ވެކްސިންގެ ބޫސްޓަރ ޑޯޒު ޖެހި މީހުންގެ އަދަދު 16،000 އާއި ގާތަށް

ކޮވިޑް-19 އިން ދިފާއު ވުމަށްޓަކައި ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒު (ބޫސްޓާ ޑޯޒު) ޖެހި މީހުންގެ އަދަދު 15،850 އަށް އަރައިފި ކަމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްފީއޭ) އިން ބުނެފި އެވެ. އެޗްޕީއޭ އ...

06 Dec 2021 | 18:29

ކޮވިޑް-19 އިން ދިފާއު ވުމަށްޓަކައި ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒު (ބޫސްޓާ ޑޯޒު) ޖެހި މީހުންގެ އަދަދު 15،850 އަށް އަރައިފި ކަމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްފީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން އެންމެ ފަހުން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 5 ވީ ހޯމަ ދުވަހުގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދު ވަނީ 395،956 އަށް އަރާފައެވެ.

ހޯމަ ދުވަހު 49 މީހަކު ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައެވެ. މީގެ ތެރެއިން 40 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިންގް ފުރަތަމަ ޑޯޒު ފުރިހަމަ ކުރި މީހުންނެވެ. އަތޮޅު ތަކުން އެދުވަހު ވެކްސިންގް ފުރަތަމަ ޑޯޒު ޖެހީ  9 މީހުނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވެކްސިންގް ދެވަނަ ޑޯޒު ހޯމަ ދުވަހު 172 މީހަކު ޖަހާފައިވެއެވެ. މީގެ ތެރެއިން 152 މީހަކު ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅުތަކުން އެ ދުވަހު ވެކްސިންގެ ދެވަނަ ޑޯޒު ޖެހީ 50 މީހުނެވެ. މިއާއެކު ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ  364،692 އަށް އަރާފައެވެ.

މީގެ އިތުރުން، ވެކްސިންގެ ބޫސްޓަރ ޑޯޒު ހޯމަ ދުވަހު ފުރިހަމަ ކޮށްފައި ވަނީ 443 މީހުނެވެ. އޭގެ ތެރެއިން 280 މީހުން ވެކްސިންގެ ބޫސްޓަރ ޑޯޒު ފުރިހަމަ ކޮށްފައި ވަނީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅުތަކުން އެ ދުވަހު ވެކްސިންގެ ބޫސްޓަރ ޑޯޒު ފުރިހަމަ ކޮށްފައި ވަނީ 154 މީހުނެވެ. މިއާއެކު ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ  15،850 އަށް އަރާފައެވެ.

ކޮވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒު އެޗްޕީއޭއިން 50 އަހަރުން މަތީގެ މީހުންނަށާއި، ދިފާޢީ ނިޒާމު ބަލިކަށި މީހުންނަށާއި ޕްރޮންޓް ލައިންގައި މަސައްކަތް ކުރައްވާ ސިއްޚީ ޚިދުމަތް ތެރިންނަށް އަމާޒު ކޮށްގެން ޖަހާފައި ވާއިރު ދެކުނު އެފްރިކާ އިން އަލަށް ފެނުނު ކޮވިޑްގެ ވޭރިއަންޓް އޮމިކްރޯން އާއި ދެކޮޅަށް ދިވެހި ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ފްރޮންޓްލައިންގައި މަސައްކަތް ކުރައްވާ ހިދުމަތްތެރިންގެ އިތުރުން ޓޫރިޒަމް ސެކްޓަރގެ މުވައްޒަފުންނަށް ބޫސްޓަރ ޑޯޒު ދޭނެ ކަމުގައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޫސްޓަރ ޑޯޒު ޖަހަން ފަށާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެފައި ވެއެވެ. ބޫސްޓަރ ޑޯޒުގެ ވެކްސިން ފުރިހަމަ ކުރާ ފަރާތްތަށް ވާން ވާނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒާއިި ދެވަނަ ޑޯޒުު ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދިނުމަށް ބޭނުންކުރަނީ ސިނޮފާމް، އެސްޓްރަޒެނިކާ އަދި ފައިޒާ ވެކްސިނެވެ. ކޮވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒުގެ ގޮތުގައި ޖަހަން ނިންމާފައިވަނީ ފައިޒާ ވެކްސިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް