ހދ. ނޮޅިވަރަމުގައި ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނު އެރަށު، ޝާހިދާ އަލީ، 42، ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އޭނާ ދަންޖެހިގެން މަރުވެފައި ހުއްޓަ ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފަތިހު އެވެ. އެންމެ ފުރަތަމަ މަންޒަރު ފެނުނު ކަމަށް ވަނީ އޭނާގެ ފިރިމީހާ އަށެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ޝާހިދާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާގެ ޓްރިވަންޑްރަމްއަށް ރޭ ގެންގޮސްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ޝާހިދާގެ މަރާ ގުޅިގެން އާއިލާގެ މީހުންނާއި އެ ރަށު މީހުން މީޑީއާގައި ބުނެފައިވަނީ ޝަހީދާ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ފުލުހުން ވަނީ އެ މައްސަލައިގަ ޝައްކު ކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ ޝާހިދާގެ ފިރިމީހާ ހައްޔަރު ކޮށްފައި އެވެ.
އެ ރަށު ބައެއް މީހުން މީޑިއާގައި ބުނެފައިވަނީ ޝާހިދާ އަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހަކަށް ވިޔަސް އޭނާ ދަންޖެހިފައިވާ ވާ އައްސާފައި ހުރި ހިސާބަށް އޭނާއަށް ނޭރޭނެ ކަމަށެވެ. އަދި އެ ވަލުގައި ޖަހާފައިވާ ގޮށްވެސް ޖަހަން ނޭނގޭނެ ކަމަށެވެ.
ޝާހިދާ ވަނީ މީގެ ދެތިން މަސް ކުރިން ގެއްލިގެން ހޯދާފަ އެވެ. އެ ފަހަރު އޭނާ ފެނިފައިވަނީ ދެ ދުވަސް ފަހުން އެ ރަށު ވަލު ތެރޭގައި ހޭނެތިފައި އޮއްވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް