އާންމުންގެ މެދުގަ ބަލި ފެތުރޭތޯ ބަލަން ދިރާސާއެއް، ލުއި ދޭނެ ގޮތެއް ބަލާނެ!

އާންމުންގެ މެދުގައި ކޯވިޑް-19 ފެތުރުމުގެ ފުރުސަތު އޮތްތޯ ބެލުމަށް ދިރާސާއެއް ކުރުމަށް ތައްޔާރު ވެއްޖެ އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަފީގު...

06 Apr 2020 | 20:04

އާންމުންގެ މެދުގައި ކޯވިޑް-19 ފެތުރުމުގެ ފުރުސަތު އޮތްތޯ ބެލުމަށް ދިރާސާއެއް ކުރުމަށް ތައްޔާރު ވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އާންމުންގެ ތެރޭގައި ބަލި ފެތުރޭދޯ ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ މިހާތަނަށް ދެ ގޮތަކުން ބަލި ފެތުރެމުންދޭތޯ ބަލަމުންދާ ކަމަށެވެ.

އެގޮތުން ހެލްތް ސެންޓަރުތަކާއި ހޮސްޕިޓަލްތައް މެދުވެރިކޮށް ނޭވާލާ ނިޒާމުގެ ބަލިތައް ރިޕޯޓު ކުރާވަރު އިތުރުވޭތޯ ކޮންމެ ދުވަހަކު ބަލަމުންދާ ކަމަށެވެ. އަދި ބަލީގެ އަލާމަތްތަކާއި އެކު ފްލޫ ކްލިނިކްތަކަށް ދެއްކި މީހުންގެ ތެރެއިން ބައެއް މީހުން ބައްޔަށް ޓެސްޓުކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ.

އެ މަސައްކަތްތަކަށް ބަލާއިރު ރާއްޖޭގައި އާންމުންގެ މެދުގައި ބަލި ފެތުރޭކަމުގެ އެއްވެސް ނިޝާނެއް ނެތް ކަމަށެވެ. އެހެންވެ ދެން މަސައްކަތް ފަށާނީ އެކަން ޔަގީން ކުރުމަށް ކުރާ ދިރާސާއެއްގެ މަސައްކަތް ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ދިރާސާގައި ސާމްޕަލް ނަގާނެ ބަޔަކާއި ގޮތްތަކާއި އަދި ސާމްޕަލްގެ އަދަދުތައް ނިންމުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. ނަޒްލާ ވިދާޅުވީ ކޯވިޑް-19 އިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއެއް ދީފިނަމަ އެ ބަލި ފެތުރުމުގެ ފުރުސަތު އޮތް މިންވަރުވެސް އެ ދިރާސާގައި ދެނެގަންނާނެ ކަމަށެވެ.

އާންމުންގެ މެދުގައި ބަލި ނުފެތުރޭކަން ޔަގީންވުމުން ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރުމުގެ މަސައްކަތް ޓެކްނިކަލް ޓީމުން ކުރާނެ ކަމަށާއި އެ ޕްލޭންކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު ފިޔަވަޅުތައް ލުއި ކުރުމުގައި ފުރަތަމަ ފަށާނީ ކޮންމެ ކަމަކަށް ވަކިން ލުއި ދީގެން އަންނަ ބަދަލުތައް ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 ގެ19 ކޭސް ފެނިފައިވާއިރު ބަލި އާންމުންގެ މެދުގައި ފެތުރުނަ ނުދިނުމަށް ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި އެވެ.

އެގޮތުން ސަރުކާރު އޮފިސްތާކައި ޔުނިވާސިޓީ، ސްކޫލްތައް ބަންދުކޮށްފައިވާއިރު މާލެ ސަރަހައްދުގައި ތިން ގަޑިއިރަށް ކޮންމެ ދުވަހަކު ދަނީ ކާފިއު ހިންގަމުންނެވެ. ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމާއި ކެފޭ އަދި ރެސްޓޯރެންޓުތަކުގައި ތިބެގެން ކެއުން ބުއިމުގެ ހިދުމަތް ދިނުން ވެސް ވަނީ މަނާކޮށްފަ އެވެ.

މިހާރު މި ބައްޔަށް ރާއްޖޭގައި ފަރުވާ ދެމުންދަނީ ހަތަރު ދިވެހިންނަށެވެ. އެއީ އިނގިރޭސިވިލާތުން ރާއްޖެ އައި ބައެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް