މިވީ ކިހިނެތް, ސަރުކާރު ހިންގާ ޕާޓީއަށް ސޮއި ކުރިހާ މެންބަރުން ކޮބާ!

ސަރުކާރު ހިންގާ ޕީޕީއެމްގެ އެންމެ ބޮޑު އަމާޒަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އަންނަން ވާއިރަށް 150،000 މީހުން އެ ޕާޓިއަށް ހަމަ ކުރުމެވެ. ސަރުކާރުގެ މިނިސްޓަރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރ...

07 May 2017 | 09:32

ސަރުކާރު ހިންގާ ޕީޕީއެމްގެ އެންމެ ބޮޑު އަމާޒަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އަންނަން ވާއިރަށް 150،000 މީހުން އެ ޕާޓިއަށް ހަމަ ކުރުމެވެ.

ސަރުކާރުގެ މިނިސްޓަރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން އެ ޕާޓީއަށް މެންބަރުން ވެއްދުމަށް ރެއާ ދުވާލު އަރާމެއް ނެތި މަގުތަކަށް ނިކުމެ އާންމުންގެ ސޮއި ހޯދަމުން ދިޔަތަން ފެނުނު ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އެއް ދުވަހާ 11 ހާސް މީހުން ސޮއި ކުރި ކަމަށްވެސް ޕީޕީއެމްއިން ބުންޏެވެ.

އެކަމަކު އެ ނަތީޖާ އިއްޔެ ލޯކަލް ކައުންސިލް އިންތިހާބުން ނުފެނި ވަގުތީ ނަތީޖާތަކުން އެހާ ބޮޑު ތަފާތަކުން ސަރުކާރު ބަލިވެފައި މިވަނީ ކީއްވެ ހެއްޔެވެ. މި ނަތީޖާއިން ދައްކައިދެނީ ސަރުކާރަށް ގިނަ ރައްޔިތުންގެ އިތުބާރާއި ތާއީދު ނެތް ކަން ނޫންތޯއެވެ.

ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި ތިބި އާންމުންގެ ވާހަކަ ދައްކަން ޖެހެނީ މިހާ ހިސާބުންނެވެ. މާ ދުރަކުން ނޫނެވެ. ކޮއްކޮ އެއްގެ ވާހަކައިން ފަށާނަމެވެ. ވޯޓުލާން ދާން ބުންޏަސް ދާހިތެއް ނުވެއޭ، ކީއްކުރަން ކުރާ ކަމެއްހޭ ބުނެ ދެބެންގެ ދެދަރި ބޭބެއަށް މަޖިލީހުގެ އިންތިހާބުގައި ވޯޓުލާން ނުދިޔަ ކޮއްކޮ އެކެވެ.

ސަރުކާރު އޮފީހަކުން ލިބުނީ ސިވިލް ސާވިސް ވަޒީފާއެކެވެ. އަދި ވަޒިފާ ލިބުނުތާ މަހެއް ނުވެ އެވެ. މިހާރު އެއީ ޕީޕިއެމް މެންބަރެކެވެ. އާއިލާ އެންމެން އޭނާ ދިމާކޮށް ހަޖޫޖެހިއެވެ. ސިޔާސީ ދާއިރާ ދެކެ ފޫހިވާ މީހަކު ޕީޕިއެމްއަށް ސޮއި ކުރުމުންނެވެ.

ކޮއްކޮ ބުނީ ސޮއި ކުރީ ވަޒީފާއަށް ވަތްތާ ތިން މަސް ނުވާތީ ވަޒިފާ ގެއްލިދާނެ ކަމުގެ ބިރަށެވެ. މާލޭގައި އުޅެންޖެހިފައިވާއިރު ވަޒީފާގެ މުހިންމު ކަމުންނެވެ. އޭނާ ބުނީ ޕާޓިއަށް ވަންނަ ފޯމު ގެނެސް ބާއްވަނީ މޭޒުމަތީގައި ކަމަށެވެ. އަދި ސޮއި ކުރަން ދެކޮޅު ހަދާ މީހުން ވަކިން މަޑު ކުރުވާ ވާހަކައްކާ ކަމަށެވެ.

"ވަޒިފާގެ ބިރަށް ސޮއި ކުރީ. ފޯމުގައި އޮވޭ ސޮއި ކުރަންޖެހޭނީ ހަމަ ހޭގައި ހުރެގެންނޭ. ޕީޕީއެމް ފޯމުގައި ސޮއިކޮށްފަ އޮފީސް މީހުން ކައިރީ ބުނިން ހަމަ ހެއަކު ނޫން ކަންނޭނގޭ މިހުރީ،" އޭނާ ބުންޏެވެ.

ކޮއްކޮ ބުނީ އެގޮތަށް ސޮއި ކުރުވުމަކުން އަދި އޭނާ  ވޯޓުލާން ނުދާނެ ކަމަށާއި ސަރުކާރަށްވެސް މިގޮތަށް ގަދަކަމުން ޕާޓިއަށް ވެއްދުމުން ވޯޓު ނުލާނެ ކަމަށެވެ. ވެރިކަން ކުރާ ޕާޓީއަށް ސޮއި ކުރުމަކީ ސަރުކާރު ވަޒީފާތަކުގައި ތިބޭ މީހުންނަށް މަޖުބޫރު ކަމަކަށް މިހާރުވަނީވެފައި އެވެ. އަނެއްކާ އަނެއް ވެރިކަން އައިމަ މި ޕާޓީ ދޫކޮށް އެ ޕާޓީއަށްވެސް ޖެހޭނީ ސޮއި ކުރާށެވެ. މިއީ އެގޮތަށް ސޮއި ކޮށްގެން ތިބި ގިނަ މީހުން ގަބޫލު ކުރާގޮތެވެ.

އެކަމަކު އެހެން ހެދުމުން އިންތިހާބުތަކުގައި ލާ ވޯޓު ހޯދޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. ވެރިކަން ކުރާ ޕާޓީން އެ ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް ހިންގި ކެމްޕެއިން ތަކުގައި ޕާޓީއަށް ގިނަ މީހުން ވެއްދީ ހަދިޔާ ދީގެންނާއި ބޭރު ދަތުރު ދީގެން ކަމަށް އޭރު އަޑު ފެތުރުނެވެ. އެކަމަކު އޭގެ ހަގީގަތެއް ނޭނގެ އެވެ.

އެހާ ގިނަ ބަޔަކު ޕާޓީގައި ތިބެ އިއްޔެގެ ވޯޓުން ފެނިގެން މިދާ ނަތީޖާ އަކީ ގަދަބާރުން މެންބަރުން ހޯދުމުން، އެ ރައްޔިތުންނާއި މުވައްޒަފުގެ ހިތް ނުހޯދުނު ކަމުގެ ހެކި ކަމަށް އެމީހުން ބުނެ އެވެ. ރައްޔިތުން ބޭނުންވަނީ ގަދަބާރު ނުދައްކާ އިންސާފާއި ހަމަހަމަކަން ކަމެވެ. ތަރައްގީ ބޭނުންވަނީ އޭގެ ފަހުގައި ކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް