ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާ މޮޓޮރައިޒްޑް ވީލް ޗެއަރ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން އިއްޔެ ހއ. އިހަވަންދޫގެ ހަތަރު ފަރާތަކަށް ވީލްޗެއަރ ހަދިޔާކޮށްފިއެވެ. މި އާއެކު މި އަހަރު ތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ، ހާއްސަ އެހީއަށް ބޭނުންވާ 60 ފަރާތަކަށް ވީލްޗެއަރ ދިނުމަށް ބޭންކުން ވަނީ ނިންމާފައެވެ.
ބީއެމްއެލްއިން މި ވީލްޗެއަރތައް ހަދިޔާކުރަމުންދަނީ ދިރިއުޅުމުގައި ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ އަދި މޮޓްރައިޒްޑް ވީލްޗެއަރ އަމިއްލަ އަށް ދުއްވޭނެ ފަރާތްތަކަށެވެ. މި ގޮތަށް ބޭންކުން ވީލްޗެއަރ ހަދިޔާ ކުރާއިރު އެ ރަށެއްގައި އެ ވަގުތު ތިބި މޮޓްރައިޒްޑް ވީލްޗެއަރ ބޭނުންވާ ހުރިހާ ފަރާތްތަކަށް ބޭންކުންދަނީ މިފަދަ ވީލްޗެއަރ ހަދިޔާކުރަމުންނެވެ.
ވީލްޗެއަރ ހަދިޔާކުރުމުގެ ޕްރޮގްރާމާ ގުޅޭ ގޮތުން ބޭންކު ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ " މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން އަބަދުވެސް ވަރަށް ބޮޑު އަހަމިއްޔަތުކަމެއްދެން. މި ޚާއްސަ މޮޓޮރައިޒްޑް ވީލްޗެއަރތަކުގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމަށް އެކަމުގެ ހެޔޮ ބަދަލު އައުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ބޭންކުގެ އަމާޒަކީ މި ޕްރޮގްރާމް ނިމިގެންދާއިރު މުޅި ރާއްޖޭގައި މޮޓްރައިޒްޑް ވީލްޗެއަރ އަށް ބޭނުންވާ ހުރިހާ ފަރާތްތަކަށް އެ ފަދަ ވީލްޗެއަރ ހަދިޔާކޮށްދިނުން."
މީގެ ކުރިން ބީއެމްއެލް އިންވަނީ ރާއްޖޭގެ މީހުން 7 ރަށެއްގައި ދިރިއުޅެމުންދާ 16 ފަރާތަކަށް މޮޓްރައިޒްޑް ވީލްޗެއަރ ހަދިޔާކޮށްފައެވެ. މި ރަށްތަކަކީ ހއ. ދިއްދޫ، ރ. އުނގޫފާރު، ބ. އޭދަފުށި، ޅ.ނައިފަރު، ކ.މާފުށި، އއ.ރަސްދޫ، އަދި ސ. ހުޅުމީދޫ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް