ރިޔާސީ ބަޔާނަށް ލޭބަރ ޕާޓީން މަރުހަބާ ދަންނަވައި، އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އަރުވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، މިއަދު އިއްވެވި ރިޔާސީ ބަޔާނަށް މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީޏް މަރުހަބާ ދަންނަވައި، ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ކަންކަން ތަނ...

07 Feb 2019 | 11:20

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، މިއަދު އިއްވެވި ރިޔާސީ ބަޔާނަށް މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީޏް މަރުހަބާ ދަންނަވައި، ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ކަންކަން ތަންފީޒު ކުރުމަށް އެ ޕާޓީގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައި އެ ޕާޓީން ބުނެފިއެވެ.

އެ ޕާޓީން ރިޔާސީ ބަޔާނަށް މަރުހަބާ ދަންނަވާފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީސް 2019 ވަނަ އަހަރަށް ހުޅުވުމުގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް މިއަދު ހުށަހެޅުއްވި ރިޔާސީ ބަޔާނުގައި ލޭބަރ ޕާޓީގެ އުޞޫލުތަކާ ސިޔާސަތުތަކާ ގުޅުންހުރި މުހިންމު ކަންތައްތަކެއް ހާމަކުރައްވާފައިވާތީ އެކަންކަމަށް ލޭބަރޕާޓީގެ ފުރިހަމަ ތާޢީދު އޮތްކަން ހާމަކުރާކަމަށެވެ.

"މިގޮތުން، އާމްދަނީން ޓެކްސް ނަގަން ނިންމައި، މިއަންނަ އަހަރުން ފެށިގެން، ވަކި މިންވަރަކަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އާމްދަނީން ޓެކްސް ނަގަން ނިންމި ނިންމުމަށް މިޕާޓީން މަރުޙަބާކިޔަމެވެ. މި ސިޔާސަތު ތަންފީޒުކުރުމުގައި، އާމްދަނީ އިތުރުވާ މިންވަރުން ޓެކްސްގެ ނިސްބަތް މަތިވާ (ޕްރޮގްރެސިވް އިންކަމް ޓެކްސް) ތަޢާރަފްކުރުމަށާއި، އާމްދަނީ ރިޕޯޓުކުރުމުގެ ނިޒާމު ހަރުދަނާކޮށް، 'ގޮތްނޭނގޭ' އާމްދަނީ ހާމަކުރުން މަޖުބޫރުކުރުމުގެ ބާރު ތަޙުޤީޤީ އަދި ޝަރުޢީ އިދާރާތަކަށް ދިނުމަކީ، ޓެކްސްގެ ނިޒާމު އިންސާފުވެރިކޮށް، ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ހޯދުން ހުއްޓުވުމަށް ކޮންމެހެން ލާޒިމު ކަމެއްކަން މިފުރުސަތުގައި ފާހަގަކުރަމެވެ. " ލޭބަރ ޕާޓީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެންމެ ދަށުން ލިބޭނެ އާމްދަނީ (މިނިމަމް ވޭޖް) ކަނޑައެޅުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަށް މަރުޙަބާކިޔާހިނދު، ވަކި ވަކި ސެކްޓާރ ތަކަށް ކަނޑައަޅާފައިވާ މިނިމަމް ވޭޖު ނިންމުމުގައި، އިންޑަސްޓްރީތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި، މަސައްކަތްތެރިންގެ ޖަމިއްޔާތަކާ އިތުރަށް މަޝްވަރާކޮށް، ދިރިއުޅުމުގެ ޚަރަދުތަށް ފުއްދޭނެފަދަ އާމްދަނީއެއް ކަނޑައެޅުމުގެ މުހިންމުކަން ފާހަގަކުރާކަމަށާއި އަދި، ރާއްޖޭގައި މަސައްކަތް ކުރާ އެންމެހާ ފަރާތްތަކުގެ ޙައްޤުތަށް ކަށަވަރުކޮށް، ބިދޭސީން މަދުކުރެވިގެންދާނެ ގޮތަކަށް މިނިމަމް ވޭޖުގެ ސިޔާސަތު ތަންފީޒުކޮށް، އިންތިޒާމުކުރުން މުހިންމު ކަމުގައިވެސް ލޭބަރ ޕާޓީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ޢަދުލު އިންސާފުގެ ނިޒާމް ހަރުދަނާކުރުމާއި، ހިޔާވަހިކަމުގެ މަޝްރޫޢުތަކާމެދު ރައީސްގެ ބަޔާނުގައި ދެއްވާފައިވާ ޔަޤީންކަމަށް މިޕާޓީއިން މަރުޙަބާކިޔައި، އެކަންކަން ތަންފީޒުކުރުމުގައި މިޕާޓީގެ ފުރިހަމަ އެއްބާރުލުން ދޭނެކަން ޔަޤީންކޮށް އަރުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް