ނީލަން ފިހާރަތައް ހިންގަމުންދިޔަ ފަޅުމަތީމަގުގައި ހުރި މުދާތައް ނަގާ އެ މަގު ސާފުކޮށް، އެ މަގުގެ ބައެއް އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލުކޮށްފި އެވެ.
ނީލަން ފިހާރަތައް ހުންނަ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފެށީ އިއްޔެއެވެ.
އެ މަސައްކަތާ ގުޅޭގޮތުން ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފަޅުމަތީ މަގު ސާފުކޮށް އެ މަގުގެ ބައެއް އެއްކޮޅުން އަނެއް ކޮޅަށް ދުއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެއްކޮޅަށް ދުއްވާގޮތަށް ހަމަޖައްސާފައި ވަނީ ފަޅުމަތީ މަގުގެ ރެހެންދި ހިނގުމުން ފެށިގެން ތަރާނާ ގޯޅިއާ ހަމައަށް ހުޅަނގުން އިރަށެވެ. ދެން އޮތް ބައިގައި ކުރިން ވެސް އޮތް ގޮތަށް ދެކޮޅަށް ދުއްވޭނެ ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ އެ ސަރަހައްދުގައި އެއްވެސް ހަމައެއް ނެތި އެއްޗެހި ވިއްކަމުން ދިއުމުގެ ސަބަބުން ފަޅުމަތީ މަގުގެ ތަރުތީބު ގެއްލި މަގުމަތީގައި މުދާ ޖަމާކޮށްފައި ބެހެއްޓުމުގެ ސަބަބުން ދުއްވާ އެއްޗެއްސާއި ހިނގާ މީހުންނަށް ވެސް ދަތިތަކާ ކުރިމަތިވަމުން އަންނަ ކަމަށެވެ.
ދައުލަތުގެ އެއްވެސް ބިމެއްގައި އަދި އެއްވެސް ސަރަހައްދެއްގައި މުދަލެއް ބަހައްޓައި އެތަނެއް ބޭނުންކުރަންވާނީ ހަމަޖެހިފައިވާ އުސޫލުގެ މަތިން ކަމަށް ސިޓީ ކައުންސިލުން ބުނިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް