ރައީސް ޔާމީންގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނުދިން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާސްޕޯޓޫ ހިފެހެއްޓުމުގެ އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ. ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓުގައި މިއަދު ބ...

06 Dec 2021 | 15:19

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާސްޕޯޓޫ ހިފެހެއްޓުމުގެ އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، ޔާމީންގެ ދެ ޕާސްޕޯޓެއް ހިފަހައްޓަން ދައުލަތުން އެދިފައިވާއިރު، އެ ދެ ޕާސްޕޯޓްގެ މުއްދަތު ވެސް ހަމަވެފައިވާ ކަމަށެވެ. އަދި އެކަން ދައުލަތަށް އެނގޭތޯ އާއި މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ހިފެހެއްޓުމުގެ ބޭނުމަކީ ކޮބައިތޯ ގާޒީ ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ ޕާސްޕޯޓްގެ މުއްދަތު ހަމަވެފައިވާ ކަން އެނގޭ ކަމަށާއި އެކަމަކު އެ ޕާސްޕޯޓް ހިިފަހައްޓަން އެދުނީ ޕާސްޕޯޓް އާކޮށްގެން ފުރާވަޑައިގަތުމުގެ ފުރުސަތު ނުދިނުމަށް ކަމަށެވެ. އަދި ޕާސްޕޯޓް ނުހިފަހައްޓާ ނަމަ، ކޮންމެ ވަގުތަކު ވެސް ޕާސްޕޯޓް އާ ކުރެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި، މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ފުރައިގެން ނުދެވޭނެ އެވެ. އެކަމަކު، އެފަދަ ޕާސްޕޯޓެއް ހިފަހައްޓަން ކޯޓުން އަމުރު ނެރެފި ނަމަ، އެ ޕާސްޕޯޓް އާކުރަން ހުށަހެޅުމުން އެކަން ދައުލަތަށް އެނގޭނެ ކަމަށާއި އޭރުން އާ ޕާސްޕޯޓް ވެސް ހިފަހައްޓަން އެދެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނީ ޔާމީނަކީ ކުރީގެ ރައީސަކަށް ވާތީ އެ މަނިކުފާނު ރާއްޖެ އިން ބޭރަށް ވަޑައިގެން ބޭރުގައި އުޅުއްވުމުގެ ގާބިލުކަން އެބަހުރި ކަމަށެވެ. އަދި އެފަދަ ހާލަތުތަކުގައި ޕާސްޕޯޓް ހިފަހައްޓަން އަމުރު ކުރެވިދާނެ ކަމަށް ސުޕްރީމް ކޯޓުން ވެސް ކުރިން ނިންމާފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

އެ އަޑުއެހުމުގައި ޔާމީން ވިދާޅުވީ، އެ މަނިކުފާނު ފުރާވަޑައިގަތުން މަނާކުރުމާ މެދު ގޮތެއް ނިންމުމުގައި ކުރިން އަމަލު ކުރެއްވި ގޮތްތަކަށް ބަލަން ޖެހޭނެ ކަމަށެވެ. އެގޮތުން 2019 ވަނަ އަހަރު އެ މަނިކުފާނު ޖަލަށްލުމުގެ ކުރިން ވެސް ފުރާވަޑައިގަތުމަށް މަސައްކަތްޕުޅު ކުރައްވާފައި ނުވާނެ ކަމަށާއި އެހެންވީއިރު، ފުރާވަޑައިގަތުން މަނާކުރުމުގެ އަމުރެއް ނެރެންޖެހޭ ސަބަބެއް ނޯންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ފަހު، އެކަމާ މެދު ގޮތެއް ނިންމަވަމުން އިސް ގާޒީ ޝަކީލް ވިދާޅުވީ، ޔާމީންގެ މައްޗަށް ދައުވާ އުފުލާފައި އޮތުމުން އެ މަނިކުފާނު ފުރާވަޑައިގަތުމުން މަނާކުރަން ޖެހޭ ކަމަށް ދައުލަތުން ބުންޏަސް، ޔާމީން ފުރާވަޑައިގަންނަވަން އުޅުއްވާ ކަމަށް ބެލެވޭ ހެއްކެއް ނެތް ކަމަށެވެ. އަދި ދައުލަތުން ހިފަހައްޓަން އެދޭ ދެ ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓްތަކަކަށް ވާއިރު، ވުޖޫދުގައި ނެތް ޕާސްޕޯޓްތަކެއް ހިފެހެއްޓޭނެ އަސާސެއް ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް