ޗައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހިންގެ ތެރެއިން އިންޑިއާއަށް ގެންގޮސް ކަރަންޓީން ކުރި ހަތް ދިވެހިންގެ ގައިގަ ކޮރޮނާ ވައިރަސް ނެތް ކަން ޓެސްޓުތަކުން ދައްކައިފި އެވެ.
ވޫހާން ސިޓީގައި ތިބީ ނުވަ ދިވެހިންނެވެ. އޭގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވީ ހަތް ދިވެހިންނެވެ. އެހެންވެ ސަރުކާރުން ވަނީ އިންޑިއާ ސަރުކާރާ ގުޅިގެން ވޫހާންގައި ތިބި އިންޑިއާ މީހުން ގެންނަން ޗާޓާ ކުރި އެއާ އިންޑިއާގެ ފްލައިޓުތަކުގައި އެމީހުން އިންޑިއާއަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސާފައި އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މީގެ ކުރިން ވިދާޅުވެފައިވަނީ އެމީހުން ރާއްޖެ ގެންނާނީ އިންޑިއާގެ ނިއުދިއްލީގެ ކަރަންޓީން ފެސިލިޓީއެއްގައި14 ދުވަހު ކަރަންޓީން ކުރުމަށް ފަހު ބަލި ހުރިތޯ ޓެސްޓު ކުރުމަށް ފަހު ކަމަށެވެ.
މިހާރު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ކަރަންޓީނުކޮށްފައި ތިބި މީހުންގެ ތެރޭގައި ކުޑަކުއްޖެއް ވެސް އެބަހުރި ކަމަށެވެ. އެކުއްޖާ އާއި އެހެން މީހުންނާ މެދުގައި ވެސް އިންޑިއާ އިން ވަރަށް ރަނގަޅަށް ކަންތައްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން އެ ހަތް މީހުން ކޮރޯނާ ވައިރަސްއަށް ނެގެޓިވް ވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދިވެހި ސަރުކާރުން ބުނީ ބައްޔަށް ނެެގެޓިވް ވިޔަސް އެމީހުން14 ދުވަސް ވަންދެން އިންޑިއާގެ ކަރަންޓީން ފެސިލިޓީގައި ތިބޭނެ އެވެ.
މިހާތަނަށް ހަތް ދިވެއްސަކު ކޮރޯނާ ވައިރަސްއަށް ޓެސްޓުކޮސްފައިވާއިރު އެ އެންމެންވެސް ވަނީ ނެގެޓިވް ވެފަ އެވެ. މިހާރުވެސް ޗައިނާއަށް ދަތުރުކޮށްފައިވާ ދެ މީހަކު ފަރުކޮޅުފުށީ ކަރަންޓީން ފެސިލިޓީގައި އެބަތިއްބެވެ.
ސަރުކާރުން ބުނީ އެ މީހުން ކޮރޯނާ ވައިރަސްއަށް ޓެސްޓު ނުކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް