މަސްތުވާތަކެތި ހިފައިގެން ރާއްޖެ އަންނަން އުޅުނު ޕާކިސްތާނު ދެމަފިރިއަކު ކަރާޗީގެ ޖިންނާހް އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.
އެ ދެމަފިރިން ރާއްޖެ އައުމަށް ހަމަޖެހިފައި އޮތީ ދުބާއީ މަގުން ކަމަށް ޕާކިސްތާނު މީޑީއާގައި ރިޕޯޓުކޮށްފައިވެ އެވެ. ޕާކިސްތާނުގެ ނޫހެއް ކަމަށްވާ ޕާކިސްތާން ޓުޑޭގައި އެ ގައުމުގެ ކަސްޓަމްސް އޮފިސަރަކާއި ހަވާލާދީ ބުނެފައިވަނީ އެ ދެމަފިރިންގެ ދަބަހުގެ އިތުރުން ގެއިންވެސް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން ފެނިފައިވާ ކަމަށެވެ.
އެމީހުންގެ ދަބަހުގައި އިތުރު ފުލެއް އަޅައިގެން ރާއްޖެ އެތެރެ ކުރަން އުޅުނީ 10 ކިލޯގެ ހެރޮއިންނެވެ. އަދި ފަހުން އެ ދެމަފިރިންގެ ގެ ބަލާ ފާސްކުރި އިރު އިތުރު 10 ކިލޯގެ ހެރޮއިން ފެނިފައިވާ ކަމަށާއި ހޯދުނު މަސްތުވާތަކެތީގެ ޖުމްލަ އަގު 1.8 މިލިއަން ޑޮލަރަށް އަރާނެ ކަމަށް އޮފިޝަލާއި ހަވާލާދީ އެ ނޫހުގައި ރިޕޯޓުކޮށްފައިވެ އެވެ.
އެ ދެމަފިރިންގެ ނަން ހާމަ ނުކުރި ނަމަވެސް ޕާކިސްތާނު ކަސްޓަމްސް އިން ބުނެފައިވަނީ އެއީ ކަރާޗީއަށް ނިސްބަތްވާ ދެމަފިރިން ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުގައި މިއީ މިދިޔަ 10 އަހަރުގެ ތެރޭގައި ޕާކިސްތާނުން އެއްފަހަރާ މިހާ ގިނަ އަދަދެއްްގެ މަސްތުވާތަކެތި އަތުލައިގަތް ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް