ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި ރޭ ޕޯޓޯ އާއި ދެކޮޅަށް ކުޅުނު މެޗުން ލަނޑެއް ނުޖެހި އެއްވަރުވިޔަސް، ދެ ލެގުގެ އެގްރިގޭޓުން ތަފާތު ބޮޑުކޮށް ކުރި ހޯދާ، އުނދަގުލަކާ ނުލާ ލިވަޕޫލް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މީގެ 3 ހަފުތާ ކުރިން ރަށުން ބޭރުގައި ލިވަޕޫލް 5 ލަނޑުގެ ތަފާތުން ޕޯޓޯއަތުން މޮޅުވެފައި އޮތުމާއެކު، ރޭގައި އެ ޓީމުގެ ފަރާތުން ފެނުނީ ތަންކޮޅެއް އާދައިގެ ކުޅުމެކެވެ. މިއީ 2008-09 ގެ ސީޒަނަށް ފަހު ލިވަޕޫލްއަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރު ކުރެވުނު ފުރަތަމަ ފަހަރެވެ.
ފުރަތަމަ ލެގުގައި ބޮޑު ތަފާތުން މޮޅުވެފައި އޮތުމާއެކު، ޔާގަން ކުލޮޕް ރޭގެ މެޗަށް ވަނީ އެންމެ ފަހުން ލިވަޕޫލް ނިއުކާސަލް އާ ދެކޮޅަށް ކުޅުނު މެޗުގައި ބޭނުންކުރި ފުރަތަމަ 11 އަށް 5 ބަދަލެއް ގެނެސްފައެވެ. މިގޮތުން އެ ޓީމުގެ އެންމެ ފޯމެއްގައި ހުރި ނުރައްކާތެރި ސްޓްރައިކަރ މުޙައްމަދު ސަލާހްގެ ބަދަލު ރޭގައި ކުޅެން ނުކުތީ އާދަމް ލަލާނާ އެވެ. މިއީ ފާއިތުވި 2 މަސް ދުވަހުގެ ތެރޭގައި ލަލާނާ ފުރަތަމަ 11 ގައި ކުޅެން ނުކުތް ފުރަތަމަ މެޗެވެ.
ފުރަތަމަ ހާފުގައި ލިވަޕޫލްގެ ސަޑިއޯ މާނޭއަށް ލަނޑު ޖަހަން ރަނުގެ 2 ފުރުސަތު ލިބުނު ނަމަވެސް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. އޭގެ ތެރެއިން 2 ވަނަ ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ދެ ވަނަ ހާފުގައި ފިރްމީނޯ އާއި މިލްނާއަށް ވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވުނުއިރު، މެޗުގެ ފަހު ވަގުތު ޕޯޓޯގެ އޮލިވަރ ޓޮރޭސް ފޮނުވާލި ހަމަލާއެއް ލިވަޕޫލްގެ ކީޕަރު ދިފާއުކޮށް މި ސީޒަންގައި ޗެމްޕިއަންސް ލީގުގެ މެޗަކުން ލިވަޕޫލް ބަލިނުވެ އޮތްއޮތުން ވަނީ ދަމަހައްޓުވައިދީފައެވެ.
ޕްރިމިއާ ލީގުގައި ލިވަޕޫލުން ދައްކަމުން އަންނަ މޮޅު ކުޅުން ރޭގެ މެޗުގައި ނުދެއްކުނުއިރު، އެ ޓީމަށް ކުރިއަށް އޮތީ އަންނަ ހޮނިހިރު ދުވަހު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް