ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ އެވެ. މިއީ ދިވެހި ހަރުބަހެކެވެ. އެކަން ވަރަށް ރަނގަޅަށް ރާއްޖޭގެ ސިޔާސީ މައިދާނުން ފެންނަމުން އެބަދެ އެވެ.
ފުރަތަމަ ފަށާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކޮށް އާރަށުގައި ގެންގުޅުނު މައްސަލައިގަ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް ޓެރަރިޒަމްގެ ދައުވާކޮށް ކްރިމިނަލް ކޯޓުން އިއްވި 12 އަހަރުގެ ޖަލުހުކުމުގެ ވާހަކައިންނެވެ. ޖަލުގަ މާގިނަ ދުވަސް ހޭދަނުކޮށް މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް އިނގިރޭސިވިލާތުގެ ލަންޑަށް ފޮނުވުމުން ދިރިއުޅުއްވީ މިނިވަން ވަންދެން އެތަނުގައި އެވެ.
ހަނދާން އާކޮށްލަމާ ހިނގާށެވެ. އޭރު އެމްޑީޕީ މީހުން ބުނަމުންދިޔައީ އަބްދުﷲ ގާޒީ ހައްޔަރުކޮށްގެންދިޔައީ ނަޝީދު ނޫންކަމަށެވެ. ކޮންމެ ކަމެއްގެ ޒިންމާ ވެރިމީހާ ނަގަން ޖެހޭ ނަމަ ހުރިހާ ވެރިން ތިބެން ޖެހޭނީ ޖަލުގައި ކަމަށާއި އެކަމުގައި ފިޔަވަޅު އަޅަން ޖެހޭނީ އަމަލީ ގޮތުން އެކަމުގައި އުޅުން މީހުންނަށް ކަމަށެވެ.
ދެން މިހާރު މި ދިމާވެގެން އުޅޭ މައްސަލައަށް ޖެހިލަން ހިނގާށެވެ. ޖިންސީ ގޯނާ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކުގެ ވާހަކައެވެ. މިފަހަކުން ފެންމަތިވި މިފަދަ ހުރިހާ މައްސަލައެއްގައި ޖެންޑާ މިނިސްޓްރީގެ އިހުމާލު އޮތްކަން ވަރަށް ބޮޑަށް ހާމަވި އެވެ.
މައްސަލަތައް ބެލުމުގަ ފަރުވާކުޑަ މިންވަރާއި އަތޮޅު ތެރޭގައި ބޭނުންވާވަރަށް މުވައްޒަފުން ނެތުމުން ޖެންޑާ މިނިސްޓްރީން އަތޮޅުު ތެރޭގައި ގާއިމްކޮށްފައި ހުންނަ އޮފީސްތަކުގައި މައްސަލަތައް ނުބެލި ހުރިކަމެވެ. ހަމަ ޔަގީނުންވެސް އެނގޭ ކަމަކީ އިއްޔެ އަމިއްލަފުޅަށް އިސްތިއުފާ ދެއްވި ޝިދާތާ ޝަރީފު މިކަމުގައި ޒިންމާ ނަގަން ޖެހޭ ކަމެވެ.
ހިތާނުވާ މީހުން ބޭރު ކުރެވޭނެ ގޮތެއް އެމްޑީޕީން ދަނީ ހޯދަމުން:
އެމްޑީޕީ އިތުރު ބަޔަކާއި އެކު ކޯލިޝަން ހަދައި ވެރިކަމަށް އައީ އިތުރު ގޮތެއް ނެތިގެންނެވެ. އެކަމަކު މިދިޔަ ދެ ރިޔާސީ އިންތިހާބުގައި ހެދި ކޯލިޝަންތަކެކޭ އެއްގޮތަށް ވެރިކަމަށް އާދެވުމުން އެކަން ހަނދާން ހުންނަ އެމްޑީޕީގެ ވެރިއެއް ކީއްކުރަން އެކްޓިވިސްޓަކުވެސް ނުހުރެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށްވެސް ވީ އެހެންނެވެ. ވެރިކަމަށް ގެނެސްދިން މީހުން ބާކީ ކުރީ އެވެ.
ކޯލިޝަން ޕާޓީތަކުގެ ސްލޮޓުތަކުގައި ވަޒީރު ކަމުގައި ތިބި ބޭފުޅުންގެ މިނިސްޓްރީތަކުން މައްސަލައެއް ދިމަވޭތޯ ދަނީ ބަލަމުންނެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި އެމްޑީޕީ މަޖިލީސް މެންބަރުންނަށް ޝިދާތާ މަގާމުން ވަކި ކުރާނެ ވަރުގެ ބާރު ހުރި ވާހަކަތަކެއް ނުދެއްކުނެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި އިސްތިއުފާއަށް ގޮވާލެއްވުމުން ޝިދާތާ ވިދާޅުވީ މަގާމުން އިސްތިއުފާދެއްވާނީ އޭނާ މަގާމުން ދުރުވުމުން އެ މައްސަލަތައް ހައްލުވާނެ ކަމުގެ ޔަގީންކަން ލިބުމުން ކަމަށެވެ.
އެކަމަކު އެމްޑީޕީ މެންބަރުންގެ ނަސީބު އަތުގައި ހިފިއްޔެވެ. ޖިންސީގޯނާގެ މައްސަލަތައް އުތުރި އަރަމުން ދަނިކޮށް ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާންއަށް ޝައްކުު ކުރެވޭ ޖިންސީ ގޯނާގެ މައްސަލަތަކެއް ފެންމަތިވެ ޖެންޑާ މިނިސްޓްރީގެ އިހުމާލު އޮތް މައްސަލައެއް ފެންމަތިވީ އެވެ.
18 އަހަރުގެ ނުކުޅެދުންތެރިކަން ހުންނަ ފިރިހެނެއްގެ ބެލެނިވެރިކަން ހިޝާންއަށް ނުދޭން ފެމެލީ ކޯޓުން ކުރި ހުކުމަކާއި ދެކޮޅަށް އޭނާ އެ ފިރިހެން މީހާ ގޭގައި ގެންގުޅޭކަން ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާނެކަން ހާމަ ކުރީ ހައިކޯޓުގައި އޮތް އިސްތިއުނާފު އަޑުއެހުމެއްގައި އެވެ. އަދި އެނގި ހުރެ އެފަދަ މީހަކަށް އެމްބެސެޑަރުކަން ދިނުމުން އެކަމަށްވެސް ހައިކޯޓުގެ ފަނޑީޔާރު ފާޑުވިދާޅުވި އެވެ.
ހައިކޯޓުގައި އެދުވަހު ޖެންޑާ މިނިސްޓްރީގެ ވަކީލުން ބުނެފައިވަނީ ހިޝާންއަށް ފިޔަވަޅު ނޭޅުނީ އެ ފިރިހެން މީހާ އޭނާގެ ގޭގައި ގެންގުޅޭ މައްސަލަ މިނިސްޓްރީ އާއި އޭޖީ އޮފީހުން ބަލަމުންދަނިކޮށް ރައީސް އޮފީހުން އޭނާ އެމްބެސެޑަރު ކަމަށް އައްޔަން ކުރުމުން ކަމަށެވެ.
ޝިދާތާގެ އިހުމާލާއި ސީޕީ ހަމީދު އިހުމާލު އެއްވަރު:
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގެ އިތުރުން ފުލުހުންގެ ފަރާތުން އާންމުންނަށް ލިބޭ އަނިޔާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުވާ ވީޑިއޯތަކަކީ މިހާރު އާންމު ކަމެކެވެ. ކޮންމެ ވީޑިއޯ އަކުންވެސް ފެންނާނީ ފުލުހުން ބަޔަކަށް އަނިޔާ ކުރާތަނެވެ. ހައްޔަރު ކުރާ ތަނެވެ. ގަދަކަމުން އެ މީހަކު ހިފަހައްޓަން އުޅޭތަން ނުވަތަ އަންހެނަކު ހައްޔަރު ކުރަން ފިރިހެން ފުލުހުން އުޅޭ މަންޒަރެވެ.
ވީޑިއޯގައި ފެންނަ މަންޒަރުގެ ހަގީގަތް ބެލުމެއް ނެތި ސޯޝަލް މީޑިއާގައި ފުލުހުން މަދުނާމުކޮށް އެއްޗެހި ކިޔައެވެ. އިސްކޮށް ތިބެނީ ސޯޝަލް މީޑިއާގައި އެންމެ ހަރަކާތްތެރި އެމްޑީޕީގެ މެންބަރުންނެވެ. ނުވަތަ ސަޕޯޓަރުންނެވެ.
އެކަމަކު ވީޑިއޯގެ ހަގީގަތް ފުލުހުންގެ ފަރާތުން ހޯދާއިރު ވާހަކަ ތަފާތުވެ އެވެ. އޭގެ އެއް ހާދިސާ ކިޔައިދޭނަމެވެ. މ. މުލީ ހޮސްޕިޓަލުގައި އޮތް ކުއްޖަކު ކުއްޖާގެ މާމައާ ހަވާލު ކުރަން ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރަން ފުލުހުން އުޅުމުން ކުއްޖާގެ ބައްޕަ އާއި ބަޔަކު ނުކުމެ ހޮސްޕިޓަލް ކައިރީގައި އަޑުގަދަ ކުރި އެވެ. ފުލުހުންގެ ބެލުމުގެ ދަށުން ކުއްޖާ އާއި މާމަ ބަނދަރަށް ގެންދިޔަ މަގުމަތީގައި އަޑުގަދަ ކުރަމުން ފަހަތުން ދިޔަ މީހުންގެ ތެރެއިން މީހަކު ކުއްޖާގެ މާމަގެ ބުރުގާއަށް ހިފާ ދަމައިގަނެ ވައްޓާލަން އުޅުމުން އެމީހުން ދުރަށް ޖައްސަން މަސައްކަތް ކޮށް މީހުންނަށް އަނިޔާވާގޮތަށް ފުލުހުންގެ އަމަލުތައް ބަހައްޓަން ޖެހުނެވެ.
އާންމުވި ވީޑިއޯއިން ފެންނަނީ ބުރުގާގައި ހިފެހެއްޓި އަންހެން މީހާ ދުރުކުރަން ފުލުހުން ބާރުގެ ބޭނުން ކުރާ މަންޒަރެވެ. އޭގެ ކުރިން ކަންތައް ވީގޮތެއް އެ ވީޑިއޯ ކުރި ބަޔަކު ކޮށްފައެއް ނެތެވެ. އެ ހިސާބުން ގޯސްވީ ފުލުހުންނެވެ. ފުލުހުންވެސް ހާލަތާއި ނުބައްދަލް ބާރުގެ ބޭނުން ކުރެ އެވެ.
ދެން އިއްޔެ ދައުރުވި ވީޑިއޯގެ ވާހަކަ ދައްކަމާ ހެއްޔެވެ. ލޯކަލް ޓޫރިޒަމްގެ މައި މަރުކަޒު މާފުށީގައި މަސްތުގެ ހާލުގައި ޓުރިސްޓު އަންހެނަކު މަގުމަތީގައި އުޅޭތީ ފުލުހުންނަށް ރިޕޯޓު ކުރީ އާންމުންގެ ބައެކެވެ. އެ އަންހެން މީހާ ކައިރިޔަށް ފުލުހުން ދިޔުމުން ވަރަށް ހަޑިހުތުރު ބަހުން ފުލުހުންނާއި މުހާތަބު ކުރި ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމުން ހައްޔަރު ކުރަން އުޅުމުން ގަދަ ދައްކާ ގައިގަ އޮޅާފައި އޮތް ފޮތިގަނޑު ގޮސް ލައިގެން ހުރި ހެދުމަކީ ހަމައެކަނި ބިކިނީއަށް ވީއެވެ. ދެންވެސް އަންހެން މީހާ ފުލުހުންނަށް އެއްބާރުލުން ދީފައެއް ނުވެ އެވެ. ހައްޔަރު ކުރަން ޖެހުނުގޮތް ވީޑިއޯއިން ފެނުމުން ގޯސްވީ ފުލުހުންނެވެ.
މީގެ އިތުރުން އެ މީހާ ހައްޔަރު ކުރުމުގައި ފިރިހެން ފުލުހުން އުޅުމުން އެކަންވެސް ގޯސްވި އެވެ. އެއީ ގާނޫނުގައި އަންހެނުން ހައްޔަރު ކުރުމުގަ އުޅެން ޖެހޭނީ އަންހެން ފުލުހުން ކަމަށް ބުނެފައިވާތީ އެވެ. އެކަމަކު ފުލުހުން ބުނީ މާފުށީ ޕޮލިސް ސްޓޭޝަންގައި އަންހެން ފުލުހުން މަސައްކަތް ނުކުރާ ކަމަށެވެ.
ވީޑިއޯ އާންމުވިތާ މާގިނަ އިރެއް ނުވެ ރާއްޖޭގެ ޓޫރިޒަމް ފުނޑާލަނީ ކަމަށާއި ޑޮލަރު ވަންނަ މައި ދޮރު ބަންދުވާގޮތަށް އަމަލު ކުރަމުންދަނީ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަޑުގަދަ ކުރަން ފެށި އެވެ. ވަގުތުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ޓުވީޓެއް ކުރައްވާ ފުލުހުންގެ އެ އަމަލަށް މައާފަށް އެދިވަޑައިގެންނެވި އެވެ. އަދި ފުލުހުންގެ އެ އަމަލު ކުރިގޮތް ބަލާނެ ކަމަށް ވިދާޅުވި އެވެ.
މާފުށި ފަދަ ގިނަ އަދަދެއްގެ ޓޫރިސްޓުންނާއި މައި ޖަލު ހުންނަ ރަށެއްގައި އަންހެން ފުލުހުން ނެތުމުގެ ޒިންމާ ނަގަންޖެހެނީ އެ އަންހެން މީހާ ހައްޔަރުު ކުރި ފުލުހުން ހެއްޔެވެ. ޓޫރިސްޓުން ރާއްޖޭގެ ގާނޫނުތަކަށް އަމަލު ނުކޮށް މަސްތުގެ ހާލުގައި މަގުމަތީގައި އުޅޭއިރު ޑޮލަރު ނުލިބޭނެ ކަމަށް ބަލައި އެމީހުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ނޯންނަންވީ ކީއްވެ ހެއްޔެވެ.
ފުލުހުންގެ ފަރާތުން ފެންނަ މިފަދަ ކަންކަމުގެ ޒިންމާ ނަގަން ޖެހޭ ބޭފުޅަކީ ސީޕީ ހަމީދުކަން ޔަގީނެވެ. އެކަމަކު ސީޕީ ހަމީދު ފުލުހުންގެ އެ މައްސަލަތައް ބައްލަވާނެ ކަމަށް ވިދާޅުވުމުން ސޯޝަލް މީޑިއާގައި ސީޕީއަށް ޝުކުރު އަދާކޮށް އާދައިގެ ފުލުހުންނަށް ފިޔަވަޅު އަޅަން ހިތްވަރު ލިބޭ ގޮތަށް ވާހަކަދެއްކުން ނޫން ކަމެއް ސޯޝަލް މީޑިއާގައި އަޑުގަދަ މީހުން ނުކުރެ އެވެ.
މިފަދަ ކަންކަމުގައި ޝިދާތާގެ އިހުމާލާ އެއްވަރުގެ އިހުމާލެއް ސީޕީ ހަމީދުގެ އޮތް ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ. އެކަމަކު ސީޕީ ހަމީދަކީ އެމްޑީޕީ ބޭފުޅުން ގަޔާވާ މީހަކަށް ވާތީ މަޖިލީސް ތެރެއިން އިތުބާރު ނެތްކަމުގެ ވޯޓެއް ނުނަގާނެ އެވެ. ފުލުހުންގެ ތެރޭގައި ހުންނަ އުސޫލުތަކާއި ގުޅިގެން އަޅާ ފިޔަވަޅަކުންވެސް ކުށްވެރިވާނީ އާދައިގެ ފުލުހުންނެވެ.
ސީޕީ މަޖިލީހަށް ހާޒިރު ކުރެވެން ޖެހެ އެވެ. އަންހެން ފުލުހުން އަތޮޅު ތެރޭގެ ގިނަ ޕޮލިސްޓްޓޭޝަންތަކުގައި ނުތިބެނީ ކީއްވެތޯ މަޖިލީހުން ސުވާލު ކުރަން ޖެހެ އެވެ. ފުލުހުން ބާރުގެ ބޭނުން ކޮށްފިނަމަ އެކަން ހިނގި ގޮތުގެ މައުލޫމާތު ސާފު ކުރަން ސީޕީ ހަމީދު މަޖިލީހަށް ހާޒިރު ނުކުރެވެންވީ ސަބަބެއް ނެތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް