ދިވެހި ފިލްމީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އެކްޓަރ، ޕްރޮޑިއުސަރ މުހައްމަދު ހަސަން އަފްރާހް ނިޔާވެއްޖެއެވެ.
ފިވެހި މުނިފޫހިފިލުވުމުގެ ދާއިރާގެ ހަބަރުތައް ގެނެސްދޭ "މުނިއަވަސް"ގައި ރިޕޯޓްކޮށްފައިވާގޮތުގައި އަފްރާހް ނިޔާވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނު ނިދާ ނުތެދުވެގެން އޭނާއަށް ގޮވަން ދިޔައިރު އެވެ. އެއީ ހެނދުނު 11:00 އެހާކަށްހާއިރު ކަމަށް ބުނެފައިވެއެވެ. އަދި އޭނާގެ ހަށިގަނޑު އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
އަފްރާހަކީ 90ގެ އަހަރުތަކާއި 2000 ގެ އަހަރުތަކުގައި ފިލްމުތަކާއި ޑްރާމާތަކުގައި ސައިޑް ރޯލުތަކުން ފެނިގެންގޮސްފައިވާ މޫނެކެވެ. ކައިވެންޏަށް ފަހު ސިނަމާ ކުރިމަތިން އަފްރާހް ގެއްލުނު ނަމަވެސް ފަހުން ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވެއެވެ.
އެގޮތުން ދާދި ފަހުން ރިލީޒްކުރި ފިލްމު "ލޯތްބައްޓަކައި"ގެ ޕްރޮޑިއުސަރަކީ އަފްރާހެވެ. އަފްރާހް ނިޔާވި އިރު އޭނާގެ އުމުރަކީ 45 އަހަރެވެ. ކަށުނަމާދު ކުރުން އޮތީ މިރޭ އިޝާ ނަމާދަށްފަހު އާސަހަރާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް