އެހީއަށް އެދި ސަލާން ޖަހަން އައި މީހާއަށް އެހީވާން އުޅުމުން ދުވެ ފިލައިފި

މިއީ ރޭ އިރު އޮއްސުނު ވަގުތު ދިމާވި ކަމެކެވެ. ގޭގެ ދޮރުގައި ޓަކި ޖަހާތީ ބަލާލި އިރު ދޮރު ދޮށުގައި މެދު އުމުރުގެ ފިރިހެނަކު ހުއްޓެވެ. ދޮރު ހުޅުވާލިތަނުން، އަތުން ލިޔެފައިވާ ސިޓީ އަކާއި ބޭސް ސިޓީތަކެއް ...

07 Apr 2019 | 09:15

މިއީ ރޭ އިރު އޮއްސުނު ވަގުތު ދިމާވި ކަމެކެވެ.

ގޭގެ ދޮރުގައި ޓަކި ޖަހާތީ ބަލާލި އިރު ދޮރު ދޮށުގައި މެދު އުމުރުގެ ފިރިހެނަކު ހުއްޓެވެ. ދޮރު ހުޅުވާލިތަނުން، އަތުން ލިޔެފައިވާ ސިޓީ އަކާއި ބޭސް ސިޓީތަކެއް އަތަށް ދީފިއެވެ. އެއީ އެހީ ހޯދަން އައި މީހެއްކަން އެހިސާބުން ޔަގީންވިއެވެ.

ވެގެން އުޅޭ ގޮތެއް ކިޔާލަ ދިނުމަށް އެމީހާ ގާތު ބުނެފީމެވެ. ހުރީ ދާހިއްލާފައެވެ. އިރު އިރުކޮޅާ ރޮވި ގިސްލާހެންވެސް ހީވެއެވެ.

"މާލެ އައީ އަންހެނުން ލޯ އޮޕަރޭޝަން ކުރަން، އަލްހަމްދުލިﷲ އެކަން ކާމިޔާބު ކަމާއެކު ނިމިއްޖެ، މާދަމާ ފުރަން، ނަމަވެސް ކުއްޔަށް ނެގި ކޮޓަރިއަށް ދައްކަން 500 ރުފިޔާ މަދުވާތީ މިއުޅެނީ، މިރޭ 12 އަށް ނުދައްކައިފިއްޔާ އެތަނުން ނެރެލާނެ ކަމަށް އެތަނުން ބުނަނީ، އެހީއެއް ވެވިދާނެތަ" އެ މީހާ ބުންޏެވެ.

ގިސްލަ ގިސްލާ އެމީހާ ހުރި އިރު ހިތެއް އޮތް މީހެއް ވިއްޔާ ހަމްދަރުދީވެ އެހީވާނެކަން ކަށަވަރެވެ.

ނަމަވެސް ބައެސް ސުވާލު ކޮށްލީމެވެ. ކުއްޔަށް ކޮޓަރި ހިފީ ކިހާ ހިސާބަކުންތޯ އަހާލީމެވެ؟ ކިހާ ގެއަކަށް ހިނގިއްޖެތޯ އަހާލީމެވެ. އަދި ކިހާ ލާރިއެއް ލިބިއްޖެތޯ އަހާލީމެވެ.

"މި ތިބެނީ އޮލިމްޕަސް ގޯޅީގައި، މިހާރު ހައެއްކަ ގެއަށް ހިނގިއްޖެ، އަދި ލިބުނީ އެންމެ 160 ރުފިޔާ، އެންމެ 340 ރުފިޔާ ދިނަސް އޯކޭ" އެމީހާ ބުންޏެވެ.

އެހީވާން ތައްޔާރު ކަމަށާއި ނަމަވެސް ފައިސާ ދޭން ބޭނުންވަނީ އަންހެނުން އަތަށް ކަމަށާއި ހިފައިގެން އުޅޭ ކޮޓަރިއަށް އަހަރެން ގެންދެވިދާނެތޯ އަހާލީމެވެ. މަކަރާ ހީލަތުން ފައިސާ ހޯދަން އުޅޭ މީހުންގެ މަކަރުވެރިކަން މި ފަހަކަށް އިންތިހާއަށް ގޮސްފައިވާތީ އިތުރަށް ޔަގީން ކޮށްލަން ބޭނުންވީއެވެ.

އާނއެކޭ ބުނެ އަހަރެންގެ ފަހަތުން ސިޑިން ފޭބުމުން، ޕާކަށް ޖަހާފައި ހުރި ސައިކަލު ނެރެ ސައިކަލަށް އަރަން އެމީހާ ގާތު ބުނެފީމެވެ. ހީވީ ބިރެއް ފެނިގެން ދުއްވައިގަތްހެނެވެ. ދުވެ ބަޑި ބަޑި ޖަހާފައި އެގޯޅިން މިގޯޅިން ގޮސް އޮބާލައިފިއެވެ.

-------------------------------------------------------------

މިއީ މިއަދު އަހަރެމެންގެ މުޖްތަމައުގައި ފެތުރެމުން އަންނަ ވަރަށްވެސް ނުބައި އާދައެކެވެ. މަކަރާއި ހީލަތުން ފައިސާ ހޯދުމެވެ. ގަދަވެ ހެޔޮ ސިއްހަތުގައި ހުރެ އަތުން ފައިން މަސައްކަތް ކުރެވޭ ހާލުގައިވެސް މިފަދަ ނޭއްގާނީ ނުބައި އަމަލުތައް ކުރާ މީހުން މި މުޖްތަމައުގައި އިންތިހާއަށް ގިނަކަން ފާހަގަކޮށްލެވެއެވެ.

އެއްބަޔަކު މިކަން ކުރަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހި އެ ތަކެތި ބޭނުން ކުރަން ފައިސާ ހޯދުމަށެވެ. އަނެއް ބަޔަކު މިކަން ކުރަނީ މިއީ ފަސޭހައިން ފައިސާ ހޯދޭނެ މަގެއްކަން އެނގޭތީ ކަމަށްވެސް ބެލެވެއެވެ. މިފަދަ މީހުންގެ އަމަލުތަކާއި ހެދި، ހަގީގަތުގައިވެސް އެހީތެރިވާންވީ ކާކަށްކަން ނުވަތަ މަކަރު ހަދަނީ ކާކުކަން މިއަދު މިވަނީ އޮޅޭ ހިސާބަށް ގޮސްފައެވެ. މުޖްތަމައުގައި މިފަދަ ކަންކަން މިވަނީ ބޮއްސުން ލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް