ކުއްލިއަކަށް ގައިން ވަރުދެރަވާން ފެށީ އެވެ. ހަށިގަނޑަށް ބަދަލު އައިސް ވަރަށް އަވަހަށް ފަލަވާހެން ހީވާން ފެށި އެވެ. އެހެންވެ މިދިޔަ އަހަރު ފަހު ކޮޅު ފުރަތަމަ ޑޮކްޓަރަށް ދެއްކީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށެވެ.
ހޮސްޕިޓަލުން ލަފާދިނީ އިތުރު ޓެސްޓުތަކެއް ހެދުމަށް މާލެ ދިއުމަށެވެ. މާލެ އައިސް ހެދި ޓެސްޓުތަކުގެ ނަތީޖާ އަކީ ހުބައިބާ އަހުމަދު، ލ. ހިތަދޫ،ސީލް 28 އަށް ލިބުނު ބޮޑު ސިހުމެކެވެ.
އެ ނަތީޖާތައް ދެއްކި ގޮތުން ހުބައިބާ (ހުބޭ) ގެ ދެ ކިޑްނީ މަސައްކަތް ކުރަނީ 35 ޕަސެންޓެވެ. އެކަމަކު ޑޮކްޓަރުން ލަފާދިނީ ހިތްވަރު އެލުވާނުލާ ފަރުވާ ކުރުމައިގެން ކުރިޔަށް ދިއުމަށެވެ. ޑޮކްޓަރުން ވިދާޅުވީ ކިޑްނީ މަސައްކަތް ކުރާ މިންވަރު 50 ޕަސެންޓަށް އިތުރު ކުރެވިއްޖެ ނަމަ ހުބޭއަށް އެހެން މީހެއްގެ ކިޑްނީ ނުލައްވާ ފަރުވާކޮށްގެން ބަލިން ސަލާމަތްވެވިދާނެ ކަމަށެވެ.
އެކަމަކު ކަންދިމާކުރީ ދެރަކޮށެވެ. މިއަހަރު ފެށުނު ފަހުން ހެދި ޓެސްޓުތަކުންވެސް ޑޮކްޓަރުންގެ އުންމީދު ހާސިލްނުވި އެވެ. ހުބޭގެ ކިޑްނީ މަސައްކަތް ކުރާވަރު މިހާރު ވަނީ 35 ޕަސެންޓަށްވުރެ މާ ބޮޑަށް ދަށްވެފައި އެވެ. އެހެންވެ މިހާރު ޑޮކްޓަރުން ލަފާދެނީ ވީހާވެސް އަވަހަކަށް ކިޑްނީ ބަދަލު ކުރުމަށެވެ.
ހުބޭ މިހާރު ގެންދަނީ ހަފްތާއަކު ދެ ފަހަރު އައިޖީއެމްއެޗުން ޑައިލެސިސް ހަދަމުންނެވެ.
ހުބޭގެ ކިޑްނީ ބަދަލު ކުރުމަށް އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ބެންގަލޫރުގެ ބީޖީއެސް ގްލޯބަލް ހޮސްޕިޓަލުންނެވެ. އޮޕަރޭޝަން ކުރުމަށް ބޭނުންވާ ހުރިހާ ހަރަދެއް އާސަންދައިގެން ވަނީ ހަމަޖެހިފައިވަ އެވެ. ލޯބިވާ އެއްބަނޑު އެއްބަފާ ބޭބެ އަބްދުލް މުހުސިން ހުރީ ހުބޭއަށް ކިޑްނީ ދޭން ތައްޔާރަށެވެ.
ހުބޭގެ ބޭބެ މުހުސިން ބުނީ އާންމުންގެ އެހީތެރިކަން ބޭނުންވަނީ ހުބޭގެ އޮޕަރޭޝަން ކުރުމަށް އިންޑިއާގައި ގިނަ ދުވަހު ތިބުމަށް ބޮޑު ހަރަދެއް ހިނގާނެތީ އެވެ. ކެއުމާއި ތިބުމުގެ ހަރަދުގެ އިތުރުން ދަތުރު ފަތުރަކީ އެހާ ގިނަ ދުވަހު ތިބެން ޖެހޭއިރު ހަމައެކަނި އާއިލާއަށް ލިބޭ އާމްދަނީން ފޫބެއްދޭނެ ވަރުގެ ކަމަކަށް ނުވާތީ އެވެ.
އުމުރުން ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ހުރި ހުބޭ އާއި ފިރިމީހާ މުހައްމަދު ޝިޔާމްގެ އިތުރުން އާއިލާ ބޭނުންވަނީ ތިޔަ ފަރާތްތަކުގެ ދީލަތި އެހީތެރިކަމެވެ. އެހީތެރިކަން ލިބުނުހާ އަވަހަށް ހުބޭގެ ފަރުވާއަށް ފުރަން އާއިލާ ތިބީ ތައްޔާރަށެވެ.
އިތުރު މައުލޫމާތު ހޯދުމަށް:
އަބްދުލް މުހުސިން: 9124886
ހުބައިބާ އަހުމަދު: 7657572
އެހީ ދެއްވުމަށް:
ދިވެހި ރުފިޔާ: ހުބައިބާ އަހުމަދު - 7730000170834
އެމެރިކާ ޑޮލަރު: މުހައްމަދު ޝިޔާމް - 7707469840001
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް