މުއިއްޒުގެ މައްޗަށް ތަހުގީގް ހިންގަން ޖެހޭ:ނަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފްލެޓް ދިންގޮތް ބެލުމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ތަހުގީގެއް ހިންގަންޖެހޭނެކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވ...

07 Mar 2019 | 13:01

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފްލެޓް ދިންގޮތް ބެލުމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ތަހުގީގެއް ހިންގަންޖެހޭނެކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެޖެންޑާ 19 ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާ ގުޅުންހުރި 37 މީހުންނަށްވެސް ފްލެޓް ދީފައިވާކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި މިގޮތަށް އިތުރު ބޭފުޅުންނަށް ފްލެޓް ދީފައިވޭތޯ ބަލާނެކަަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. މިފަދަ މައްސަލަތައް ބަލައި ކުރީގެ ހައުސިން މިނިސްޓަރުގެ މައްޗަށް ތަހުގީގެއް ހިންގަން ޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު އެއިޝާރާތް ކުރެއްވީ މަޖިލީހުގެ ނިލަންދޫ ދާއިރާގެ އަބްދުﷲ ހަލީލަށެވެ. އެގޮތަށް އިތުރަށް ފްލެޓް ދީފައިވާ ފަރާތްތައް ލިސްޓުން ބަލައި ސާފު ކުރުމުންދާ ކަމަށެވެ. އެކަން އެމްޑީޕީގެ ފަރާތުންވެސް ކުރިއަށް ގެންދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ފަރާތުން ވަރަށް ގިނަ ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުންނާއި ބައްދަލުކޮށްފައިވާ ކަމަށާއި 7،000 ފްލެޓް ބަހާފައިވާ ގޮތުން ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. ހައްގުވާ މީހުންނަށް ފްލެޓް ލިބިފައިވީ ނަމަވެސް ހައްގު ނުވާ ފަރާތްތަކަށްވެސް ފްލެޓް ލިބިފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ، އެޖެންޑާ 19ގެ ބޯހިޔާވަހިކަމުގެ ގާނޫނީ އޮނިގަނޑަކީ މިހާރު އިމާރާތް ކުރެވެމުންދާ ބޯހިޔާވަހިކަމުގެ އިމާރާތްތަކާއި ބިން އިތުރު ކުރެވެމުންދާ ރަށްރަށުގައި ބިން އިތުރު ކުރެވެމުންދާގޮތާއި އިތުރު ކުރެވިފައިވާ ބިންތައް ބޭނުންކުރާނެ ގޮތް އިންސާފުވެރިކަމާއެކު ކުރިއަށް ގެންދާނެ ހަމަތައް ކަމަށެވެ.

"ފުލުސް އޮފީހުގައި ދަންނަވަން ބޭނުން. ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން، ހާއްސަކޮށް މާލޭގެ ވަރަށް ގިނަ ރައްޔިތުން އެދޭ ފްލެޓު ބެހުމުގައި ޖަރީމާ ހިންގައި ނާޖާއިޒު ފައިދާ ނަގާފައި ހުރި މީހުން ބަލައި ތަހުގީގުކޮށް އެކަމާ ގުޅޭ ރަނގަޅު ޝަރީއަތާއި އެހެން ވެސް ގޮތް ގޮތުން އަޅަން ހުރި ފިޔަވަޅުތައް އެޅުން. އަޅުގަނޑުމެން ދެކޭ ގޮތުގައި މިނިސްޓަރު ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައި،" ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް