ބާސެލޯނާއަށް ބަދަލުވާން އުޅޭކަމުގެ ވާހަކަތައް ދެކެވޭތާ ގިނަ ދުވަސްތަކަކަށް ފަހު ލިވަޕޫލް އަދި ބްރެޒިލްގެ ތަރި ފިލިއްޕޭ ކުޓީނިއޯ އެ ޓީމާ ގުޅިއްޖެއެވެ. މި ދިޔަ ޖޫން މަހުގެ ޓްރާންސްފާ ވިންޑޯގެ ތެރޭގައި ކުޓީނިއޯ ބާސާއަށް ބަދަލުވާން ބޭނުންވާކަމަށް ބުނެފައި ވަނިކޮށް ބާސެލޯނާއިން ހުށަހެޅި 3 ބިޑަށްމެ ނޫނެކޭ ބުނުމަށްފަހު ލިވަޕޫލުން އެންމެ ފަހުން ކުޓީނިއޯ ވިއްކާލަން އެއްބަސް މިވީ 160 މިލިޔަން ޔޫރޯގެ ރެކޯޑް އަގަކަށެވެ.
އެއްބަސްވުމުގައި ބޭސް ފީއެއްގެ ގޮތުގައި ހިމަނާފައިވާ 120 މިލިޔަނާއި، ކުޓީނިއޯ ބާސާއަށް ކުޅޭ މެޗުތަކާއި ދައްކާ ކުޅުންފަދަ ކަންކަމުގެ މައްޗަށް ބަރޯސާވާ އެޑްއޮންސްގެ ގޮތުގައި ހިމަނާފައިވާ 40 މިލިޔަން ޔޫރޯ އާއެކު ކުޓީނިއޯ ވެފައިވަނީ ބާސެލޯނާގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށެވެ. މީގެ ކުރިން މިދިޔަ ޓްރާންސްފާ ބާޒާރުގައި ބާސާއިން ވަނީ އެ ކްލަބްގެ ރެކޯޑް އަގަކަށް އޮސްމާން ޑެމްބެލޭ ވެސް ހޯދާފައެވެ.
ދުނިޔޭގެ ރެކޯޑް ޓްރާންސްފާއެއްގައި ބާސާ ދޫކޮށް ޕީއެސްޖީއަށް ނޭމާ ބަދަލުވުމާއެކު އެ ޓީމުން ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރި އެއް ކުޅުންތެރިޔަކީ ކުޓީނިއޯ އެވެ. އެހެންކަމުން ކުޓީނިއޯ ބާސާއަށް ބަދަލުވުމާއެކު އެ ޓީމުގެ މެދުތެރޭގައި އިސް ދައުރެއް އަދާކުރާނީ އޭނާ ކަމަށް ބެލެވެއެވެ. އެހެން ނަމަވެސް، ލިވަޕޫލްއާއެކު ޗެމްޕިއަންސް ލީގުގެ މި ސީޒަންގައި ކުޅެފައިވުމާއެކު ކުޓީނިއޯއަށް މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ބާސެލޯނާގެ ޓީމުގައި ހިމެނިގެން ނުކުޅެވޭނެއެވެ.
އުމުރުން 25 އަހަރުގެ ކުޓީނިއޯ ބާސެލޯނާއާއެކު 5 އަހަރާ ބައިގެ އެއްބަސްވުމަކަށް އަހިސްފައިވާއިރު، އެއްބަސްވުން އުވާލެވޭނެ އަގެއްގެ ގޮތުގައި ހިމަނާފައިވަނީ 400 މިލިޔަން ޔޫރޯއެވެ.
ބޮޑު މުސާރައެއް ލިބޭ އާ އެއްބަސްވުމެއް ހުށަހެޅުންފަދަ ކަންތައްތަކާއެކު ލިވަޕޫލުން ކުޓީނިއޯ އެ ޓީމުގައި މަޑުކުރުވަން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް، އެ މަސައްކަތް ނާކާމިޔާބު ވުމާއެކު، ބަދަލުގައި ލެސްޓާ ސިޓީގެ ރިޔާދު މާރޭޒް ހޯދުމަށް ލިވަޕޫލުން މަސައްކަތް ކުރާނެކަމަށް ބައެއް މީޑިޔާ ރިޕޯޓްތައް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް