އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް - ފޮޓޯ: ވައިޓް ހައުސް
ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް އީރާނަށް ދީފައިވާ މުހުލަތު ފަސްކުރުމުގެ ފުރުޞަތު ވަރަށް ކުޑަ ކަމަށާއި، މިރޭ (އަންގާރަ) އީސްޓާން ގަޑިން 8:00 (ރާއްޖޭ ގަޑީން ބަލަނީނަމަ ބުދަ ދުވަހުގެ ފަތިހު 05:00)ގެ ކުރިން ޑީލެއް ނުހެދިއްޖެ ނަމަ އީރާނުގެ ޕަވާ ޕްލާންޓްތަކާއި ބްރިޖްތައް ނައްތާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ހޯމަ ދުވަހު ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ބުނީ މީގެ ކުރިން އެތައް ފަހަރަކު މުހުލަތު ފަސްކޮށްދީފައިވާ ކަމަށާއި، މިފަހަރު އެ ފުރުޞަތު ދިނުމުގެ ވިސްނުމެއް ނެތް ކަމަށެވެ. "އީރާނުގެ ހުރިހާ ބްރިޖެއް ނައްތާލެވޭނެ، ހުރިހާ ޕަވާ ޕްލާންޓެއް ބޭކާރުވެ، އަނދައި ހުލިވާނެ" ކަމަށް ޓްރަމްޕް ބުންޏެވެ.
ޕާކިސްތާނުގެ އިސްނެގުމާ އެކު ހުށަހެޅި 45 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭނާ ގުޅޭ ގޮތުން ޓްރަމްޕް ބުނީ އީރާނުގެ ހުށަހެޅުމަކީ "މުހިންމު ފިޔަވަޅެއް" ކަމަށާއި، ނަމަވެސް "އެކަށީގެންވާ ވަރެއް ނޫން" ކަމަށެވެ. ވައިޓް ހައުސް އިން ބުނީ ޓްރަމްޕް އެ ހުށަހެޅުމަށް ރުހުން ދީފައި ނުވާ ކަމަށާއި "އޮޕަރޭޝަން އެޕިކް ފިއުރީ" ކުރިއަށް ދާ ކަމަށެވެ.
އީރާނުން ވަނީ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުން ހުށަހެޅި ހުށަހެޅުން ގަބޫލު ނުކޮށް، ދާއިމީ ގޮތެއްގައި ހަނގުރާމަ ނިންމުމަށް ގޮވާލައިފައެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޤާއީ ބުނީ "މަޝްވަރާތަކާ އެކު އިންޒާރުތަކާއި ހަނގުރާމައިގެ ޖަރީމާތައް އެއް ނުވާނެ" ކަމަށެވެ. އީރާނުގެ ޢަސްކަރީ މައި ކޮމާންޑުން ވެސް ވަނީ މަދަނީ ތަންތަނަށް ހަމަލާ ދީފި ނަމަ "މާ ބޮޑެތި ގެއްލުންދެނިވި" ރައްދު ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފައެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ހަމަލާ ދިނީއްސުރެ ހޮރްމޫޒް ކަނޑުއޮޅިން ތެލުގެ ޝިޕްމަންޓްތައް ވަނީ ގާތްގަނޑަކަށް ހުއްޓިފައެވެ. ދުނިޔޭގެ ތެލުގެ 20 އިންސައްތަ ދައުރުވާ މި ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ތެލުގެ އަގު ބޮޑުތަނުން އުފުލި، ދުނިޔޭގެ އިޤުތިޞާދަށް ބޮޑެތި ލޮޅުންތައް ވަނީ އައިސްފައެވެ. މިހާތަނަށް މެދުއިރުމަތީގެ އެކި ހިސާބުތަކުން 3,400 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް