ރާއްޖޭގައި އަމާން ވެއްޓެއް ގާއިމް ކުރެވޭނީ ދިވެހި ފުލުހުން ބާރުވެރި ކުރުވިގެން ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ހުޅުމާލޭގައި ބިދޭސީންތަކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލި ހާދިސާގެ ޒިންމާ ދީނި ހަރުކަށި ފިކުރުގެ ޖަމާއަތް، އައިއެސްގެ ރާއްޖޭ ގޮފިން ނަގާކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމު ކުރި ވީޑިއޯ އާއި ގުޅިގެންނެވެ. އެ ހަމަލާގައި ޗައިނާ ދެމީހަކާއި އޮސްޓްރޭލިއާ މީހަކު ޒަހަމްވި އެވެ.
ރިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންނާއި ފަތުރުވެރިންގެ ރައްކާތެރި ކަމަށް ވަގުތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށެވެ. އެގޮތުން ސްވޮޓް ފުލުހުން ފިސްތޯލަ ހިފައިގެން ރަށުތެރޭގައި ހަރަކާތްތެރިވާން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ ގައުމު އަމާން ތަނަކަށް ހަދަން ބޭނުން ނަމަ ފުލުހުން ބާރުވެރި ކުރުވަން ޖެހޭ ކަމަށެވެ.
ހުޅުމާލޭގައި ދިން ޓެރަރިސްޓު ހަމަލާ އާއި ގުޅިގެން މިހާތަނަށް ހަ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ސޯޝަލް މީޑިއާގައި އާންމު ކުރި ވީޑިއޯގައި މޫނު ނިވާކޮށް ޖުއްބާ ލައިގެން ތިބި ތިން މީހުންގެ ތެރެއިން އެކަކު ބުނެފައިވަނީ ދެން ހަމަލާ ދޭނެ ތަންތަން ހިތައްވެސް ނުގެނޭނެ ކަމަށެވެ. އަދި ގައުމުގެ ވެރިން ތިބީ ކުފުރުވެފައި ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް