ދެ ބިލު ފުރަތަމަ ކިޔުން އިއްވައި، ފަސް މިނެޓު ތެރޭ ޖަލްސާ ނިންމާލައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށިތާ ފަސް ވަރަކަށް މިނެޓުގެ ތެރޭގައި ޖަލްސާ ނިންމާލައިފި އެވެ. މިއަދުގެ ޖަލްސާގައި ކުރިޔަށް ގެންގޮސްފައި ވަނީ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމާއި "އ...

07 Mar 2018 | 06:50

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށިތާ ފަސް ވަރަކަށް މިނެޓުގެ ތެރޭގައި ޖަލްސާ ނިންމާލައިފި އެވެ.

މިއަދުގެ ޖަލްސާގައި ކުރިޔަށް ގެންގޮސްފައި ވަނީ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމާއި "އެންޓި ޑިފެކްޝަން" ބިލުގެ ފުރަތަމަ ކިޔުން އިއްވުމެވެ. މިއަދު ޖަލްސާއަށްވެސް އިދިކޮޅު މެންބަރުން ހާޒިރުވެފައި ނުވާއިރު ސަރުކާރު ކޯލިޝަންގެ މެންބަރުންގެ ތެރެއިން ހާޒިރުވެވަޑައިގެންނެވީ 27 މެންބަރުންނެވެ.

ފަންޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅުއްވީ ޕީޕީއެމްގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ އެވެ. ޕީޕީއެމްގެ ފަރާތުން ބުނެފައިވަނީ މި އިސްލާހަކީ ފަނޑިޔާރުންގެ ބެންޗަށް ބަދަލުތަކެއް ގެނައުމަށް ހުށަހަޅާ އިސްލާހެއް ނޫން ކަމަށެވެ.

އެންޓީ ޑިފެކްޝަން ބިލު ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާނު ހުސައިން މަނިކެވެ. މި ބިލުގައި ވާގޮތުން މެންބަރަކު މަޖިލީހަށް ހޮވިވަޑައިގެންނަވާ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭނެ އެވެ.

އެކަމަކު މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުވާ މެންބަރުން ސިޔާސީ ޕާޓީ އަކާއި ގުޅުމުން ބިލުގައި ވާގޮތުން ގޮނޑިއެއް ނުގެއްލެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް