116 ވަނަ އަހަރީ ދުވަހު ޕީއެސްޖީ ބަލިކޮށް ރެއާލް މެޑްރިޑް ކުއާޓާ ފައިނަލަށް!

ރެއާލް މެޑްރިޑްގެ 116 ވަނަ އަހަރީ ދުވަހުގައި ޕީއެސްޖީ ބަލިކޮށް، އެ ޓީމު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ރޭ ކުޅުނު ދެ ވަނަ ބުރުގެ ދެ ވަނަ ލެގު މެޗުން ރެއާލް ޕީއެސްޖީގެ މައްޗަށް...

07 Mar 2018 | 03:17

ރެއާލް މެޑްރިޑްގެ 116 ވަނަ އަހަރީ ދުވަހުގައި ޕީއެސްޖީ ބަލިކޮށް، އެ ޓީމު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ރޭ ކުޅުނު ދެ ވަނަ ބުރުގެ ދެ ވަނަ ލެގު މެޗުން ރެއާލް ޕީއެސްޖީގެ މައްޗަށް ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ. ރެއާލް މެޑްރިޑް ވަނީ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު މެޗުން 3-1 ގެ ނަތީޖާއިން މޮޅުވެފައެވެ.

ފުރަތަމަ ލެގުން ބަލިވެފައިވުމާއެކު ކުއާޓާ ފައިނަލަށް ދަތުރުކުރުމަށް އެންމެ ދަށްވެގެން ވެސް ބައިކޮޅަށް ލަނޑެއް ނުވަދެ 2 ލަނޑު ޖަހަން މަޖުބޫރުވެފައި އޮތް ޕީއެސްޖީން ހީކުރިގޮތާ ޚިލާފަށް ރޭގެ މެޗު ފެށީ ދަށް ކޮށެވެ. މެޗުގެ ފުރަތަމަ ހާފުގައި ރެއާލް މެޑްރިޑުން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެ، ބޮޑަށް ނުރައްކާ ކުރިއިރު، ޕީއެސްޖީން ލަނޑެއް ޖަހަން މަސައްކަތް ކުރީ ކައުންޓަރ އެޓޭކް އިންނެވެ. އެ ޓީމަށް މެޗުގައި ފުރަތަމަ ޝޮޓެއް ހެދުނީ ވެސް 25 މިނިޓް ކުޅެވުނު ފަހުންނެވެ.

ފުރަތަމަ ހާފު ލަނޑެއް ނުޖެހި އެއްވަރު ވެގެން ނިމުނުއިރު، މެޗު ފެށުނު ވަގުތެކޭ އެއްފަދައިން ދެ ވަނަ ހާފު ފެށުމާ ދިމާކޮށް ވެސް ޕީއެސްޖީގެ ސަޕޯޓަރުން ވަނީ ޓީމަށް ހިތްވަރު ދިނުމަށް ފްލެއާ އަރުވާފައެވެ. ނަތީޖާއެއްގެ ގޮތުން ދަނޑުގައި ދުން ބޯވުމުގެ ސަބަބުން ރެފްރީއަށް މެޗް މަޑު ޖައްސާލަން ޖެހުނު ވަގުތުކޮޅެއް ވެސް ދިޔައެވެ.

ފަހަތުން އަރާ މޮޅުވުމުގެ އުންމީދުގައި ތިބި ޕީއެސްޖީގެ އުންމީދުތައް ފެނަށްވީ 51 ވަނަ މިނިޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑުންނެވެ. ލޫކަސް ވަޒްކުއޭޒް މަތިމަތިން ނަގައިދިން ހުރަސް ބޯޅަ ރޮނާލްޑޯ ބޮލުން ޖަހައި ލަނޑެއް ކާމިޔާބު ކުރިއިރު، އޭނާ މިވަނީ ޗެމްޕިއަންސް ލީގުގެ އެއް ސީޒަނެއްގައި ގްރޫޕް ސްޓޭޖުން ފެށިގެން ގޮސް 2 ވަނަ ބުރު ނިމުނުއިރު، ހުރިހާ މެޗެއްގައިމެ ލަނޑު ޖަހާފައެވެ. މިއީ 2002/2003 ގެ ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑަށް ކުނުޅު ނިސްޓަލްރޫއީ މިފަދަ ރެކޯޑެއް ހެދި ފަހުން އެ ރެކޯޑާ ހަމަކުރި ހަމައެކަނި ކުޅުންތެރިޔާއެވެ.

ރޮނާލްޑޯގެ ލަނޑަށްފަހު ޕީއެސްޖީއަށް އިތުރު މައްސަލައެއް ކުރިމަތިވީ އެ ޓީމުގެ މެދުތެރެއަށް ކުޅޭ ވެރާޓީއަށް 2 ވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.

އެހެނަސް ރޮނާލްޑޯގެ ލަނޑުގެ 20 މިނިޓް ފަހުން ޕީއެސްޖީން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ޑި މަރީއާ ނަގައިދިން ހުރަހަކަށް ވެއްޓިގަނެފާ ޕަސްޓޯރޭ ބޮލުން ބޯޅަ ގޯލަށް ފޮނުވާލިއިރު، ރެއާލް މެޑްރިޑްގެ ޑިފެންޑަރުންނަށް އެ ބޯޅަ ރަނގަޅަށް ސާފުކޮށްނުލެވި ގޯލަށް ވަނީ ކަވާނީގެ ފައިގައި ޖެހިފައެވެ.

ލަނޑަށް ފަހު ޕީއެސްޖީއަށް ކުޑަކުޑަ އުންމީދެއް ލިބުނު ނަމަވެސް، ކުއާޓާ ފައިނަލަށް ނުދާނެކަން ކަށަވަރުވީ 80 ވަނަ މިނިޓުގައި ރެއާލް މެޑްރިޑުން ޖެހި ލަނޑާއެކުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ރެއާލްގެ ޑިފެންޑިން މިޑްފީލްޑަރ ކަސެމީރޯއެވެ.

ރޭގެ މެޗުގެ ކުރިން ވަނީ ދާދި ފަހުން މަރުވި ފިއޮރެންޓީނާގެ ކެޕްޓަން ޑޭވިޑް އަސްޓޮރީގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް