ބޮލީވުޑްގެ ބަތަލާ ދިވްޔާ ދުއްތާއަށް ގިނަ ފިލްމުތަކެއް ލިބި ފުރުސަތު ގެއްލުނު ކަމަށް އޭނާ ބުނެފި އެވެ.
އިންޑިއަން އެކްސްޕްރެސްއަށް ދިން އިންޓަވިއުއެއްގައި ދިވްޔާ ބުނެފައިވަނީ ގިނަ ފިލްމުތަކަކުށް އޭނާއަށް ފުރުސަތު ލިބި، ގެއްލެނީ ފިލްމު އުފައްދާ ފަރާތްތަކުން އެދޭ އެދުންތައް ފުއްދައި ނުދޭތީ ކަމަށެވެ. ދިވްޔާ ބުނިގޮތުގައި ދޮގު ނުހަދާ ބުނާނަމަ އަންހެން ތަރިން ބޮލީވުޑްގައި އަވަހަށް ކުރިއަށް ދިއުމަށް "ހަކުރު ދޭ ބައްޕަ" އެއް ހުރުން މުހިންމު ކަމަށެވެ.
އެފަދަ މީހަކު ނެތުމުން ލިބުނު ގިނަ ފިލްމުތައް ގެއްލި ދާއިރާއާއި ދުރަށް ދާންޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ. ދިވްޔާ ބުނީ އެހެން ދާއިރާއަކުން ކުރިޔަށްދާން ވިސްނުނު ނަމަ މިއަދު މިދެކެން ޖެހިފައިވާ ދުވަސް ދެކެން ނުޖެހޭނެ ކަމަށެވެ.
މިފަހަކަށް އައިސް ބޮލީވުޑްގެ ގިނަ އަންހެން ތަރިން ދަނީ މިފަދަ ބައެއް ވާހަކަތައް މީޑިއާގައި ހިއްސާ ކުރަމުންނެވެ. އެގޮތުން ބައެއް ތަރިން ވަނީ ފިލްމީ ކެރިއަކު ކުރިޔަށް ނުގެންދެވުނީ ޖިންސީ ފުރައްސާރައިގެ ސަބަބުން ކަމަށް ބުނެފަ އެވެ.
ދިވްޔާ ބުނެފައިވަނީ އެފަދަ ކިތަންމެ އަންހެން ތަރިންނާއި ދިމާވިކަމަށާއި އޭނާ ޖިންސީ އަނިޔާގެ ޝިކާރަވެރިއެއްގެ އަތްދަށު ނުވެ ސަލާމަތްވިޔަސް ބައެއް އަންހެން ތަރިންނަކީ އިތުރު ގޮތެއް ނެތިގެން އެމަގު ހިޔާރު ކުރި މީހުން ކަމަށެވެ. އެހެންވެ ދިވްޔާ އެ އިޝާރާތް ކުރީ ޖިންސީ ފުރައްސާރައިގެ އަމަލުތަކަށް ކަން އެނގެ އެވެ.
މީގެ އިތުރުން ދިވްޔާ ވަނީ ބިރުފަހަނަ އަޅާ ގޮސް އެފަދަ ވާހަކަތައް ދައްކަން ވެއްޖެ ކަމަށް ބުނެފައި އެވެ.
ދިވްޔާ ފެނިގެންދިޔަ ފިލްމު ތަކުގެ ތެރޭގައި "ބާގް މިލްކާ ބާގް' ހީރޯއިން" "ދިއްލީ 6" އަދި "ގައްޕީ" ހިމެނެ އެވެ. މީގެ އިތުރުން އިއްޔެ ރިލީޒް ކުރި "ބްލެކްމެއިލް" ގައިވެސް ދިވްޔާ ފެނިގެންދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް