އެއް މިލިއަން ޑޮލަރަކީ ހިޔާނާތުގެ ފައިސާކަމަށް ނުނިންމާ: ވަކީލުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާކަ...

07 Feb 2019 | 06:20

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާކަމަށް އެއްވެސް ފަރާތަކުން ކަނޑައަޅާފައިނުވާ ކަމަށް އެމަނިކުފާނުގެ ވަކީލުން ބުނެފި އެވެ.

މަނީ ލޯންޑަރިން ކުރުމުގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީނަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވުމާއި ގުޅިގެން ރޭގަ އެމަނިކުފާނުގެ ވަކީލުން ނެރުއްވި ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޔާމީންގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި އަދި އެނޫން ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ވެސް އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ޖަމާކޮށްފައިވާ ކަމަށް ޔާމީން ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

އަދި ޔާމީން ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ފައިސާ ޖަމާކުރި ކުންފުނިން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށް ނުވަތަ ދައުލަތުގެ ފައިސާ ކަމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ނުވަތަ ޝަރުއީ ކޯޓަކުން ވެސް މިހާތަނަށް ނިންމުމެއް ނިންމާފައިނުވާ ކަމަށްވެސް ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޔާމީން ބައިވެރިވާ ގޮތަށް އެސްކްރޯ އެކައުންޓެއްގައި އެއް މިލިއަން އެމެރިކާ ޑޮލަރު ބަހައްޓަން ނިންމި ނިންމުމަކީ ޔާމީންގެ އަމިއްލަ އިސްނެގުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

އެސްއޯއެފްއަކީ ރާއްޖޭގައި އެތައް ވިޔަފާރިއެއް ހިންގާފައިވާ ކުންފުންޏެއް ކަމަށާއި އެ ކުންފުންޏާ ވިޔަފާރި މުއާމަލާތް ހިންގާފައިވާ އެހެން އެތައް ކުންފުންޏެއް އަދި އެތައް ބަޔަކު ރާއްޖޭގައި ތިބިއިރު އޭގެ ތެރެއިން ޔާމީން ފިޔަވައި އެހެން އެއްވެސް ފަރާތެއްގެ މައްޗަށް މިހާތަނަށް ތަހުގީގެއް ހިންގައި ދައުވާ އުފުލާފައިނުވާ ކަމަށްވެސް އެބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އެހެންކަމުން ޔާމީނަށް ޓާގެޓުުކޮށްގެން ހަމައެކަނި އެމަނިކުފާނުގެ މައްޗަށް ގާނޫނު ތަންފީޒުކުރަން އުޅުމަކީ ގާނޫނު އަސާސީގައި ކަށަވަރުކޮށްފައިވާ ދުސްތޫރީ ހަމަހަމަކަމާއި ހިލާފު ކަމެއްކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް