މިދިޔަ ޑިސެމްބަރ މަހު އިންސްޓަރގްރާމަށް ލީ ފޮޓޯއަކާއެކު ގިނަބަޔެއްގެ ހިތުގައި އުފެދުނު ސުވާލަކީ ބޮލީވުޑްގެ ތަރި އިލިއާނާ ޑިކްރޫޒް ކައިވެނިކުރީތޯއެވެ. ސިއްރުން ކައިވެނިކުރުމަކީ ބޮލީވުޑްގެ ތަރިން ކުރާކަމަކަށް ވާއިރު އިލިއާނާވެސް ސިއްރުން ކައިވެނިކޮށްފާނެކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. މުޅި އަހަރުގައިވެސް އައި އެންމެ ޚާއްސަ ދުވަސްވަރުކަމަށް ބުނެ ޕޯސްޓްކޮށްފައިވާ ފޮޓޯގެ ކްރެޑިޓް ދީފައިވަނީ " ބައި ހަބީ " ޖެހުމަށްފަހު އިލިއާނާ ގިނަ ދުވަސްތަކެއް ވަންދެން ޑޭޓް ކުރަމުންދިޔަ އޮސްޓްރޭލިޔާގެ ފޮޓޯގްރާފަރ އެންޑްރޫ ނީބޯންއަށެވެ. އެހާހިސާބުން ގިނަ ބަޔަކު ޤަބޫލުކުރީ އެދެމީހުން ސިއްރުން ކައިވެނިކުރީކަމުގައެވެ. ނަމަވެސް އެކަމާ ބެހޭގޮތުން އިލިއާނާ އެއްވެސް ވާހަކައެއް ދައްކާފައެއްނުވެއެވެ.
ނަމަވެސް ދާދިފަހުން އިލިއާނާ އެންމެ ފަހުން ކުޅުނު ފިލްމުކަމަށްވާ ރެއިޑްގެ ޓްރެއިލަރ ލޯންޗްކުރުމަށް ބޭއްވި ހަފްލާގައި ނޫސްވެރިން އިލިއާނާ ކައިވެނިކޮށްގެން އުޅޭތޯ ސުވާލުކުރުމުން އެފިލްމުގައި އިލިއާނާގެ ކޯއެކްޓަރ އަޖޭ ދޭވްގަން ވަނީ އެސުވާލުހަމަ އިލިއާނާ އާ ކޮށްފައެވެ. އެއާއެކު އިލިއާނާގެ ޖަވާބަކަށް ވެގެންގޮސްފައިވަނީ އޭނާ އުޅެނީ ކައިވެނިކޮށްގެން ކަމުގައެވެ. އެއަށްވުރެ އިތުރު ތަފްސީލެއް އިލިއާނާ ދީފައިނުވިނަމަވެސް އިލިއާނާ ބުނެފައިވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާއި ފިލްމީ ދާއިރާގެ މަސައްކަތްތަކާމެދު އޭނާ ހިތްހަމަޖޭކަމަށާއި އެކަމާ އުފާކުރާކަމުގައެވެ. އަދި ކުރިއެކޭ އެއްގޮތަށް އަމިއްލަ ދިރިއުޅުމުގެ ކަންކަން ހާމަކުރަން ބޭނުންނުވާކަމަށް ވަނީ ބުނެފައެވެ. " އަހަންނަކަށް ނޭންގެ ތިކަމާމެދު ބުނާނެ އެއްޗެއް. ޕްރޮފެޝަނަލްކޮށް ބަލާނަމަ އަހަރެން ވަރަށް ރަނގަޅަށް ކުރިޔަށް މިދަނީ ..އަމިއްލަ ދިރިއުޅުންވެސް ހަމައެގޮތަށް..އަހަންނަކަށް ހިއެއް ނުވޭ ދެން މިކަމާމެދު ބުނާނެ އެއްޗެއް އޮތްހެންނެއް..މީގެކުރިންވެސް އަހަރެންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަކީ އެހާބޮޑަށް އާންމުކޮށްފައިވާކަންކަމެއް ނޫން. އެގޮތަށް އެކަން ކުރަން ބޭނުންވަނީވެސް..އަހަރެން ބޭނުންނޫން އެކަމާބެހޭ ގޮތުން މާބޮޑަށް ވާހަކަދައްކާކަށް.." އިލިއާނާ ބުންޏެވެ.
ކޮންމެއަކަސް އިލިއާނާ ކައިވެނީގެ ވާހަކަތައް އާންމުކުރަން ބޭނުން ނުވިއަސް އިނގޭކަމަކީ ގުޅުން ކުރިޔަށްދާ ވަރަކަށް އެކަމާބެހޭ ވާހަކަތައް ފެންމަތިވެގެން ދާނެކަމެވެ. އެހެންވީމާ ޖެހޭނީ އެކަމަށް އިންތިޒާރެއް ކޮށްލާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް