ

ބޭރުގެ އޮބްސާވަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން އަފްގާނިސްތާނުގެ އިލެކްޝަން ކޮމިޝަނަރު ވިދާޅުވީ ފާހަގަކުރެވުން ހުރިހާ ކަމެއް ވެސް ދިޔައީ ގާނޫނީ އިމުގެތެރެއިން ގަވާއިދުތަކާ އެއްގޮތަކަށް ކަމަށެވެ. އަދި މިފަހަރުގެ އިންތިހާބު ވަރަށް ގާތުން ކަވަރު ކުރުމުގެ ފުރުސަތު ލިބުނު ކަމަށާއި ކޮމިޝަނުގެ މެމްބަރުންނާއި މުވައްޒަފުންގެ މަސައްކަތް ބަލައި ގަންނަން ޖެހޭ ކަމަށް އަފްގާނިސްތާނުގެ އިލެކްޝަން ކޮމިޝަނަރު ވިދާޅުވިއެވެ.

އިއްޔެގެ އިންތިހާބުގައި އިންތިހާބަށް ހާއްސަކޮށް ބޭނުންކޮށްފައިވާ ލެޕްޓޮޕް ތަކާއި އެހެނިހެން ވަސީލާތްތައް ބޭނުންކޮށްފައިވާކަން ބޭރުގެ ފަރާތްތަކުން ވަނީ ރަނގަޅު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައެވެ

އިއްޔެގެ އިންތިހާބުގައި މާ މާބޮޑު މައްސަލައެއް ދިމާނުވި ނަމަވެސް ބައެއް މަރުކަޒުތަކުގައި ވޯޓު ލުން ލަސްވެގެން ދިޔުމުން ވޯޓުލާ ގަޑި އިތުރު ކޮށްފައިވަނީ ގާނޫނާއި ހިލާފަށްކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. މިކަމާ ގުޅޭ ގޮތުން އޮބްސާވަރުން ވިދާޅުވީ ވަގުތު އިތުރު ކުރުމަކީ ގިނަ މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން ކުރި ކަމެއް ކަމަށާއި އެއީ މައްސަލަ އެއް ނޫން ކަމަށެވެ.

އަދި ވޯޓު ގުނަމުން ދިޔަ ވަގުތު ކެންޑިޑޭޓުންގެ ފަރާތްތަކުންވެސް ގިނަ ބަޔަކު ހާޒިރުވި ނަމަވެސް އެކަން ހިނގައިދިޔައީވެސް ވަރަށް އިންސާފުވެރިކަމާއި ހަމަހަމަ ކަމާއެކު ކަމަށް އޮބްޒާވަރުން ފާހަގަކުރިއެވެ.

އޮބްޒާވަރުންނަށް އިތުރަށް ފާހަގަވި ކަމަކީ ވޯޓުލާ މަރުކަޒުތަކުގައި ގިނަ އަންހެނުން ހަރަކާތްތެރިވެފައިވާ ކަމަށާއި ވޯޓު ލާން ގިނަ އަންހެނުން ދިޔަކަމެވެ.

އިންތިހާބު އޮބްސާވް ކުރުމަށް ހަ ގައުމެއްގެ އޮބްސާވަރުން ރާއްޖެ އައެވެ. އޭގެ ތެރޭގައި ބަންގްލަދޭޝް، ސްރީލަންކާ، ބޫޓާން، އަފްގާނިސްތާން، ބޮސްނިއާ އަދި ޕާކިސްތާނުގެ ބޭފުޅުން ހިމެނެއެވެ. އެ ބޭފުޅުން ވަނީ އަތޮޅު ތެރޭގެ ބައެއް ފޮށިތަކަށްވެސް ޒިޔާރަތް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް