މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ކެމްޕެއިން ކޮށްދިނުމަށް ވޮލެންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރޭ ރަސްމީކޮށް މި ޕްރޮގްރާމް ފައްޓަވައިދެއްވީ ލ. ފޮނަދޫގައި ޕީޕީއެމްއިން ބޭއްވި "މިތިބޫ ރައީސް ޔާމީން އާއި އެކު" ޖަލްސާގައި މެޑަމް ފާތިމަތު އިބްރާހިމް އެވެ. އަދި މެޑަމް ވަނީ ރައީސް ޔާމީނަށް ކެމްޕެއިން ކޮށްދެއްވުމަށް ވޮލެންޓިއަރުންގެ ގޮތުގައި ރަޖިސްޓްރީވި ފުރަތަމަ ކަނބަލަށް ވެވަޑައިގެންފަ އެވެ.
ވޮލަންޓިއަރެއްގެ ގޮތުގައި ރަޖިސްޓްރީވުމުން ލިބޭ ކާޑު ރައީސްގެ އަނބިކަނބަލުންނާ ހަވާލުކުރެއްވީ ރައީސް ޔާމީންގެ ކެމްޕޭން އޮފީހުގެ ފަރާތުން މިފްކޯގެ މެނެޖިން ޑިރެކްޓަރު އަދްލީ އިސްމާއީލެވެ.
ޕީޕީއެމްއިން ބުނީ ކެމްޕެއިން ވޮލަންޓިއަރުންނަށް ވުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ ރަށެއްގެ މީހަކަށްވެސް ހުޅުވާލާފައިވާ ކަމަށެވެ. ކެމްޕެއިން ވޮލަންޓިއަރުންގެ ޓީމުގައި ބައިވެރިވާން ބޭނުންވާ މީހުން، އެމީހެއްގެ ފުރިހަމަ ނަމާއި އައިޑީކާޑު ނަންބަރު އަދި ގުޅޭނެ ފޯނު ނަންބަރު ޖެހުމަށްފަހު 7222989 އަށް އެސްއެމްއެސް އަކުން ފޮނުވުމުން އެކަން ހަމަޖެހިގެންދާނެ އެވެ.
ރައީސް ޔާމީންގެ ކެމްޕެއިން ރަސްމީކޮށް ފެއްޓެވީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެކަމަކު މިހާތަނަށް މާ ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެއް ނުވެ އެވެ.
ޕީޕީއެމްއިން ބުނީ ރޯދައިގެ ފަހުން މުޅި ރާއްޖެއަށް ކެމްޕެއިން ފުޅާކޮށް ހަރަކާތްތައް އިތުރު ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް