ޗައިނާގެ ވޫހާން ސިޓީއަށް އުފަންވި ކޮރޯނާ ވައިރަހުގެ ނުރައްކާތެރިކަން މުޅި ދުނިޔެއަށް ހާމަކޮށްދިން ޑރ. ލީ ވެންލިއާން އެ ބަލީގައި މަރުވެއްޖެ އެވެ.
ޑރ. ލީގެ މަރާ ގުޅިގެން ޗައިނާގައި ތަފާތު ގޮތްގޮތަށް ރިޕޯޓު އައިނަމަވެސް ފަހުން އެކަން ލީއަށް ފަރުވާދިން ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ލީގެ މަރާ ގުޅިގެން އާންމުން ރުޅިއަންނަން ޖެހުނީ އޭނާ މަރުވިކަމަށް ސަރުކާރު ހިންގާ މައި ޕާޓީއަށް ތާއީދު ކުރާ ބައެއް ނޫސް އެޖެންސީތަކުން އިންޓަނެޓްގައި ހާމަކުރުމަށް ފަހު އެ ޕޯސްޓުތައް ޑިލީޑްކޮށްލުމުންނެވެ. ފަހުން އެކަމަކު އެ އެޖެންސީތަކުންވެސް ވަނީ އޭނާ މަރުވިކަން ކަށަވަރުކޮށްދީފަ އެވެ.
އުމުރުން34 އަހަރުގެ ޑރ. ލީ ދުނިޔޭގެ ސަމާލުކަމަށް ކޮރޯނާ ވައިރަސް ގެނައީ ޑިސެމްބަރު މަހުގެ30 ވަނަ ދުވަހު ސޯޝަލް މީޑިއާގައި އާންމު ކުރި ޕޯސްޓެއްގައި އެވެ. އެ ޕޯސްޓާއި ގުޅިގެން ދޮގު މައުލޫމާތު ފަތުރާކަަމަށް ބުނެ ވޫހާންގެ ޕަބްލިކް ސެކިއުރިޓީ ބިއުރޯ އަށް ހާޒިރުކޮށް މުޖުތަމައުގެ ހަމަނުޖެހުން ނަގާލާކަމަށް ބުނެ ބަޔާނެއް ނެގުވި އެވެ.
ފަހުން ފުލުހުންގެ އިދާރާއަށް ގެންގޮސްވެސް ބަޔާނެއް ނެގި ކަމަށްވެ އެވެ.
ޑރ. ލީ އަކީ ފުރަތަމަ ކޮރޯނާ ވައިރަސް ޖެހުނު ހަތް މީހުންނަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ޑޮކްޓަރެކެވެ. އޭރު އެއީ އެހާ ނުރައްކާތެރި ބައްޔެއް ކަމެއް ނޭނގުނަސް އޭނާ ވަނީ ނުރައްކާތެރި ކޮރޯނާ ވައިރަސްއެއް އިންސާނުން ގަޔަށް އަރަމުންދާކަމަށް ބުނެ ޑޮކްޓަރުންނާއި ސިއްހީ އެހީތެރިން ނިވާވެ މާސްކު އެޅުމަށް އިލްތިމާސްކޮށްފަ އެވެ.
ލީއަށް ފަރުވާދިން ހޮސްޕިޓަލުން ބުނީ އޭނާ މަރުވީ ކޮރޯނާ ވައިރަސް ޖެހިގެން ފަރުވާދެނިކޮށް އިތުރަށް ހާލު ދެރަވެ ނިއުމޯނިއާ ޖެހިގެން އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށްކަމަށެވެ.
ޑރ. ލީ ކޮރޯނާ ވައިރަސްގެ ބިރުވެރިކަމުގެ ވާހަކަ ހާމަ ކުރުމުންވެސް ޗައިނާ ސަރުކާރުން ވަނީ އެ ބަލި ފެތުރެމުންދާކަން ސިއްރު ކުރަން މަސައްކަތް ކޮށްފަ އެވެ. އެގޮތުން މިދިޔަ މަހުގެ23 އާ ހަމައަށް ޗައިނާ އިން ވަނީ ބަލި ފެތުރޭކަން ސިއްރު ކުރަން މަސައްކަތް ކޮށްފަ އެވެ.
މިހާތަނަށް ކޮރޯނާ ވައިރަސް ޖެހިގެން ވަނީ 636 މީހުން މަރުވެފަ އެވެ. ވައިރަސް ވަނީ 31،161 މީހުންނަށް އަރައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް